ބޮޑެތި ފާފަތަކާއި މީހުންގެ ހައްގުތަކަށް އަރައިގެނެ ކުށްކޮށް އުޅޭ މީހުންނަށް ވެސް މާތް ﷲ ގެ ހިދާޔަތާއި އަލިކަން ލިބިގެން ދާނެ ކަމީ ދުނިޔެ ދެކެ ފަރިތަވެފައިވާ ހަގީގަތެކެވެ. ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލަހިވަސައްސަލަމްގެ އެންމެ ގާތް ސަހާބީންގެ ތެރޭގައި ވެސް މިފަދަ ބޭކަލުން ތިއްބެވި އިރު ދީނުގެ އެންމެ މަޝްހޫރު އިލްމުވެރިންގެ ތެރޭގައި ވެސް މިފަދަ ބޭބޭކަލުން މަދެން ނޫނެވެ.
ފުދައިލް އިބްން އިޔާދުގެ ވާހަކައަކީ ވެސް މިފަދަ ހިދާޔަތާއި ތައުބާވުމާއި އިސްލާމީ ނޫރުގެ މާތް ކަމުގެ ވާހަކައެކެވެ.
މާތް ރަސޫލާ ހިޖުރައަށް ވަޑައިގެންތާ އެއް ގަރުނަ ފަހުން މިހާރުގެ އުޒްބަކިސްތާނަށް އުފަންވި ފުދައިލް އިބްން އިޔާދަކީ ޅަ އުމުރުގައި ވެސް ވައްކަން ކުރުމާއި މަގު ފޭރުމުގައި އުޅުނު ކުށްވެރިއެކެވެ. އެދުވަސްވަރު އުޒްބަކިސްތާނު އޮންނަނީ ސިލްކް ރޯޑުގައި ކަމުން އޭޝިޔާގެ ގައުމުތަކުން މެދު އިރުމަތި އަދި ވިލާތަށްދާ ގިނަ ވިޔަފާރި ގާފިލާތައް އެމަގުން ދަތުރުކުރެއެވެ. ކިތަންމެ ގިނަ ގާފިލާއެއް އެމަގުން ދަތުރުކުރި ނަމަވެސް އޭނގެ އެއްވެސް ގާފިލާއަކަށް ސަލާމަތުން މަންޒިލަށް ދަތުރުކުރެވޭނެ ކަމާއި މެދު އެއްވެސް ޔަގީން ކަމެއް ނޯވެއެވެ.
ފުދައިލްއަކީ މިފަދަ މަގު ފޭރޭ ގްރޫޕެއްގެ ލީޑަރެވެ. އިމާމް އަޒް-ޒަހާބީ ވިދާޅުވީ ފުދްޔަލްއަކީ ތޫނުފިލަ ބޭކަލެއް ކަމަށާއި ވައްކަން ކުރުމާ މަގު ފޭރުމުގެ އުކުޅުތައް މޮޅަށް ބޭނުންކުރައްވާ ކެހިވެރި ވަގެއް ކަމަށެވެ. އޭރު އަބިވާދްއޭ (މިހާރުގެ ތުރުކިމިނިސްތާނު) ކިޔުނު އަވަށާއި ސަރާހް (މިހާރުގެ އީރާނު) އޭ ކިޔުނު ރަށާއި ދެމެދު ދަތުރުކުރާ ގިނަ ގާފިލާއަކުން ފުދައިލް ވައްކަން ކުރިއެވެ.
ޒުވާން ފުދައިލް މިގޮތަށް މަގު ފޭރުމާއި މުދާ އެއްކުރުމުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ޒުވާން ރީތި އަންހެނެއް ފެނި އެއަންހެން މީހާއަށް ހިތް ޖެހިއްޖެއެވެ. މަގު ފޭރުމާއި ވައްކަން ކުރުން ދޫކޮށް ފުދައިލް ބޭނުންވީ އެ އަންހެން މީހާ ހޯދާ އޭނާއާ ވާހަކަ ދައްކާ ހަދާށެވެ. މުދަލުގެ ދަހިވެތިކަން ފުދައިލްގެ ހިތުން ފޮހެވި ލޯބީގެ ފޮނި އުއްމީދު ކުރެވެން ފެށީ ހީވެސް ނުކުރާހާ އަވަހަށެވެ.
