މައިންބަފައިންގެ ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށްޓަކައި މަސައްކަތްކުރާ ދަރިންނަކީ އަބަދުވެސް ކާމިޔާބީގެ ހަރުފަތުގެ އެންމެ އުހަށް ވާސިލްވުމަށް މަސައްކަތްކުރާ ބައެކެވެ. ދިރިއުޅުމުގައި ކުރިއަރައި ކާމިޔާބުވުމުގައި މައިންބަފައިންގެ ހިއްސާ ވަރަށް ބޮޑެވެ. މިއީވެސް އެފަދަ ދިވެހި ދަރިއެއްގެ ވާހަކައެވެ. ގއ. އަތޮޅު ހޮސްޕިޓަލުގެ ހަމައެކަނި އަންހެން ޑޮކްޓަރުގެ ވާހަކައެކެވެ. ޑރ. އަގީލަތު އަބްދުﷲ ގެ ވާހަކައެވެ.
ގއ.ވިލިނގިލީ، ޝާހު އާބާދު ޑރ.އަގީލަތު އޯލެވެލް އާއި ހަމައަށް ކިޔެވީ ގއ.އަތޮޅު އެޑިއުކޭޝަން ސެންޓަރުންނެވެ. ސީއެޗްއެސްސީގައި އޭލެވެލް ކިޔެވުމަށްފަހު އަގީލަތު ޑޮކްޓަރުކަން ކިޔެވީ ނޭޕާލުންނެވެ. އެންމެ ކުޑައިރުއްސުރެ ސައިންސަށް ހާއްސަ ޝައުގުވެރިކަމެއް އުފެދިފައިވާ އަގީލަތު އެންމެ ފުރަތަމަ ބޭނުންވީ ޖަނަވާރުންގެ ޑޮކްޓަރަކަށްވާށެވެ. އެހެންނަމަވެސް އޭނާގެ މަންމަގެ ހުވަފެނަކީ އަގީލަތު ފަރާތުން ރަށާއި ގައުމަށް ފައިދާ ހުރި ހިދުމަތެއް ލިބޭ މޮޅު ޑޮކްޓަރަކަށްވުމެވެ. އިންސާނުންނަށް ފަރުވާކުރާ ޑޮކްޓަރަކަށް އަގީލަތުވުމަށް އޭނާގެ މަންމަ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހަދަން އޭނަ ބޭނުންވިއެވެ. އެ ހުވަފެނަކީ އަމިއްލަ ހުވަފެނެއްގެ ގޮތުގައި ބަލައިގަތެވެ. "ބޭނުންވީ ޑޮކްޓަރަކަށް ވެއްޖެނަމަ ހުނަރާއި، ގާބިލިއްޔަތުކަން ހުރި މޮޅު ޑޮކްޓަރަކަށްވާން. ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދާން. މަންމަގެ ހުވަފެނަކީ އޭނާގެ ދަރިންގެ ތެރެއިން ކޮންމެވެސް އެއް ކުއްޖަކު ޑޮކްޓަރަކަށް ވުން. އަހަރެންގެ ހުވަފެނަކީ މަންމައަށްޓަކައި ސްޕެޝަލިސްޓް ޑޮކްޓަރަކަށްވާން." އަގީލަތު ބުންޏެވެ.
ގއ.އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ އަގީލަތުއަކީ އޯޕީޑީ، އީއާރް ( އިމަޖެންސީ ރޫމް) އަދި ވޯޑްގައި ވެސް ހީވާގިކަމާއި އެކު މަސައްކަތްކުރާ ބަލިމީހުންގެ ލޯބި ލިބިފައިވާ ޑޮކްޓަރެކެވެ. ބަލިމީހާއާ ގުޅުން ބަދަހިކުރުމަށް އަބަދުވެސް ހާއްސަ އިސްކަމެއް ދޭ އަގީލަތު ގަބޫލުކުރާ ގޮތުގައި، ބަލިމީހާއާއި ރަނގަޅު ގުޅުމެއް ނެތްނަމަ، އެންމެ ހުނަރުވެރި، ޢިލްމުވެރި ޑޮކްޓަރަކަށް ވިޔަސް، ކުރިއަށް ދިއުމަށް ގިނަ ހުރަސްތަކެއް ދިމާވާނެއެވެ. އަބަދުވެސް ބަލިމީހުންގެ ވާހަކަތައް ކަނުލާ އަޑުއެހުމަށް އިސްކަންދޭ އަގީލަތު ބުނީ އަބަދުވެސް އަމިއްލަ ނަފްސާއި ސުވާލު ކުރާކަމަށެވެ. "ބަލިމީހާއަކީ، އަހަރެންގެ އަމިއްލަ އާއިލާގެ މެންބަރެއްނަމަ، އެމީހުންނާ މެދު ޑޮކްޓަރަކު ކަންތައް ކުރަން ބޭނުންވާނީ ކިހިނެއް ހެއްޔެވެ؟”
