ދުނިޔޭގެ ފެންވަރުގައި ރީތީގެ ރާނީ ހޮވުމަށް ބާއްވާ 73 ވަނަ، މިސް ޔުނިވާސް 2024 ގައި ދިވެހި ލިބާޙުގެ ރީތި ކަން މަރިޔަމް ޝައިނާ ނަސީމް މުޅި ދުނިޔެއަށް ދައްކާލާއިފިއެވެ.
މި މަހުގެ 16 ވަނަ ދުވަހު މެކްސިކޯގައި ބާއްވާ މިސް ޔުނިވާސް 2024 ގެ ޕްރިލިމިނަރީ ރައުންޑްތައް މި ހަފްތާގައި ބާއްވަމުން އަންނަ އިރު، ދިވެހި ލިބާހުގައި ޝައިނާގެ ފެނިލުން އަންނަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ. މިއީ ހުރިހާ ގައުމުތަކެއްގެ ސަގާފަތް ދައްކާލުމަށް ހުޅުވާލި ރައުންޑްގައި ޝައިނާގެ ފެނިލުމެވެ.
ކަސަބު އެޅި ރަތް ލިބާހުގައި ހުރި ޝައިނާގެ ކަރުގައި ފައްތަރުބައެއް އަލާފައި ވެއެވެ. އަދި އޭނާގެ އިސްތަށިގަނޑުވެސް ވަނީ ލިބާހާ އެކު ދިވެހިން އިސްތަށިގަނޑު ސްޓައިލް ކުރާ ގޮތަށް އެއްފަރާތާކަށް ހުޅިއެއްހެން ހަރުކޮށްފައެވެ. ދިވެހި ވަންތަ ފަރި ހިނގުމެއްގައި އޭނާ ހިންގާފައި އަންނަ މަންޒަރު ފެންނަ ވީޑިއޯއަށް އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. މިއީ ދުނިޔޭގެ ފެންވަރުގެ މިފަދަ ސްޓޭޖެއްގައި ދިވެހި ސަގާފީ ހެދުމެއް ދައްކާލި ފުރަތަމަ ފަހަރު ވެސް މެއެވެ. އަދި މިއީ މިސް ޔުނިވާސް ފަދަ މުބާރާތެއްގައި ދިވެއްސަކު ބައިވެރިވާ ފުރަތަމަ ފަހަރު ވެސް މެއެވެ.
މި މުބާރާތުގައި ދެން އޮންނާނީ 25 ފައިނަލިސްޓުން ހޮވުމެވެ. އޭގެ އިތުރުން އެމެރިކާ، ކެރިބިއަން، ޔޫރަޕް، އެފްރިކާ، އޭޝިއާ އަދި އޯޝަނިއާއިން ހަތަރު ރީޖަނަލް ކެންޑިޑޭޓުން ހޮވާނެއެވެ. ސެމީ-ފައިނަލިސްޓް ހޮވާނީ އާންމުންގެ ވޯޓުންނެވެ. އަދި މާދަމާ، ފައިނަލަށް 12 ބައިވެރިން ހޮވާއިރު ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.
މިސް ޔުނިވާސް މުބާރާތުގައި ޝައިނާ ބައިވެރިވީ ރާއްޖޭގެ އިވެންޓް މެނޭޖުމަންޓް ކުންފުނި "ހީ އެންޑް ޝީ މޯލްޑިވްސް"ގެ ފަރާތުން ފަހިކޮށްދިން ފުރުސަތެއްގަ އެވެ. ހީ އެންޑް ޝީއަކީ އިންޓަނޭޝަނަލް ބިއުޓީ ޕެޖެންޓް ފްރެންޗައިޒް "ޓޮޕް މޮޑެލް" ވެސް ރާއްޖެއަށް ތައާރަފުކުރި ކުންފުންޏެވެ.
ޝައިނާ މި މުބާރާތުގައި ބައިވެރިވި އިރު، މި ކަމާ ދެކޮޅަށް ފާޑުކިޔާ އެތައް ބަޔަކު ވަނީ އަޑު އުފުލާފައެވެ. މި ފާޑުކިޔުންތަކާ އެކު މި ސަރުކާރުން ވަނީ މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުން ބަލަައިނުގަންނާނެ ކަމަށް ބުނެ އެއީ ސަރުކާރާ ގުޅުން ހުރި ކަމެއް ނޫންކަން ހާމަކޮށްފައެވެ.
ނަމަވެސް ޝައިނާގެ މި ފެނިލުމާއެކު ގިނަ ބަޔަކު އަންނަނީ ޝައިނާއަށް ތައުރީފް ކުރަމުންނެވެ. މިސް ޔުނިވާސްގެ ރައުންޑްތަކުގެ ވީޑިއޯތައް ދައުރުވަމުން އަންނަ އިރު ޝައިނާގެ ހެދުންތައް ޑިޒައިންކޮށްފައިވާ ގޮތަށް ބަލާ ގިނަ ބަޔަކު ބުނަމުން އަންނަނީ މިފަދަ މުބާރާތެއްގައި ދިވެހިރާއްޖެ ތަމްސީލް ކުރި ޝައިނާއަށް ތައުރީފް ހައްގު ކަމަށެވެ. އަދި މިއީ ތާރީހީ ކަމެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު އަންނަނީ ގަބޫލު ކުރަމުންނެވެ.