މިގޮތުން ގާފިލާތައް ދަތުރުކުރާ މަގުތައް ބެލުމުގެ ބަހާނައިގައި ފުދްޔައިލް ދިޔައީ ލިބޭ ކޮންމެ ފުރުސަތެއްގައި އަންހެން މީހާއަށް ފާރަލަމުންނެވެ. ދުރުންނެވެ. އެއްވެސް ހާލެއްގައި އޭނާއަށްއަނިޔާއެއް ދިނުމުގެ ނިޔާތުގައެއް ނޫނެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ލޯތްބަށްޓަކައެވެ.
ސޫރިޔާއަށް އުފަން އިލްމުވެރިއެއް ކަމަށްވާ ޝެހް އަލް ބައުތީ ބުނާ ގޮތުން ވިއްޔާ މާތް ﷲ ގެ ހިދާޔަތް އިންސާނެއްގެ ހިތަށް ދިއުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ސާފު ސީދާ ލޯތްބެވެ. އެއީ ކޮންމެ މީހަކަށް އަމާޒުވި ވިޔަސް އޭނގައި އެއްވެސް ވަހުޝީ އެދުމެއް ނެތި ހިތުގައި އުފެދޭ ލޯތްބަކީ މާތް ﷲއަށް ވާސިލްވުމަށް ހުޅުވޭ ދޮރެކެވެ. ޝޭހް ބައުތީ ވިދާޅުވަނީ ލޯބީގެ މަގަކީ އެއް މަގު ކަމަށާއި މުހިއްމީ އެމަގުން ދަތުރުކުރާ މުސާފިރު އެއް މަންޒިލަށް ދެވުމުން ދަތުރު ނިންމާ ނުލުން ކަމަށެވެ. އެއީ މިމަގުގެ އެންމެ ފަހު މަންޒިލަކީ ރަހްމާންވަންތަ ރަހީމްވަންތަ މާތް ﷲ އެވެ.
އީސްލާމް ދީނަކީ ލޯތްބާއި ކުލުނު އެތަށް ގުނައަކަށް އެކުލެވިގެންވާ ރީތީ، ސާފު، ސީދާ ދީނެކެވެ. މިސާލަކަށް ތިބާގެ ހިތުގައި ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށްޓަކައި އުފެދޭ ލޯތްބަކީ މާތް ﷲ ގެ ހިދާޔަތް ހޯދުމަށް އެކަލާނގެ ދެއްވާ ރަހުމަތަކަށް ނޫނީ ނުވާނެއެވެ.
ކީރިތި ޤުރުއާންގެ އަރްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރެއްވިއެވެ.
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ
މާނައީ: ތިޔަ ބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަ ބައިމީހުން އެކަނބަލުންގެ ކިބައިން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
އިސްލާމީ އަޤީދާގައި ހިފުމުގެ މާނައަކީ ދުނިޔެވީ އެދުންތަކާއި ލޯބިތަކުން ބަރީއަވުމެއް ނޫނެވެ. އެހެން ނަމަވެސް މިދުނިޔޭގައި އަޅަމެންވާ ލޯބީގެ ސަބަބުން އަޅަމެންގެ ހިތުގައި މާތް ﷲ ތާއާލާއަށް އޮންނަ ލޯބި އިތުރުވާން ޖެހޭނެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ މާތް ﷲ ހެއްދެވި މަހްލޫގަކަށް އޮންނަ ލޯބި އެކަލާނގެއަށް އޮންނަ ލޯތްބަށް ވުރެ އިތުރުވެގެން ނުވާނެއެވެ. މި ކަން ސޫރަތުލް ބަޤަރާގެ 165 ވަނަ އާޔަތުން ވާރަށް ސާފުކޮށް އެނގެއެވެ.
