ވިޝާލް ގުޑްނައިޓް ކިޔާ ފޯނުބޭއްވުމުން ތޫބާގެ ފޯނުގެ ޑިސްޕްލޭ ޒީކް ނިއްވާލިއެވެ. ގަދަޔަށް ނިދާފައިވާ ތޫބާއާ ދިމާލަށް ޒީކް އެނބުރިލީ ނުލަފާ ހިނިތުން ވުމަކާއި އެކީގައެވެ. އޭރު ތޫބާ އޮތީ ގަދަޔަށް ނިދާފައެވެ. ތޫބާގެ އަޑުން ވިޝާލްގެ ފޯނަށް ޖަވާބު ދިނީ ޒީކެވެ. ފޯނު ކުރިންވެސް އޮތްތަނުގައި ބޭއްވިއެވެ. ތޫބާގެ ބޯ ދަށަށް ލައިގެން އޮތް ބާލިސް ކައިރީގައެވެ. އެއަށްފަހު ޒީކް އޭނާގެ ހެދުން ބަދަލުކޮށްގެން ތަންމަތީގައި އޮށޯވެލިއެވެ. އަދި ލޯމަރާލި އިރު ތުންފަތް މައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.
*** *** *** *** *** ***
ކައިސަން ގެއަށް އައިސް ވަނީ އޭނާގެ އަތުގައި ނެތް ކަހަލަ ރިމޯޓް ކާރެއް ގަނެގެންނެވެ. އެ ކާރު ރައްކާކުރުމަށް ކައިސަންގެ ކޮޓަރިއަށް ދިޔައީ ވަރަށް އުފަލުން ހުރެއެވެ. މަރީޝާ ސިޓިންގް ރޫމްގެ ލައިޓް ދިއްލާލުމަށް ފަހު ގޭތެރެއަށް ވަދެގެން ދިޔައީ ކަޔާންގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރި ތެރެއިން އެއްވެސް އަލިކަމެއް ފެންނަން ނެތުމުން އެކަމާ ކަންބޮޑުވިއެވެ. އަނެއްކާ ކަޔާން ގެއަށް ނާންނަނީ ބާވައޭ ހިތަށް އެރިއެވެ. ކޮޓަރީގެ ތަޅުގައި ހިފާލި އިރު ކޮޓަރި ހުރީ ތަޅު ނުލާ ކަމުން ވަރަށް ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. ސިޓިންގް ރޫމްގައި ހުރި ހޮޅިބުރިން އެ ކޮޓަރި ތެރެއަށް އެޅުނު ފަނޑު އަލިކަމުގެ ތެރެއިން އެނދުމަތީގައި އޮށޯވެލައިގެން އޮތް ކަޔާން މަރީޝާއަށް ފެނުނެވެ.
އެހެންކަމުން އަވަހަށް ކޮޓަރީގެ ދޮރު ކައިރީގައިވާ ސްވިޗަށް ފިތާލާ ބޮކި ދިއްލާލިއެވެ. ބޮކީގެ އަލިން ކަޔާނަށް އުނދަގޫވިއެވެ. އަދި ސިިހިފައި ކަޔާނަށް އޭނާގެ މަންމައާ ދިމާލަށް ބަލާލީ ލިބުނު ހައިރާންކަމުންނެވެ.
"މަންމަތަ... ކޮން އިރަކު އައީ؟..." ކަޔާން ހަމަޖެހިލަން މަސައްކަތް ކުރަމުން އޭނާގެ މަންމައާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ކަޔާންގެ މޫނުމަތިން ފާޅުވަމުން ދިޔަ ނުތަނަވަސް ކަމުގެ ކުލަވަރު މަރީޝާ ދެނެގަތެވެ.
"ދަރިފުޅު ކައިގެންތަ އައީ؟..." މަރީޝާގެ ސުވާލަށް ޖަވާބު ދިނުމަށް ކަޔާން ދެއަތަށް ބޯ ހޫރާލީ ނުކަމޭ ބުނާ ފަދައަކުންނެވެ.
