ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލު ބަލައިގަނެ، ހާއްސަ ކޮމިޓީއަކަށް ފޮނުވައިފިއެވެ.

މައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

އެ ބިލުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބިލު ދިރާސާކުރުމަށް ހާއްސަ ކޮމިޓީއަކަށް ފޮނުވުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތް ނަމަވެސް، ޕީއެންސީން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދީފައެވެ. ޑިމޮކްރެޓުން ބޭނުންވީ ހަތް މެންބަރުންގެ އެ ކޮމިޓީގައި ހުރިހާ ޕާޓީތަކުގެ ބައިވެރިވުން އެކުލެވޭ ގޮތް ހެދުމަށެވެ.

އެކަމަކު ޕީއެންސީން ވަގުތީ ކޮމިޓީއަކަށް ބިލު ފޮނުވުމަށް ދެކޮޅު ހެދުމާ ވެސް އެކު، އެ ކޮމިޓީ ފާސްކުރީ އެމްޑީޕީގެ ހަތް މެންބަރަކު ހިމަނައިގެންނެވެ. އެ މެންބަރުންނަކީ:

  • ބިލު ހުށަހެޅުއްވި އަހްމަދު އަބްދުﷲ
  • ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު
  • ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
  • މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން
  • ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
  • ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

އެމްޑީޕީގެ ފަރާތުން ހުށަހެޅި އެންޓި-ޑިފެކްޝަން ބިލުގައިވާ ގޮތުން، މަޖިލީހަށް ވާދަކޮށް އިންތިހާބުވި ޕާޓީން މެމްބަރަކު އަމިއްލަ އަށް ވަކިވެއްޖެނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެއެވެ. އަދި މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.