އަބަދުވެސް ފައްސި ވިސްނުމެއްގައި ހުރުމަށް މަސައްކަތްކުރާ އަގީލަތު ބުނީ މަސައްކަތްކުރާ ފީލްޑުގެ ސަބަބުން ބައެއް ފަހަރު ނަފްސާނީ ގޮތުންވެސް ދިމާވާ ހުރަސްތައް ހުންނަކަމަށާއި އެހެންނަމަވެސް އެކަންކަމުން އަވަހަށް އަރައިގަންނަ ކަމަށެވެ. ތައުލީމީ ހަޔާތުގައި މިހާތަނަށް އައި އިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕޯސްޓްގްރެޖުއޭޓް އެންޓްރެންސް އިމްތިހާނުކަން ފާހަގަކޮށް އަގީލަތު ބުނީ އިމްތިހާނުން ފާސްވެ ފުދޭވަރަކަށް މަތީ ރޭންކެއް ގޮފި އަދި ޔުނިވާސިޓީން ހޯދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެެ. "ތައްޔާރީ ފެށީ އަހަރެއްހާ ދުވަސް ކުރިން، ވަރަށް އުނދަގޫ، އެމްބީބީއެސްގައި ކިޔަވާފައިވާ ހުރިހާ އެއްޗަކުން ޓެސްޓް ކުރާނެ، އިމްތިހާނަކަށް ކިޔަވަން މަސައްކަތް ކުރަމުން، އަދިވެސް ޑިއުޓީ ނަގަމުން ދިއުންވީ ޗެލެންޖަކަށް. ގިނަ ދުވަސްތަކުގައި އަހަރެންގެ ޝެޑިއުލްގެ ސަބަބުން ގެއަށް އަންނައިރު ވަރުބަލިވެފައި ހުރުމުން އެއްވެސް ފޮތެއްގައި އަތް ނުލެވޭ. އަހަރީ ޗުއްޓީ ނަގައިގެން އިމްތިހާނަށް ތައްޔާރުވާން ފެށިއިރު ބާކީ އޮތީ އެއް މަސް ދުވަސް. އަހަރެން އަބަދުވެސް އަމިއްލަ ނަފްސަށް ވިސްނައިދިނީ އަދި ހަގީގީ ޗެލެޖު ކުރިއަށް އޮތީއޭ. މިއީ ނުވާނެކަމެއް ނޫނޭ" ތައުލީމީ ހަޔާތުގައި ދިމާވި އެންމެ އުދަގޫ ދުވަސްތައް ހިއްސާކުރަމުން އަގީލަތު ބުންޏެވެ.
މޫދާއި ކަނޑު އަޑީގެ ރީތިކަމަށް ހިތް ދޫވެފައިވާ އަގީލަތު އަކީ ކަނޑު އަޑީގެ ރީތިކަމާއި އަތިރިމަތީގެ ހިތްގައިމުކަމުން އުފާ ހޯދުމަށް ހާއްސަ އިސްކަމެއްދޭ ޒުވާނެކެވެ. ދުވަހުގެ ބިޒީ ޝެޑިއުލްއަށްފަހު ލިބޭ ހުސްވަގުތުކޮޅު އަރާމުކޮށްލުމަށްފަހު، އާއިލާ އާއި އެކު ވަގުތު ހޭދަކުރުމަށް އިސްކަންދޭ އަގީލަތު މިހާރު ތައްޔާރުވަމުން ދަނީ އަނެއްކާވެސް ނޭޕާލަށް ފުރުމަށެވެ. ގައިނަކޮލޮޖިސްޓަކަށްވުމަށްޓަކައި އަގީލަތު މި ފަށާ ދަތުރުގެ އެންމެ މުހިއްމު އެއް ބައިވެރިޔަކީ އޭނަގެ މަންމަގެ ހުވަފެނާއި، އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އޭނަ ކުރާ މަސައްކަތެވެ. މިހާރުވެސް ގިނަ ބަލިމީހުންގެ ލޯބި ހޯދާފައިވާ އަގީލަތު ފުރައިގެންދާން އުޅޭ ވާހަކައަކީ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލި މީހުންނަށް އުފާވެރި ހަބަރަކަށް ނުވިނަމަވެސް، އަދި ސްޕެޝަލިސްޓެއްގެ ގޮތުގައި އަގީލަތުގެ ހިދުމަތް އޭނަގެ ރަށާއި ގައުމަށް ލިބިގެން ދިއުމަކީ ބޮޑު އުފަލެއްކަން ޔަގީނެވެ.