މާލޭގެ ގެސްޓް ހައުސްއެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަނީސް ހިލްމީ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާއި އޭނާ އަލުން ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި 11 އަހަރުގެ ކުޑަކުއްޖަކަށް އެކި ބާވަތުގެ ތަކެތި ގަނެދީ އެ ކުއްޖާ ގްރޫމްކޮށްގެން ގެސްޓްހައުސްއަކަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަނީސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ މަހުގެ ފަހުކޮޅު ވަނީ ދޫކޮށްލާފައެވެ. އަދި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ އޭނާ ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި ގަވާއިދާ ހިލާފް އެއްވެސް ކަމެއް ނުކުރާތީއާ ހެކިބަސް ނަގާ ނިމިފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލަ ޕީޖީއިން ހައިކޯޓުގައި އިސްތިއުނާފްކުރިއެވެ. އެ މައްސަލާގެ ހުކުމުގައި ބުނެފައިވަނީ ހެކިބަސް ނަގާ ނިމިފައިވުމަކީ އޭނާ ދޫކޮށްލަން އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ. އަނީސް ބަންދުން ދޫކޮށްލަން ނެރުނު އަމުރު ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

އޭގެ އިތުރުން އަނީސް އަލުން ބަންދު ކުރުމާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންދެން އޭނާ 7 ދުވަހަށް ބަންދުކުރަންވެސް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެގޮތަށް ހުކުމްކޮށްފައިވާ ވަނީ އެ މައްސަލަ ބެއްލެވި ހައިކޯޓުގައި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.