"ބައްޕަ އެބަ އާދޭ ޕިއްޒާ ހިފައިގެން.... އާދޭ ބޭރަށް ކާން...." މަރީޝާގެ އަޑުގައި ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ ފަދަ ރާގެއް އެކުލެވިގެން ވެއެވެ. މަރީޝާ ހުރީ ކަޔާން ގާތުގައި އަދި ސުވާލެއް ކޮށްލަން ބޭނުންވެފައެވެ. ކަޔާންގެ ތުންފަތް މައްޗަށް ވެރިވި ލުއި ހިނިތުންވުން ފެނުމުން އެނދުގެ މަގަތުގައި މަރީޝާ އިށީނެވެ. އެނދުމަތިިން ކުޑަކޮށް ތެދުވެ ކަޔާން ހެޑްބޯޑްގައި ލެގިލީ މަންމަ ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭހެން ހީވުމުންނެވެ. ކަޔާންގެ ގާތުގައި އޮތް ވާހަކަ ފޮތް މަރީޝާގެ ލޮލުގައި އަޅައިިގަތެވެ. ވާހަކަ ފައްޓާނެ ގޮތެއް ނޭނގިފައި އިން މަރީޝާގެ ދުލަށް އެވަގުތު އައި ސުވާލު ބޭރުކޮށްލިއެވެ.
"ދަރިފުޅު ކޮން އިރަކު ދިވެހި ވާހަކަ ކިޔަން ފެށީ... ގައިމު މަންމަ އަތުގަ ބައިވަރު ދިވެހި ވާހަކަފޮތް ހުންނަ އިރު ކަޔާން ދުވަހަކުވެސް ވާހަކަ ފޮތެއް ކިޔަން އުޅުނު ހަނދާނެއް ނުވޭ..."
ކަޔާންގެ މަންމަ އެ ދައްކަނީ ކަނޑުފެން ވާހަކައިގެ ވާހަކަ ކަން ކަޔާނަށް އެނގުނެވެ.
"ހޫން.... އެއީ އަޅުގަނޑު ވަރަށް ގާތް ރައްޓެއްސެއް ލިޔުނު ވާހަކައެއް.... އެހެންވެ ކިޔާ ހިތްވީ...." ކަޔާން އެ ވާހަކަ ކިޔަމުންދާ ސަބަބު އޭނާގެ މަންމައަށް އޮޅުން ފިލުވައިދިނެވެ.
"އަލީނާ ދޯ..." މަރީޝާ މިހެން ބުނި އިރު ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކަޔާންގެ މަންމަގެ އެ ބަހުން ކަޔާނަށް ސިހުމެއް ލިބުނެވެ. އަދި މަންމަގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން ކަޔާން ފަސްޖެހި ލަދުގަންނަ ގޮތްވުމުން ކަރު ކެހިލިއެވެ. "އާން އަލީނާ ލިޔުނު ވާހަކައެއް މިއީ..."
"ކަޔާން މިއަދު ސަލްމާން މިސްކިތް ކައިރީ، ބައްދަލުކުރަން ހުރީ މި ކުއްޖާއާ ތަ؟" މަރީޝާ މިފަހަރު ކޮށްލި ސުވާލުން ކަޔާން ސިހި ދެލޯ ބޮޑުވިއެވެ.
"މަންމައަށް ކިހިނެތް އެނގުނީ؟.." ކަޔާންގެ ނިތްކުރިއަށް ގިނަވެފައި ހުރި ރޫތައް ފެނި މަރީޝާއަށް ހެވުނީ ހިފެހެއްޓުމެއް ނެތިއެވެ.
"މަންމަމެން ދެކުނިން އެތާ ދެމީހުން އެކީގައި ތިބިތަން.... ކައިސަން ދޮންބެއޭ ކިޔާފަ ވަރަށް ގޮވި... އާ ކާރެއް ބައްޕަ ގަނެދިނީމަ އެ ދުއްވަންވެގެން އާޓިފިޝަލް ބީޗަށް ދިޔަ މަގުމަތީ... ދެން މަންމަ ބުނިން ދޮންބެ ބަހައްޓާށޭ... ފަހުން ބެލި އިރު އެހިސާބުގަ ފެންނަން ނެތުމުން މަންމަމެން މިއައީ ޑައިންމޯއިން ކައިގެން ދަރިފުޅަށް ޕިއްޒާއެއް ހިފައިގެން..." މަރީޝާއަށް ކަޔާން މެން ފެނުނުގޮތް ހާމަކުރުމުން ކަޔާން އިތުރަށް ލަދުގަތެވެ. ނަމަވެސް ބަހެއް ނުބުނެ އެނދުމަތީގައި އިނދެފައި ކަޔާނުގެ ފޯނު ނަގާ ފޯނާ ކުޅެން ފެށީއެވެ. އެހެންކަމުން މަރީޝާ ބޭރަށް ނުކުތެވެ.
