ފަސް ދުވަސް ވަންދެން ކަނު އަނދިރީގައި އުޅެން ޖެހި، ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ނުލިބޭތީ ހދ. ވައިކަރަދޫގެ ރައްޔިތުން އެންމެ ފަހުން މަގުމައްޗަށް ނުކުންނަން ފަށައިފިއެވެ.
މީސްމީޑިއާގައި ރޭ ވައިރަލްވި އެއް ވީޑިއޯއަކީ ގައިގައި ސައިބޯނި ލައި، ތުވާލި އަނދެގެން މީހަކު ވައިކަރަދޫގެ މަގުމައްޗަށް ނުކުމެ އުޅޭ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަ މީހާ ފާޅުކުރި އެއް ކަންބޮޑުވުމަކީ ވައިކަރަދޫން ކަރަންޓު ކެނޑޭ މައްސަލައިގައި އެ ރަށު މީހުންނަށް ފެންވަރަން ދަތިވުމެވެ.
"ކޮބާހޭ ކަރަންޓު ކޮބާހޭ ކަރަންޓު، ފެންވަރަން ވަން މީހުން މިތިބީ ނުކުމެ، ހަތަރު ދުވަސް ވެއްޖެ ފެން ނުވަރާތާ، ކޮބާހޭ ކަރަންޓު، ކޮބާހޭ ކަރަންޓު؟" ފެންވަރަ ފެންވަރާފަ މި ނުކުތީ ކަރަންޓު ދިޔައީމަ، ފެނެއް ނެގޭނެ ގޮތެއް ނެތް، ވަޅުހުރީ އަޑީގަ، ކިހިނެއް ހަދަނީ؟ ނުވާނެ މި ވަރަކުން،" މިއީ ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް ފޭސްބުކްގައި ޕޯސްޓުކުރެއްވި އެ ވީޑިއޯކޮޅުގައި ފެންނަ މީހާ ކިޔައިދިނެވެ.
ވައިކަރަދޫގައި ދަނޑުވެރިކަން ކުރަމުންދާ މީހަކު ބުނީ، ކަރަންޓު ނެތުމުގެ ސަބަބުން އޭނާ އަށް މަސައްކަތްކުރަން ދަތިވެފައިވާ ކަމަށާއި، އާމްދަނީ ހޯދުމަށްޓަކައި އޭނާ ކުރަމުންދާ މަސައްކަތަކީ ވެސް އެއީ ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި އޭނާގެ ދަނޑަށް ފެން ނުޖަހާތާ 96 ގަޑިއިރު ފާއިތުވެގެން ދިޔައީއެވެ.
"ވައިކަރަދޫ ރައްޔިތުން މިތިބަ ހަނާވަނީ ކަރަންޓު ނެތިގެން،"
"އެއްބައި ތާހިރުވެގެން ނުކުންނަން ޖެހުނީ ބާލިދީއަކަށް ފެން އަޅައިގެން މީހުން ނުކުންނަން ޖެހުނީ، މިއީ ކިހާ ބޮޑު ނޮހޮރޮއްޕާނެއް،" އެ ރަށުގެ މީހަކު ބުންޏެވެ.
ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ތިން ދުވަހުގެ ތެރޭ ހައްލުކުރާނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގެން ދާ ވަރަކަށް ރަށު ރައްޔިތުން ހިތްހަމަނުޖެހޭނެ ކަމަށް ވެސް އެ މީހާ ބުންޏެވެ.
މީގެ ދެ ދުވަހެއް ކުރިން ފޭސްބުކްގައި ޕޯސްޓްކުރި ކުރު ބަޔާނެއްގައި ފެނަކައިން ބުނީ، ވައިކަރަދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭ އާ ޖެނަރޭޓަރު ބަހައްޓައި ހިދުމަތް ދެވެން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ކަރަންޓުގެ މައްސަލަ ހައްލުވަންދެން ރަށުގެ އެކި ސަރަހައްދުތަކުން ޝެޑިއުލްކޮށް ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށް ވެސް އެ ޕޯސްޓުގައި ފެނަކައިން ބުނެފައިވެއެވެ.
'ދަ ޕްރެސް' އިން ސުވާލުކުރުމުން ވައިކަރަދޫގެ ކުރީގެ ކައުންސިލަރު އާމިނަތު ޒީނިޔާ ވިދާޅުވީ، އެ ރަށުން ކަރަންޓު ކެނޑެން ފެށީ މިފަހުން ކަމަށާއި، ރަށުން ކަރަންޓު ކެނޑެން ދިމާވި އެއް ސަބަބަކީ އެ ރަށަށް ކަރަންޓު ދޭ ޖަނަރޭޓަރެއް ހަލާކުވުމުން ކަމަށް ފެނަކައިން ބުނި ކަމަށެވެ. ޖަނަރޭޓަރާ ގުޅޭ ގޮތުން ޒީނިޔާ ވިދާޅުވީ، މާލެ ކޮޅުން ވައިކަރަދު އަށް ޖަނަރޭޓަރު ގެންނަން މިއަދު ހެނދުނު ފުރާނެ ކަމަށް ފެނަކައިން ބުނި ކަމަށާއި އަދި އެ ރަށަށް ޖަނަރޭޓަރު ނުލިބޭ ކަމަށެވެ.
އެހެންވެ އެ ރަށުގެ ހަތަރު ސަރަހައްދަކަށް ކަރަންޓު ވަކި ގަޑިތަކެއްގައި ދީ ކަނޑާލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށުން ކަރަންޓު ކެނޑޭތީ ރޯދަ ވީއްލުމަށާއި ހާރުކާ ވަގުތަށް ސުފުރާމަތި ތައްޔާރުކުރަން ދަތިވާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އެގޮތަށް ކަރަންޓު ކެނޑޭތީ ހިފާ ގެންގުޅޭ ތަކެއްޗަށާއި އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުންވަމުންދާ ކަން ވެސް ޒީނިޔާ ފާހަގަކުރެއްވިއެވެ.
"ސްކޫލްގަ ކިޔެވުން ކުރިއަށް އެބަދޭ، ރޭގަނޑު އޭސީތައް ޖައްސާނެ ކަރަންޓު ލިބޭއިރަށް، އޭސީ ޖައްސާފަ ދެން ކަރަންޓު ކަނޑާލާ ގަޑީ ފިނިކޮށްލާފަ، ކަނޑާލަން ހަމަ ހޭލާ ހުންނަން ޖެހޭ، ވަޒީފާއަށް ދާ ފަރާތުން ވެސް ސްކޫލަށް ދާ ދަރިވަރުން ނިންދަވާފަ، ދަރިވަރުން ހަމަ ހެނދުނު ހޭލައިގެން ސްކޫލަށް ދާން ޖެހޭ އެކަމަކު އެ ފިނިކަމެއް ނުހިފަހައްޓާ ކަރަންޓު އަންނަންދެން ވެސް،"
ހާދަހާ ދެރަކަމެކޭދޯމީ އެރަށު މީހުން ގައިމު ބިލު ދައްކައިގެން އުޅޭނީ، އެލިބޭ ލާރިއަށް ކިހިނެއްތަ މިވަނީ، ކޮންމެވެސް ބަޔަކު ވެއްޖެ ކޯޓަށް ގޮސްގެން މިރާއްޖޭގެ ހުރިހާ ފައިސާއަކަށް މިވާގޮތް ބަލަން. ކޮރަޕްޝަން ނެތްތަނެއް ނެތް.