މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. އެގޮތުން އަހަރުމެން މިއުޅޭ ބިޒީ ދިރިއުޅުމުން އެއްފަރާތްވެ އާއިލާއާއެކު ނޫންނަމަ އެކުވެރިންނާއެކުވެސް ޗުއްޓީ ހޭދަކޮށްލުމަކީ ދިވެހިންގެ ތެރޭގައި އާންމު ވަމުން އަންނަ ކަމަކަށް ވާއިރު ކޮންމެ ފަހަރަކުވެސް އާ ގައުމަކަށް ނުވަތަ އާ ކަންތަައްތަކެއް ތަޖުރިބާ ކޮށްލަން ބޭނުންވުމީ ކޮންމެ މީހަކުވެސް ކުރާނެ އުންމީދެކެވެ.

މިލިޔުމުގައި މި ގެނެސްދެނީ އެކަން ތަޖުރިބާ ކޮށްލުމަށް ދެކުނު އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ ތައިލެންޑަށް ގޮސް ދަތުރުކޮށްލަން ރަނގަޅު ތަންތަނެވެ. ރާއްޖެއާ 3،346 ކިލޯމީޓަރު ދުރުގައިވާ ތައިލެންޑަކީ ދިވެހިންނަށް އާ ގައުމަކަށް ނުވާއިރު މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން އެކި އެކި ބޭނުމު އެގައުމަށް ގޮސް އުޅެއެވެ. ބޭސްފަރުވާގެ ކަންކަމާއި ވިޔަފާރީގެ ބޭނުމުގެ އިތުރުން އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް މިއީ ހަމަ ރަނގަޅު ޗޮއިސްއެކެވެ.

ތައިލެންޑުގައި ފައިސާގެ ގޮތުގައި ބޭނުންކޮށް އުޅެނީ ތައި ބަޓް

ތައިލެންޑުގެ އެކި އަވަށްތައް ހުރި ނަމަވެސް އެގައުމުގެ ވެރިރަށް ބެންކޮކަށް ދަތުރު ކުރަން ބޭނުންނަމަ ވައިގެ މަގުން އެއާ އޭޝިއާ އެއާލައިނުން ހަތަރު ގަޑިއިރުގެ ދަތުރަކުން އެގައުމަށް ދެވެއެވެ. ޓިކެޓުގެ އަގު އެކި އިރު ތަފާތުވި ނަމަވެސް ބަގޭޖް އެލަވަންސްއާއެކު ދެކޮޅު ޓިކެޓު 500 އާއި 650 އެމެރިކާ ޑޮލަރުގެ އަގެއްގައި ބެންގްކޮކްގެ ސުވަރްނަބުމީ އެއާޕޯޓަށް ދަތުރު ކޮށްލެވެއެވެ. މެލޭޝިއާއަށް ސްޓޮޕް އޯވާ ކޮށްފައި ދާނަމަ މިއަށްވުރެވެސް ޓިކެޓުގެ އަގު ހެޔޮއެވެ. ޓިކެޓުގެ އަގެކޭ އެއްފަދައިން ހޮޓަލުގެ އަގުވެސް ހެޔޮއިރު 50 އެމެރިކާ ޑޮލަރުން ފެށިގެން ހޮޓަލުގެ އަގުތައް އުޅެއެވެ. ދެން މި ކިޔާލަދެނީ ތައިލެންޑުގައި ވިޔަފާރި ކޮށްލުމަށާއި ޗުއްޓީ ހޭދަ ކޮށްލުމަށް ގޮސްލަން ރަނގަޅު ބައެއް ތަންތަނުގެ ވާހަކައެވެ.

ވިޔަފާރި ކުރަން - ޕްރަޓުނަމް މާކެޓް:

ޕްރެޓަނަމް މާކެޓަކީ ވިޔަފާރި ކުރުމަށް އެއްވަނައިގެ ތަނަކަށްވާއިރު ތަކެތީގެ އަގު އެހާވެސް ހެޔޮއެވެ. ދިވެހި ކަނބަލުންގެ އިތުރުން ކުޑަކުދިންނާއި ފިރިހެނުންނަށް ބޭނުންވާ ހުރިހާ ތަކެތި މި މާކެޓުން ލިބެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަދި މިއީ ތައިލެންޑުގައި ހިންގަމުން އަންނަ އެންމެ ބޮޑު އެއް މާކެޓަށްވާއިރު އެއް ދުވަހުން މިތަން އެއްކޮށް ބަލާލުމަކީ ނުވާނެ ކަމެކެވެ. އެހާވެސް ބިޔަ މި މާކެޓަކީ ދިވެހިންނަށް އަތް ފޯރާ ފަށުގައި ތަކެތި ލިބޭނެ މާކެޓެކެވެ. ފަތިހު 05:00 އިން ރޭގަނޑު 09:00 އަށް މި މާކެޓު ހުޅުވާފައި ހުންނައިރު މިތަނުން އެކި ކަހަލައިގެ ކާބޯތަކެއްޗާއި މީރު ބުއިންތައް ވެސް ލިބިއެވެ. ބެންގޮކަކަށް ދެވިއްޖެނަމަ މި މާރުކޭޓަށް ގޮސްލުމަކީ ކޮންމެހެންވެސް ކުރަން ރަނގަޅު ކަމެކެވެ.

