މިސް ޔުނިވާސް 2026 ގައި ބައިވެެރިވާން ރާއްޖޭގެ މޮޑެލްއެއް ކަމަށް ވާ ޔުއިން ހޮވިއްޖެއެވެ.
ނޮވެމްބަރު މަހު ޕޯޓެރިކޯގައި ބާއްވާ 75 ވަނަ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކަށް ބައިވެެރިވަނީ 22 އަހަރުގެ އައިމިނަތު ޔުއިން މުހައްމަދުއެވެ. ޓިކްޓޮކްއިންވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޔުއިން މޮޑެލިންގެ ދާއިރާއަށް ތައާރަފްވެފައި ވަނީ އަމިއްލަ ފަރާތަކުން ދާދި ފަހުން ރާއްޖޭގައި ބޭއްވި ބްރައިޑް ފެއާއިންނެވެ.
ރާއްޖެއިން އެންމެ ފުރަތަމަ މިސް ޔުނިވާސް މުބާރާތުގައި ވާދަކޮށްފައި ވަނީ 2024 ވަނަ އަހަރުއެވެ. އެފަހަރު ރީތީގެ ރާނީގެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރީ މަރިޔަމް ޝައިނާ ނަސީމްއެވެ.
އެއަހަރު ރާއްޖެ ފަދަ މުސްލިމް ގައުމަކުން އެފަދަ މުބާރާތެއްގައި ބައިވެރިވުމުން ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެއާއެކު މިސް ޔުނިވާސްގައި ދިވެއްސަކު އަމިއްލަ އަށް ބައިވެރިވާން ނިންމާފައި ވިޔަސް އެއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށާއި އެކަން ހުއްޓާލުމަށް ސަރުކާރުންވެސް ގޮވާލާފައި ވެއެވެ. އެގޮތުން ދިވެހިންގެ ދީނާއި އަގީދާއި ސަގާފަތާ ނުގުޅޭ މުބާރާތްތައް ބޭއްވުމާއި އެކިއެކި ފަރާތްތަކުން ބާއްވާ އެ ކަހަލަ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ.
މިސް ޔުނިވާސް މުބާރާތަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތެވެ. 130 އަށްވުރެ ގިނަ ގައުމުތަކުން މި އަހަރުވެސް މި މުބާރާތުގައި ބައިވެރިވާނެ ކަމަށް ލަފާކޮށްފައިވާއިރު ނިމިދިޔަ އަހަރު ރީތީގެ ރާނީގެ ތާޖު ހާސިލްކޮށްފައިވަނީ މެކްސިކޯއަށް ނިސްބަތްވާ ފާތިމާ އެވެ. ތައިލެންޑުގައި ކުރިއަށްދިޔަ އެ މުބާރާތުގައި 120 ގައުމަކުން ބައިވެރިވެފައި ވެއެވެ.