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ
އަދި ﷲ ފިޔަވައި އެކަލާނގެއާ އެއްފަދަ ޝަރީކުންތަކެއް ބަލައިގަންނަ ބަޔަކު މީސްތަކުންގެ ތެރެއިންވެއެވެ. ﷲ ދެކެ ލޯބިވާ ފަދައިން، އެއުރެން ޝަރީކުން ދެކެ ލޯބިވެތެވެ. އަދި އީމާންވީ މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ.
އަންހެން މީހާ ފެނި ފުދައިލްގެ ހިތުގައި އުފެދިގެން ދިޔަ ލޯބީގެ ނޫރުވީ އިސްލާމް ދީނަށް ފުދައިލްގެ ހިތް އެނބުރުމުގެ ފުރަތަމަ ފިޔަވަޅަށެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެއަންހެން މީހާއާ ބައްދަލުކުރަން ފުދައިލް ބޭނުންވިއެވެ. އެކަމުގައި ކެތްތެރިކަން ކޮޅުން ލައިގެން އެއަންހެން މީހާގެ ގެއަށް ފުދައިލް އެއް ރެއަކުން ދިޔައެވެ. ދޮރުގައި ޖެހި ޓަކި ޖެހުމުގެ ބަދަލުގައި ފުދައިލް ގެއަށް ވަންނަން ދިމާކުރީ ފާރުމަތިންނެވެ. ރޭގަނޑުގެ އެހަމަހިމޭން ވަގުތު ފާރުމަތީގައި އިން ފުދައިލް ހުއްޓުން އެރީ ރީތި އަޑަކުން އިވުނު ޤުރުއާނުގެ މިއާޔަތުންނެވެ. (ސޫރަތުލް އަލް ހަދީދް ސޯޅަ ވަނަ އާޔަތް)
أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ
ﷲ ހަނދުމަކުރުމަށާއި ހައްގު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެ ކުރީގެ ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް އީމާންވީ މީހުންނަށް އަދިވެސް ވަގުތު ނާންނަނީ ހެއްޔެވެ. ފަހެ އެއުރެންގެ ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންގެ ގިނަ މީހުންނީ ފާސިގުންނެވެ.
އެއަންހެން މީހާގެ ގޭގެ ފާރުމަތީގައި އިން ފުދައިލަށް މިއާޔަތް އިވި ހިތަށް ވަރަށް އަސަރުކުރިއެވެ. ސީދާ ﷲ ތައާލާގެ ބަސްފުޅުން އޭނާގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ. އިންތަނުން މަޑުމަޑުން ފައިބަން ފެށި އިރު މަޑު މަޑުން އެއް ޖުމްލަ ތަކުރާރު ކުރަމުން ދިޔައެވެ.
"އާނއެކެވެ. އިބައިލާހެވެ. އެވަގުތު ޖެހިއްޖެއެވެ."
އެރޭ ވީ ފުދައިލްގެ ހަޔާތް މުޅިން ބަދަލުކޮށްލި ރެޔަކަށެވެ. ވަކަން ކުރުމާއި މަގު ފޭރުން ދޫކޮށްލިއެވެ. މުދަލާއި މުއްސަނދިކަން ހޯދުމުގެ ހުވަފެންތައް ދޫކޮށްލިއެވެ. އަދި ކީއްތަ ލޯބިގެން އުޅުނު އަންހެން މީހާ ވެސް ދޫކޮށްލިއެވެ. މާތް ﷲ ގެ ދީނާށްޓަކައި މުޅި އުމުރު ހުސްކުރުމަށް މާތްވެގެންވާ މައްކާއަށް ދިއުމަށްޓަކައި އަޒުމް ކަނޑައަޅާ ދަތުރުވެސް ފެށިއެވެ.
