ހދ. ވައިކަރަދޫއަށް ގެންދިޔަ އާ ޖަނަރޭޓަރު އިންސްޓޯލްކޮށް މުޅި ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.

ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހޯދުމަށް އެ ރަށަށް ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރު ބަހައްޓައި މުޅި ރަށަށް ކަރަންޓު ދޭން ފެށިފައި ވަނީ މިއަދު ހެނދުނު ކަމަށް ފެނަކައިން ބުނެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ވައިކަރަދޫގެ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރައި އެ ރަށުން ކަރަންޓު ކެނޑެން ދިމާވި ސަބަބަކީ އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ހަލާކުވުމެވެ. ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ލަސްވުމާއެކު، ވައިކަރަދޫގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ވައިކަރަދޫގެ އިތުރުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ 5 ރަށެއްގައި އާ ޖަނަރޭޓަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ޖެނެރޭޓަރު ގެންދިއުމަށް މަސައްކަތް ކުރަމުންދާ ރަށްތައް:

  • ގދ. ހޯނޑެއްދޫއަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް
  • ހއ. ދިއްދޫއަށް 1 މެގަވޮޓުގެ ޖަނަރޭޓަރެއް
  • އައްޑޫއަށް 1 މެގަވޮޓުގެ ޖަނަރޭޓަރެއް
  • ކުޅުދުއްފުށްޓަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް
  • ރ. މީދު އަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް

މި ޖަނަރޭޓަރުތައް ރަށްތަކަށް ގެންގޮސް ކުރިއަށް 4 ނުވަތަ 5 ދުވަހުގެ ތެރޭގައި ގުޅާލެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.