ނިމިދިޔަ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކުގެ މައްސަލަ ބެލުމަށްޓަކައި ހައުސިން މިނިސްޓްރީ އަށް ލަފާދޭން އުފެއްދި ކޮމިޓީން އަނީސާ އަހްމަދު އިސްތިއުފާދެއްވައިފިއެވެ.

ގޯއްޗާއި ފްލެޓްތަކުގެ މައްސަލަތައް ބެލުމަށްޓަކައި މިދިޔަ މަހުގެ މެދުތެރޭގައި މިނިވަން ކޮމިޓީއެއް ހައުސިން މިނިސްޓްރީން އުފެއްދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިންނެވެ.

އެ ކޮމިޓީގެ ޗެއާގެ މަގާމު ވެސް ފުރުއްވި އަނީސާ 'ދަ ޕްރެސް' އަށް މިއަދު ވިދާޅުވީ، ސިއްހީ ސަބަބުތަކާ ހުރެ، ބަލި ހާލަތުގެ ގޮތުން ކޮމިޓީގެ މަސައްކަތްތަކަށް ވަގުތު ނުދެއްވޭތީ އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.

އަނީސާގެ އިތުރުން، ގޯއްޗާއި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި ދެން ތިއްބަވަނީ:

  • އާމިނަތު އީނާސް
  • އަހްމަދު އަލިމަނިކު
  • އަބްދުލްއަޒީޒް ޔޫސުފް (ޑެޕިއުޓީ ޗެއާ)
  • މަރިޔަމް ފިޒާނާ ރަޝީދު

މިހާތަނަށް އެ ކޮމިޓީން ބާއްވާފައި ވަނީ ވެސް އެންމެ ބައްދަލުވުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވަނީ، ފްލެޓްތަކާއި ގޯތި ދޫކުރުމުގެ މަސައްކަތް މިނިވަން ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ ލަފާގެ މަތިން ގެންދާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން

ކުރީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލައިގައި ހިންގި ތަހުގީގަށް ފަހު އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުން:

  • އެ ސްކީމުގެ ދަށުން ހުށަހެޅި 4،048 ފޯމެއް ބަލާފައިވޭ
  • އޭގެ ތެރެއިން ޝަރުތު ހަމަވަނީ 20.7 ޕަސެންޓު ފޯމުތައް
  • 59.6 ޕަސެންޓު ފޯމުތަކުގެ ޝަރުތު ފުރިހަމަނުވޭ
  • 19.7 ޕަސެންޓު ފޯމުތަކުގައި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އެބަހުރި