ކަޔާންގެ ފޯނަށް އައިސްފައިވާ ނޮޓިފިކޭޝަންތައް ހުޅުވާލިއިރު އަލީނާ ފޭސްބުކް އިން ފްރެންޑް ރިކުއެސްޓް ފޮނުވާފަ އިންތަން ފެނުނެވެ. ނަމަވެސް ކަޔާން އެކަމަށް މާބޮޑު ސަމާލުކަމެއް ނުބަހައްޓާ ފޭސްބުކްއިން މީހުން ފޮނުވާފައިވާ މެސެޖްތައް ކިޔަމުން ދިޔައިރު އަލީނާ ފޮނުވާފައިވާ މެސެޖެއް ފެނުނެވެ. މެސެޖްގައި ފޮނުވާފައިވަނީ އަލީނާގެ ފޯނު ނަންބަރެވެ. އެ ނަންބަރެއް ހޯދަން ކެތްމަދުވެފައިވާ ކަޔާނަށް ބުނެދޭން ނޭނގޭ ކަހަލަ ފޫހިކަމެއް ވެރިވަމުން ދިޔައެވެ. ކަޔާންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބެއް ނުލިބި ހުރުމުން ހިތަށް ނުހަނު ބޮޑެތި އުނދަގޫތައް ކުރުވަައިފިއެވެ.
ސިކުނޑީގައި އެނބުރެމުން އައި މި ޚިޔާލުތަކުން އެއްފަރާތަކަށް ޖެހިލެވުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖާހަލި އަޑަށެވެ. ސިހިފައި ކަޔާން އެނދުން ތެދުވެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދޮރު މަތީގައި ހުއްޓިގެން މިހުރީ ކަޔާންގެ ބައްޕައެވެ. ކަޔާނަށް ޕިއްޒާ ގެނެސްފައި ހުރުމުން އަވަހަށް އޭގެ ތާޒާކަން ނުކެނޑެނީސް ކާން އައުމަށް އެދުނެވެ. ކޮޓާރީގެ ދޮރު ލައްޕާލުމަށްފަހު ބައްޕަގެ ފަހަތުން ކާކޮޓަރީގެ މޭޒުދޮށަށް ކަޔާން ހިނގައިގަތެވެ. އޭރު މަރީޝާ ޕިއްޒާ ފޮށި ތެރެއިން ހަތަރު ފޮތި ޕިއްޒާ ނަގާ ތައްޓަކަށް ލައިދެމުން އަދި އިތުރަށް ބޭނުންވާނެތޯ ކަޔާން ގާތު ސުވާލުކޮށްލިއެވެ. ދެން އެންމެ ރަނގަޅޭ ބުނެ ޕިއްޒާ ތައްޓާއި މޭޒުމަތީ ހުރި ކޯކް ފުޅި ހިފައިގެން ކޮޓަރިއާ ދިމާލަށް ކަޔާން ހިނގައިގަތެވެ.
ފަހަކަށް އައިސް ކަޔާންގެ ފުށުން މަރީޝާއަށް ފެންނަމުން ދާ ބަދަލުތަކުގެ ވާހަކަ ދެއްކުމުންވެސް އެކަމާ ހަމްދުﷲ ސަމާލުކަމެއް ދޭ ކަން ފާހަގަ ނުވާތީ މަރީޝާ ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. ކަޔާން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އަޑު އިވުމުން މަރީޝާ ވާހަކަ ދައްކަން ފެއްޓިއެވެ.
"ނުފެނޭތަ؟.... އެއީ ކުރިން އަހަރެމެންގެ ކަޔާން އުޅުނު ގޮތެއް ނޫން.... ނިކަން އެ ސޮރާ ވާހަކަ ދައްކަބަލަ..."
ފޮށިގަނޑު ތެރޭގައި ބާކީ ހުރި ޕިއްޒާ ތަކުގެ ތެރެއިން ފޮއްޗެއް ނަގާ ހަމްދުﷲ ކާން ފެށިއެވެ. ރުޅި ހަދައިގެން ހުރި މަރީޝާގެ މޫނަށް ބަލާލުމަށްފަހު މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝުލަކުން އަނގަމަތި ފުހެލުމަށްފަހު ވާހަކަ ދެއްކިއެވެ. "ސާބަހޭ މަރީ!... މި އުމުރުގަ އެކަހަލަ ބަދަލުތައް އަންނާނޭ... އަހަރެންނަށްވެސް އެނގެޔޭ އޭނަޔަށް އެކި ކަހަލަ ބަދަލުތައް އަންނަކަން... މަށަށް ބޮޑަށް ހީވަނީ އަންހެން ކުއްޖެއްގެ ކަމެއްހެން...." މިހާ ހިސާބަށް ވާހަކަ ދިޔަ އިރު ހަމްދުﷲގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
ހަމްދުﷲގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަވަރުތަކަށް ބަލަން ހުރުމަށް ފަހު މަރީޝާ ސުވާލުކޮށްލިއެވެ. " އެހެންތަ... ކިހިނެއް އެޔެއް އެނގެނީ؟.... މިއަދު ހަވީރު ކަޔާން ފެނުނީދޯ..."
"ނުނޭ މަށެއް ނުދެކެން... އެކަމަކު މަރީ ބުނީމެއްނު ފެނުނު ވާހަކަ... އަސްލު މަވެސް އުޅުނީ އެހެންނޭ މަރީ ކާމިޔާބު ކުރަން އުޅުނު އިރު... އަދި ބަހައްޓާ... ފަހުން އެ ވާހަކަ ދައްކާނީ... ހިނގާ ދެން ކޮޓަރިއަށް ދާން... ވަރަށް ނިދި އައިސި..." ހަމްދުﷲގެ ފަހު ބަހާއެކީ މަރީޝާގެ އަތުގާ ހިފާލުމުން މަރީޝާއަށް ލަދުން އިސް ޖަހާލެވުނެވެ.
ޕިއްޒާ ކައިގެން ކަޔާން އަނެއްކާވެސް އޭނާގެ ފޯނުން ފޭސްބުކް ވޯލް ހާވަމުން ދިޔައެވެ. ކުއްލިއަކަށް މިޝްކާ މަތިން ހަނދާންވުމުން މިޝްކާގެ ނަންބަރަށް ގުޅާލިއެވެ.
"ހަލޯ ކަޔާން.... ކިހިނެއްވީ...." ފޯނު ނެގުމާ އެކީ މިޝްކާ އެއް ފައްޗަކަށް އަހާލިއެވެ.
"ހެއި އަމް ނޮޓް ގުޑް... އަންގާވެސް ނުލާ.... އަލީނާ ގެންނާނެ ކަމަކަށް ހިޔެއް ނުކުރަން... އައި ނީޑް ޓު ޓޯކް... ފްރީތަ؟.." ކަޔާން ވަރަށް އަވަސް އަވަހަށް އޭނާ ބޭނުންވާ މައުޟޫއަށް ދާން މަސައްކަތް ކުރިއެވެ.
"އޯހް... އެހެންވެ ދޯ ތި ގުޅީ... އައިމް އޮން ޑިއުޓީ.... ކިހާވަރެއްގެ ވާހަކައެއް ބާ؟.." މިޝްކާ މިހެން ބުނުމުން ކަޔާނަށް މިއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަން އެނގުނެވެ.
"އޯކޭ.. ޕާސްޓްގަ ވީ ކަންތައް އަދިވެސް ކިޔައި ނުދެމެންނު... އައި ނީޑް ޓު ނޯ އޯލް އޮފް އިޓް... މަށަށް އެނގޭ މިޝްކާއަށް ނޭނގޭ ކަމެއް ނޯންނާނެ ކަން... ސޯ... މިޝްކާ ބުނޭ ހަދަންވީ ގޮތެއް... ޑިއުޓީގަ ހުރެގެން އެހާ ބޮޑު ސްޓޯރީއެއް ކިޔައި ނުދެވޭނެ ދޯ... އަނެއްކޮޅުން މަ ބޭނުމީ ބައްދަލުކޮށްގެން މި ވާހަކަ ދައްކަން..." ކަޔާންގެ ވާހަކަ ނިންމާލުމުން މިޝްކާ ހިނދުކޮޅަކަށް ހިމޭން ވުމަށްފަހު ވާހަކަ ދެއްކިއެވެ.
"އޯކޭ... ކިޔައިދޭނަން... މާދަމާ ބްރޭކްފާސްޓަށް އެއްކަލަ ކެފޭއަށް އާދޭ... އަށެއް ޖަހާއިރު... އެގަޑީ ތަންކޮޅެއް މީހުންވެސް މަދުވާނެ..." މިޝްކާ މިހެން ބުނުމުން ކަޔާން ފޯނު ބޭއްވީ ވަރަށް އުފަލުން ހުރެއެވެ. މާދަމާ ހެނދުނަކީ ފޮރުވިފައިވާ ހަޤީޤަތް މިޝްކާގެ ފަރާތުން ކަޔާނަށް އެނގޭނެ ދުވަސްކަމަށް ވުމުންނެވެ. ވާހަކަފޮތް ހަރު މަތީ ބޭއްވުމަށްފަހު ތަންމައްޗަށް އަރާ ދެލޯ ތަގުޅިކޮށްގެން ނިދަން މަސައްކަތްކުރިއެވެ.
އެނދުމަތީ އޮވެ ދެއަތަށް ފުރޮޅި ފުރޮޅި ގަޑިއަށް ބެލުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ. ކަޔާން އެންމެ ފަހުން މިރޭ ލޮލަށް ނިދި އަންނަން ދެން ވާހަކަ ކިޔަން އޮންނަން ނިންމިއެވެ. ވާހަކައިގައި ކުރިޔަށް ހުރި ބައިތައް ކިޔާލަން ފޮތްހުޅުވާލިއެވެ. ކުރިން ކިޔާފައިވާ ޞަފްޙާ ފާހަގަ ކުރަން ކަޔާން އެ ފޮތުގެ ތެރެއަށް ލައްވާފައިވާ ގަނޑުކޮޅު ނެގުމަށްފަހު އެ ޞަފްޙާއިން ކިޔަން ފެށިއެވެ.
*** *** *** *** ***
އާ ދުވަހަކަށް އިރުއެރީއެވެ. ތޫބާއަށް ލޯހުޅުވާލެވުނީ އޭނާގެ ފޯނުގެ އެލާމްގެ އަޑަށެވެ. ފޯނުނަގާ ޑިސްޕްލޭއަށް ބަލާލުމަށްފަހު އެލާމް ކަނޑާލިއެވެ. އޭރު ގަޑިން ހެނދުނު ހަޔެއް ޖެހީއެވެ. އަވަހަށް ތެދުވެ ޒީކް ކޮބާތޯ ބަލާލިއިރު ޓެންޓު ތެރެއިން ޒީކް ފެންނަން ނެތުމުން ހައިރާންވެ ހުރެ ޓެންޓުން ބޭރަށް ބޯ ދިއްކޮށްލިއެވެ. ތޫބާގެ ހޭވިފައިވާ އިސްތަށިގަނޑުގައި އަތުން ފުނާ އަޅަމުން އެ އިސްތަށިގަނޑު އެކީ އެކައްޗަކަށް ނަގާ ހުޅިއެއް ޖަހާލިއެވެ. ގޮނޑުދޮށުގައި ހަދާފައިވާ މޭޒު ކައިރީގައި މިންނާއާއި ޝައްފައާއި އެކު ޒީކް ހަރަކާތްތެރިވާ މަންޒަރު ފެނުމުން ތޫބާ ހުރީ ހިސާބަކަށް ހައިރާންވެފައެވެ.
ތޫބާ ޓެންޓު ތެރެއަށް ވަދެ ދަތްއުނގުޅާށާއި މޫނު ދޮންނަން އެއްޗެހި ހިފައިގެން ނުކުތެވެ. އޭރު ވިޝާލާއި މަޒީން ފެންހަންތަކެއް ހިފައިގެން ޓެންޓުތައް ކައިރިޔަށް އައިސް ހުއްޓުނެވެ. ވީޝާލަށް ތޫބާ ފެނުމުން ލުއި ހިނިތުންވުމަކާއި އެކީ "ގުޑް މޯނިންގް' އޭ ބުނެލިއެވެ. ރައްދުގައި ތޫބާ ހިނިތުންވެލިއެވެ.
"އަން... މިހިރީ އެއްކަލަ ވަޅުން ގެނައި ސާފު ފެން... އެހިސާބަށް ދާކަށް ނުޖެހޭނެއްނު... ތޫބާއަށް ސްޕެޝަލްކޮށް މި ގެނެސްދިނީވެސް..." ވިޝާލްމެން ގެނައި ފެންހަމުން އެއް ހަން ތޫބާއަށް ދިއްކޮށްލަމުން ވިޝާލް ވާހަކަ ދެއްކިއެވެ.
"އޯ.. އެންމެން ހޭލީތަ؟ ހާދަ ހެނދުނަކާ.... އަހަރެން އެކަނިތަ މިހާ ލަހުން މި ހޭލީ..." ހައިރާންވެހުރެ ތޫބާ ވާހަކަ ދައްކަމުން ފެންހަމުގައި ހިފައިގެން އަތިރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.
