އާ ޖަނަރޭޓަރު މިއަދު ހަވީރު ލިބޭނެ ކަމަށާއި، ޖަނަރޭޓަރު ގުޅާލައި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ތައްޔާރީތަކެއްވެ ގާތްގަނޑަކަށް ނިމިފައިވާ ކަމަށް، ހދ. ވައިކަރަދޫގެ ކައުންސިލުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ވައިކަރަދޫގެ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރައި އެ ރަށުން ކަރަންޓު ކެނޑެން ދިމާވި ސަބަބަކީ އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ހަލާކުވުމުގެ ސަބަބުންނެވެ. ފަސް ދުވަސް ވަންދެން ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި އޮތުމުން، ވައިކަރަދޫގެ ރައްޔިތުން މަގުތަކަށް ނުކުމެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފެނަކައިން ބުނީ، 250 ކިލޯވޮޓުގެ އާ ޖަނަރޭޓަރު ވައިކަރަދު އަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، އެ ޖަނަރޭޓަރު މިއަދުގެ ވަގުތެއްގައި ގުޅާލައި، ކަރަންޓުގެ ހިދުމަތް ރަނގަޅުކުރެވޭނެ ކަމަށެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް ވިދާޅުވީ، މާލޭ ކޮޅުން ރޭ 10 ޖަހާކަން ހާއިރު ޖަނަރޭޓަރު ހިފައިގެން ފެނަކައިގެ ޓީމެއް އެ ރަށަށް ފުރާފައިވާ ކަމަށާއި، މިއަދު ހަވީރުގެ ވަގުތެއްގައި ޖަނަރޭޓަރު ރަށަށް ފޯރާނެ ކަމަށް ފެނަކައިން މައުލޫމާތުދިން ކަމަށެވެ.

ނުހާމް ވިދާޅުވީ، އާ ޖަނަރޭޓަރު ގުޅާލައި، ކަރަންޓުގެ ހިދުމަތް ކުރިން ދެމުން ދިޔަ ގޮތަށް ދިނުމަށްޓަކައި ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އާ ޖަނަރޭޓަރު ގުޅާލަން ތައްޔާރަށް އޮތް ކަމަށެވެ.

"[ޖަނަރޭޓަރު] އަންނަހާ އަވަހަށް އިރާދަކުރެއްވިއްޔާ މިރޭ ވެސް ފަތިހަށް ގުޅާލެވިދާނެ ކަމަށް ބެލެވެނީ،"
ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް

އޭނާ ވިދާޅުވި ގޮތުގައި، ޖަނަރޭޓަރު ހަލާކުވުމުގެ ސަބަބުން ހަލާކުވި ޖަނަރޭޓަރު މި ވަގުތަށް މަރާމާތުކޮށްގެން ހިދުމަތްދޭން މާ ބޮޑަށް ލަސްވާނެތީ ދިރާސާކުރުމަށް ފަހު އާ ޖަނަރޭޓަރެެއް ގެންނަން ނިންމީއެވެ.

"އަދި އިންނާނެ ދެ އެތި، އެ ޖެންސެޓްގަ އުޅޭ ޕާފޯމަންސް މައްސަލައެއް އެއީ ދުވަސްވީ އެއްޗަކަށް ވާތީ، ދެން ދުވާލަށް އަޅުގަނޑުމެންނަށް ސޯލާ މިކޮޅުގަ ބެހެއްޓިފަ ހުރީމަ ސޯލާ އިން ކޮންމެވެސް ވަރެއް ލިބޭތީ ދުވާލަށް ލިބޭ ކަރަންޓު ގޭގެއަށް ފޯރުކޮށްދޭ ވަގުތު ގިނަ ދީފައިން ތާވަލަށް ވުރެ،"
ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް

ވައިކަރަދޫން ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުން ހިފާ ގެންގުޅޭ ބައެއް ތަކެތި ހަލާކުވިކަމުގެ ޝަކުވާ ކައުންސިލަށް ލިބުނު ކަމަށް ނުހާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހީކުރި ވަރަށް ވުރެ ލިބުނު ގެއްލުން ކުޑަ ކަމަށާއި ނަމަވެސް ލިބުނު ސީދާ ގެއްލުމެއް ދަންނަވަން އެނގޭނީ ދިރާސާކުރުމަށް ފަހު ކަމަށެވެ.