ޝިރާޒަކީ އީރާނުގެ އެންމެ ދުވަސްވީ އެއް ސިޓީއެވެ. މިއީ ފަންނާއި ކުޅަދާނަކަމުގެ ދިރުމެއްވާ އަދި މުއްސަނދި ސަގާފަތަކާއި ތާރީހެއް އޮތް ސިޓީއެކެވެ. އީރާނުގެ އެންމެ ރީތި އެއް މިސްކިތް ކަމަށްވާ ނާސިރު އަލްމުލްކު މިސްކިތުން މި ސިޓީގެ ޗާލުކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ.

ނާސިރު އަލްމުލްކް މިސްކިތަކީ 1876 އާއި 1888 އާ ދެމެދު، 1785 އިން 1925 އަށް އީރާނުގައި ވެރިކަން ކުރި ގާޖަރު ދަރިކޮޅުގެ ދުވަސްވަރު ބިނާކުރި މިސްކިތެކެވެ. މި މިސްކިތް ބިނާކުރެވުނީ ގާޖަރު ޒަމާނުގައި ފާރިސީންގެ ވެރިންގެ ދަރިކަލުން މިރްޒާ ހަސަން އަލީ ހާން ނާސިރުލްމުލްކުގެ އަމުރަށެވެ.

ނާސިރު އަލްމުލްކު މިސްކިތް

ނާސިރުލް މުލްކު މިސްކިތް ވަންނަ ހިސާބުން ފެށިގެން ޒިޔާރަތްކުރާ މީހުން ހައިރާން ކޮށްލަނީ އެ މިސްކިތުގެ އެކި ހިސާބުތަކުގައި ބޭނުން ކޮށްފައިވާ ލޮލުގައި އަޅައިގަންނަ ޓައިލްސްތަކެވެ. މި މިސްކިތުގެ އެންޓްރެންސް ޕޯޗް ޑިޒައިން ކޮށްފައިވަނީ ކަޅު، ރީނދޫ، ފިޔާތޮށި، އަޒޫރު، އަދި ހުދު ކުލަ ހިމެނޭހެން ހަތް ކުލައިގެ ގާޖަރު ޓައިލްސް އިންނެވެ.

ނާސިރު އަލްމުލްކު މިސްކިތް

ނާސިރު އަލް މުލްކް މިސްކިތުގައި ހުޅަނގާއި އިރުމަތީ ފަރާތުގައި ދެ ޝަބަސްތާން (އާންމުކޮށް މިސްކިތްތަކުގެ ސަގާފީ އާކިޓެކްޗަ އިން ފެންނަ ބިމުގެ އަޑީގެ ޖާގަ) އިން ފެނިގެންދަނީ ހައިރާން ކުރުވަނިވި މަންޒަރުތަކެވެ. މި ޝަބެސްތާން މިސްކިތުގެ ރީތި ގޯތިތެރެ އާއި ގުޅިފައިވަނީ ހަތް ލަކުޑި ދޮރުންނެވެ. މި ހުރިހާ ދޮރެއް ވެސް ޒީނަތްތެރި ކޮށްފައި ވަނީ ގެރެހް ޗިނީ (ޓްރެލިސްވޯކް) ގެ ފަންނާއި ކުލަކުލައިގެ ބިއްލޫރި ކޮޅުތަކުންނެވެ. އިރުގެ އަލިކަން ކުލަކުލައިގެ ބިއްލޫރިތަކުގެ ތެރެއިން ދަތުރުކުރުމުން ރަތް، އަޒޫރު، ރީނދޫ، އޮރެންޖް، އަދި ފެހި ކުލަތައް އެއްވެ، މި ޝަބެސްތާނުގެ އެތެރޭގައި ރީތި ތަސްވީރެއް އުފެދެއެވެ. މި ތަސްވީރަކީ ހިލަ ވަޑާމުގެ ފަންނާ، ކުލަކުލައިގެ ގާޖަރު ޓައިލިން އާއި އާކްސްގެ ފަންނު އެކުވެ މި މިސްކިތުގެ ހުވަފެނީ މާހައުލެއް އުފެއްދުމަށް މަގުފަހިވެގެން ދެއެވެ.

ނާސިރު އަލްމުލްކު މިސްކިތް

މިސްކިތުގެ އެތެރޭގައި ހުޅުވިފައިވާ ގޯތިތެރެއާއި އޭގެ މެދުގައި ރެކްޓަންގްލަ ޕޫލެއް އޮންނައިރު، ވަށައިގެން ހެދިފައި ވަނީ ރީތި މާ ގަސްތަކެވެ. މިއީ މި ރީތި އިމާރާތުގެ ފޮޓޯ ނެގުމަށް އެންމެ ރީތި އެއް ސަރަހައްދުކަމުގައި ވާއިރު މި މިސްކިތުގެ އިމާރާތުގެ ލަކުޑި ދޮރާ، ކުލަކުލައިގެ ބިއްލޫރިތަކުގެ ރިފްލެކްޝަން ފެނަށް އެޅުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.