މޫނު ދޮވެ ރީތި ވެގެން ތޫބާ ވެސް އަވަސްވެގަތީ ހެނދުނުގެ ސައި ތައްޔާރު ކުރަން އެހެން އަންހެން ކުދިންނާ ބައިވެރި ވުމަށް އެ މޭޒުދޮށަށް ދިޔުމަށެވެ. ތޫބާ އެހިސާބަށް ދިޔައިރު ފެންނަމުން ދިޔައީ އާދަޔާ ޚިލާފް މަންޒަރެކެވެ. ޒީކް ރޮށި ދަމާ މަންޒަރެވެ. ބަދިގޭތެރޭ ކުރާ ގިނަ ކަންކަން ކުރަން އެނގުނަސް މިހާ މޮޅުކޮށް ހަލުވިކަމާއި އެކީ ރޮށިދަމަން ޒީކަށް އެނގޭ ކަމެއް ތޫބާއަށް އެނގިފައެއް ނެތެވެ. ހައިރާންވެ ހުރެ ތޫބާ ބުނެލިއެވެ. "އޯ ވާއު ޕާރފެކްޓް ސާރކަލްސް ދޯ..."
"އާން ޒީކް މާ މޮޅެއްނު އަހަރެމެންނަށް ވުރެއް.... މަވެސް މިހުރީ ކޮސްވެފަ.. އަދި ހާދަ އަވަހޭ..." އަނގަހުޅުވައިގެން ހުރި ތޫބާއާ އެއްބައި ވަމުން މިންނާ ބުނެލިއެވެ.
"ހޫން އޯކޭ ކޯއްޗެއް ލައިގެން ކާއެއްޗަކަށް ހަދާނީ.... އަހަރެން ފިޔާކޮށަންތަ؟" ތޫބާ އޭނާ ކުރަންވީ މަސައްކަތެއް ހޯދަމުން އެހެން އަހާލިއެވެ.
"ތިކަންވެސް ނިމިއްޖެ.... މަސްދަޅުން ކުޅިމަސް ހެދީ..." ޝައްފަ މިހެން ބުނި އިރު ތޫބާ ހުރީ ފިޔާ ކޮށަން ވަޅިއަކާ ތައްޓެއްވެސް ނަގައިގެންނެވެ. އެހެންކަމުން އަނބުރާ ތައްޓާއި ވަޅި މޭޒުމަތީގައި ބެހެއްޓިއެވެ. ޒީކް ތޫބާއަށް ބަލާލުމަށްފަހު ފަހުރޮށި ދަމަމުން ބުނެލިއެވެ. "ދެން އެންމެންނަށް ސައިހަދާ... ހޫނު ފެންވެސް ހުންނާނެ..."
އެންމެން އެކީގައި ކާން އައިސް ތިބީ ގޮނޑުދޮށުގެ ރާޅު ނުޖަހާ ހިސާބުގައެވެ. ސައި ބޮމުން ދިޔައިރު ކޮންމެ މީހެއްގެވެސް މޫނުމަތިން ފާޅުވަމުން ދިޔައީ ތަފާތުކަމެކެވެ. "ވަރަށް މީރު މި ކުޅިމަސް.... ވަރަށް ކުޅި އެކަމަކުވެސް ވަރަށް ސަޅި....ކާކު ހެދީ؟.." ކާންހުރެ މަޒީން މިހެން ބުނެލީ އޭނާއަށް އެ ކުޅިމަސް މީރުވުމުންނެވެ.
"ހޫން ދެން މީރުވާނެތާ... ޒީކް ހެދީ...." ދިމާކުރަމުން ޝައްފަ ބުނެލި ޖުމްލައިން ތޫބާއަށް ލިބުނު ހައިރާން ކަން އިތުރުވިއެވެ. އެ ވަގުތު ތޫބާއަށް ޒީކާ ދިމާލަށް ބަލާލެވުނީ ހިތުގައި އެތައް ސުވާލުތަކެއް ފެންމަތި ވުމުންނެވެ. ޒީކަކީ ދުވަހަކުވެސް މިހާ ގިނަ މަސައްކަތްކޮށް ހެދި ކުއްޖެއް ނޫނެވެ. މިހާ ބޮޑެތި ބަދަލުތަކެއް އަންނަންވީ ސަބަބެއް ތޫބާއަކަށް ނުވިސްނުނެވެ. އެންމެ ކުޑަމިނުން ޒީކް ހެނދުނު ކޮފީ ބޮނީވެސް އޭނާގެ މަންމަ ތައްޔާރު ކޮށްދިނީމައެވެ.
- ނުނިމޭ -