ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީން ކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 71 ވަނަ ބެޗުގެ ދަސްވެނިވުން ބާއްވައިފިއެވެ.
އިއްޔެ ހަވީރު ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. ރަސްމިއްޔާތުގައި މިނިސްޓަރު ޣައްސާން ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށް ދެއްވާފައެވެ.
- އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ކޯހުގެ ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދެވޭ "ކޮމާންޑާ މޮޓާ ހަސަން މަނިކު އެވޯޑް" ހާސިލް ކުރީ ރެކްރޫޓް ފަޞުހާ އަޙްމަދު (ސނ 8823)
- ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދެވޭ "ކޮމާންޑާ އިސްމާއީލް ދީދީ އެވޯޑް" ހާސިލް ކުރީ ރެކްރޫޓް އަނާން މޫސާ (ސނ 8940)
- އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަކަށް ދެވޭ "މޭޖާ އިނގިރޭސި އުމަރު މަނިކު އެވޯޑް" ހާސިލު ކުރީ ރެކްރޫޓް ޔައިޝް މުހައްމަދު ނައީމް (ސނ 8836)
- މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަކަށް ދެވޭ "މޭޖާ ރިޓަޔާޑް ހުސައިން ޝާކިރު އެވޯޑް" ހާސިލް ކުރީ ރެކްރޫޓް ޝައިހާން އަލީ (ސނ 8911)
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައި ވަނީ ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫނެވެ. ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ، ފަސްޓް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ރެކްރޫޓް ޔައިޝް މުހައްމަދު ނައިމް (ސނ 8836) ހޮވުނު އިރު، ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް މުހައްމަދު އިވާޒް ޒާހިރު (ސނ 8723) އެވެ. އަދި ތާޑު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އިބްރާހީމް މިރުޝަލް މުހައްމަދު (ސނ 8910) ހޮވުނު އިރު، ފޯތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް ޝައިހާން އަލީ (ސނ 8911) އެވެ. މީގެ އިތުރުން ފިފްތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް ފާތިމަތު މިޒުނާ ހަސަން (ސނ 8918) އެވެ.
މި ކޯހުން 115 ދަރިވަރުން ވަނީ ދަސްވެނި ވެފައެވެ. އެއީ 105 ފިރިހެން ދަރިވަރުންނާއި 10 އަންހެން ދަރިވަރުންނެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް އިން މިދިޔަ އަހަރު އޮކްތޯބަރު 24 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރެވޭ ފެންވަރަށް އިލްމު އުނގަންނައި ދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ކޯސް ފުރިހަމަ ކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަހްލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެން ޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައި ދިނުން ކަމަށް އެމްއެންޑިއެފް އިން ބުނެއެވެ.