ޕޯސްޓަރު ހަރުކުރަން އިންޓަކަނެކްޝަން ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަގަނޑު ޖަހައިގެން ލިބޭ ގެއްލުމަށް ދައުވާކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިފަދައިން ބުނެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް މާލެއާއި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކަށް ދަގަނޑު ހޮޅި ޖަހާ ފޯސްޓަރުތައް ހަރުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ގާއިމްކޮށްފައިވާ ގްރޭޓާމާލޭ އިންޓާކަނެކްޝަން ގްރިޑުގައި ހިމެނޭ 132 ކިލޯވޯޓްގެ ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށް އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަގަނޑު ފަދަ ތަކެތި ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ ދައުލަތުން ހަރަދުކޮށް، ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ އެ ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ގާބިލްކަން ލިބިފައިވާ ވިއުގައަކަށްވާއިރު އެއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގަ ކަމަށެވެ.
މާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ 132 ކިލޯވޯޓްގެ ސަބްސްޓޭޝަނުން ނިކުންނަ އެ ވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުންގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ 132 ކިލޯވޯޓް ސަބްސްޓޭޝަނާ ހަމައަށް ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ މިވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު ޕަަސެންޓެއް ހުޅުމާލެއިން މާލެއަށް މިވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު އެ ވިއުގައަށް ގެއްލުންވެއްޖެނަމަ މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި މިއީ އެނަޖައިޒް ކޮށްފައިވާ ވިއުގައަކަށްވުމުން އެ ވިއުގައިގައި ހިމެނޭ ކޭބަލަށް ދަގަނޑު ފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ މިއީ އެ ދަގަނޑު ޖަހާ ފަރާތުގެ ފުރާނައަށްވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ އެ ވިއުގައަށް ގެއްލުމެއް ލިބިއްޖެނަމަ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތައް ބުރޫއަރައި އެ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ،
އެވިއުގައިގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ހިއްސާކޮށްފައިވާނެކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ އެފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއިވމަގުކޮނެ އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، މިކަންކަމަށް އިތުރު ސަމާލުކަންދީ އެ ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި ކަރަންޓުގެ ހިދުމަތައް ބުރޫ ނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުންގެންދިއުމަށް އިލްތިމާސްކޮށްފައެވެ.
އެ ކޭބަލްތަކުގެ މައްޗަށް ދަގަނޑު ޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ސްޓެލްކޯއިން ބުނީ އެއާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ހިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށެވެ.