ސަރުކާރުގެ ފަރާތުން ހުށަހެޅި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު ބަލައިގަތުމާ ގުޅޭ ގޮތުން މެންބަރުންގެ ވޯޓު އެއްވަރުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމްގެ ވޯޓާ އެކު އެ ބިލު ބޭރުކޮށްލައިފިއެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އެ ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ދައުލަތުގެ ދަރަނި ކުޑަކޮށް ދައުލަތުގެ މުއްސަނދިކަން އަންނަން ހުރި ޖީލުތަކަށް ވާރުތަކޮށްދިނުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑެއް ގާއިމްކޮށް، އެ ފަންޑު ހިންގައި ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގޮތުންނެވެ.

މިއަދުގެ ޖަލްސާގެ އެންމެ ފަހު ވޯޓަކަށް އޮތީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު މަޖިލީހަށް ބަލައިގަތުމާ މެދު ނެގި ވޯޓެވެ. އެ ވަގުތު ތަޅުމުގައި ތިއްބެވި 28 މެންބަރުންގެ ތެރެއިން ބިލަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. އެއް މެންބަރަކު ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވި އިރު ދެވަނަ މެންބަރު ވޯޓު ދެއްވީ ބިލު ބަލައިނުގަތުމަށެވެ.

"ދެންމެ ނެގުނު ވޯޓުގެ އާދަޔާހިލާފު ނަތީޖާ އަޅުގަނޑު މި ދަންނަވަނީ..." ބިލަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު މަދުކަމުން، ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހްމަދު ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭނގޭ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި މިފަދަ ގޮތަކަށް ވޯޓެއް ނެގުނުކަމެއް،" އޭނާ ކުރިއަށް ގެންދެވިއެވެ.

"އަޅުގަނޑުމެންނަށް ފްލޯ އިން މި ފެންނަނީ ސަރުކާރުގެ އެއްވެސް މެންބަރަކު، ހަމަ އެއްވެސް މެންބަރަކު ހާޒިރުވެވަޑައިގެން ނެތްކަން، އެހެންވީމާ މި ބިލުގެ މުހިންމުކަން އަޅުގަނޑަށް ސަރުކާރުގެ މެންބަރުންގެ ފަރާތުން ފެނިވަޑައިގެންފައި ނުވާތީ އަޅުގަނޑު މި ވޯޓު ދެނީ ނުފެންނަ ކަމަށް،"
މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް

އެހެންކަމުން ސަލީމްގެ ވޯޓާ އެކު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.