މައްކާއަށް ކުރި ދަތުރުގައި ކުރެވުނު ފާފަތަކާއި ކުށްތަކާއި މެދު ފުދައިލް ވިސްނާއި ފިކުރުކޮށް ހިތާމަކޮށް ހެދިއެވެ. ލިބުނު ހިތްދަތިކަމަށް ހިތްހަމަޖެހުން ހޯދީ ކީރިތި ޤުރުއާންގެ ބާރުގަދަ އާޔަތްތަކުންނާއި އަޅުކަމުންނެވެ. މައްކާއަށް ދިޔަ މަގުމަތީގައި ބަޤްދާދާއި ކޫފާހްގައި ފުދައިލް އަހަރުތައް ހޭދަކުރެއްވިއެވެ. އިސްލާމީ ހަޞާރަތުގައި މުހިއްމު އަދި ތާރީހީ ދައުރެއް އަދާކޮށްފައިވާ މިދެއަވަށުގައި އުޅުއްވާ އިސްލާމްދީނާއި ސައިންސާއި ބެހޭ އިލްމު ހޯއްދަވާ ހެއްދެވިއެވެ.
އަހަރުތައް ހޭދަވަމުން ގޮސް އެދުވަސްވަރު އުޅުއްވި އެންމެ މޮޅު އަދި އިލްމުވެރި ބޭކަލުންގެ ލިސްޓުގައި ފުދައިލްގެ ނަން ވެސް ހިމެނުނެވެ. ދީނާއި އޭގެ ސައިންސްތައް ދަސްކުރުމަށް ކުފާގައި އެތައް އަހަރެއް ހޭދަކުރުމަށްފަހު އެންމެ ފަހުން ފުދައިލް ހައްޖު މޫސުމަށް މައްކާއަށް ދިޔައެވެ. އޭނާއަކީ މިހާރު ބަދަލުވެފައިވާ މީހެއް ކަމުގައި ވިޔަސް، ފުދައިލްއަށް ލިބުނު ތައުރީފުތަކުން ބޮޑާވެގަނެކެން ނުދެއެވެ. އޭނާގެ މާޒީއާ އެއްބަސްވެފައިވަނީ އެކަން ހިނގިކަން ގަބޫލުކޮށްގެން ނަމަވެސް އޭނާގެ އުނިކަންތައްތައް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އޭނާ ހުރީ ސަމާލުވެ އަމިއްލަ ނަފްސަށް ހޭލުންތެރިވެފައެވެ.
ހައްޖުގެ މާތް އަޅުކަމުގެ އެންމެ މުހިއްމު ބައި ކަމަށްވާ އަރަފާތުގެ ބިމަށް އެރި ވަގުތުވެސް ފުދައިލްގެ ފަރާތުން އިވިގެން ދިޔައީ މިކަން އޭނާ ޤަބޫލުކުރާ މިންވަރެވެ.
"ޔާ ﷲ، އިބަ ރަސްކަނލާގެ އަޅާގެ ފާފަތައް ފުއްސެވި ނަމަވެސް އަޅައަށް ކުރެވުނު ފާފަތަކާއި މެދު އަބަދުވެސް ލަދުވެތިވާނަމެވެ"
ފުދައިލް އިބްނު އިޔާދު އަވަހާރަވުމާ ހަމައަށް އާއިލާއާއެކު ބާކީ ހުރި އަހަރުތައް މައްކާގައި ހޭދަކުރެއްވިއެވެ. ފުދައިލް އޭނާގެ ވައުދު ފުއްދައި، އިސްލާމީ ސަގާފަތަށް އިންތިހާއަށް ޙިއްޞާ ކުރެއްވިއެވެ.
މިއީ ލޯތްބާއި ތައުބާއާ ބެހޭ ވާހަކައެކެވެ. އަޅެއް އޭނާގެ ވެރި ރަސްކަނލާގެ އަރިހަށް ކުރި ކެތްތެރި ދަތުރުގެ ވާހަކައެވެ.