ޕަރަޓުނަމް މާކެޓަކީ ތައިލެންޑުގެ އެންމެ ބޮޑު އެއް މާކެޓު، މިއީ ބައިބޯ މާރުކޭޓެއް

ވިޔަފާރި ކުރަން - ޕްލެޓިނަމް ފެޝަން މޯލް:

ޕްރަޓުނަމް މާކެޓާއި މާދުރުނޫން ހިސާބެއްގައި ހުންނަ ޕްލެޓިނަމް ފެޝަން މޯލްއަކީވެސް ތަކެތީގެ އަގު ހެޔޮ އަދި އުޅެލަން ފަސޭހަ ވިޔަފާރި ގެއެކެވެ. އިލެކްޓްރޯނިކް ޑިވައިސް ތަކުން ފެށިގެން އަންހެން ވެރިންގެ އަތް ދަބަހާއި ލާ އަންނައުނު ހުންނަ މި ޝޮޕިން މޯލަކީ 2000 ވަނަ އަހަރު އެ ގައުމުގައި ހުޅުވިގެންދިޔަ ޝޮޕިން މޯލެކެވެ. މި ޝޮޕިންގް މޯލް ދޮރުމަތީގައި ކެއުން ބުޔުމުގެ އެކި ކަހަލަ ސްޓޯލްތައް ހުންނަ އިރު އެތަންތަނުން ސީފުޑްގެ އެކި ކަހަލަ ބާވަތްތައް ލިބެން ހުރެއެވެ.

ޕްލެޓިނަމް ފެޝަން މޯލު، އެތަނުގެ ކުރިމަތީގައި އެކި ކަހަލައިގެ ފުޑް ސްޓޯލްތައް ހަދާފައިވޭ

ވިޔަފާރު ކުރަން - ޗައިނާ ޓައުން:

އަތްލާ ގެންގުޅޭ ތަކެތިން ފެށިގެން ސޮވެނިއާގެ އެކި ކަހަލަ ތަކެއްޗާއި ހެދުމާއި ފައިވާން ފަދަ ތަކެތި ލިބެން ހުންނަ މި މާރުކޭޓަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ މެދުގައިވެސް އާންމު މާރުކޭޓެކެވެ. މި މާރުކޭޓަކީ ބޮޑެތި މާރުކޭޓުތަކަށްވުމުން ކުޑަކުދިން ގެންދިއުމުގައި ސަމާލުވާންވާނެއެވެ. މީގެ އިތުރުންވެސް ގިނަ މާރުކޭޓުތައް ބެންގްކޮކްގެ އެކި ސަރަހައްދު ތަކުގައި ހުރިއިރު ވަގުތު ހުރި މިންވަރަކުން މިތަންތަނަށް ގޮސް ވިޔަފާރި ކޮށްލުމަކީ ތައިލެންޑަށް ކުރާ ދަތުރު ފުރިހަމަވާނެ ކަމެކެވެ. މިއީ ބޮޑެތި ތަންތަން ކަމަށްވުމުން އެންމެ ދުވަހަކުން މިތަންތަން ބަލާލުމަކީ ނާދިރު ކަމަށްވާނެއެވެ.

ޗައިނާ ޓައުނަކީވެސް ސްޓްރީޓް ފުޑްގެ އިތުރުން ލާ އަންނައުނާއި ބޫޓާއި ދަބަސް ފަދަ ތަކެތި ގަތުމަށް ދިވެހިން ގޮސްއުއޅޭ އެއް މާރުކޭޓު

ޗުއްޓީ ހޭދަކޮށްލަން - ސަފާރީ ވޯލްޑް:

އެގައުމުގެ ވެރިރަށް ބެންގްކޮކްގައި ހުންނަ ސަފާރީ ވޯލްޑަކީ ކުޑަކުދިންގެ މެދުގައިވެސް އާންމު ތަނެކެވެ. އެތަނުގައި އެކި ވައްތަރު ވައްތަރުގެ ޖަނަވާރުތައް ވާއިރު އެސޮރުމެންނާއެކު ފޮޓޯ ނަގާލާ ހެދުމަކީ މިތަނަށް ދާ ފަތުރުވެރިންނަށް ހުއްދަ އޮންނަ ކަމެކެވެ. މި ޕާކަކީ މައިގަނޑު ދެ ޒޯނާއެކު 480 އޭކަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހަދާފައިވާ ތަނެކެވެ. ގުދުރަތީ ގޮތުންވެސް އެހާމެ ހިތްގައިމު މި މަންޒިލަކީ އިންސްޓަގްރާމްއަށް ފޮޓޯ އަޕްލޯޑު ކުރުމަށް ހިތްގައިމު ފޮޓޯ ތަކެއް ނަގާލަން ރަނގަޅު މަންޒިލެކެވެ. މި ތަނުގައި މެރިން ޕާކަކާއި ކޯމަހުގެ ފަރި ހަރަކާތްތައް ދައްކުވާދޭ ޑޮލްފިން ޝޯވެސް އޮވެއެވެ. އަދި ހަމައެހެންމެ އެކި ވައްތަރުގެ ދޫނިތަކާއި ސީލްގެ ޝޯވެސް ކުރިއަށްގެންދާ މި ޕާކުގައި ކެއުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވެއެވެ.

ސަފާރީ ވޯލްޑް، މިތަނުގައި އުޅޭ ޖަނަވާރުތަކާއެކު ފޮޓޯ ނެގުމަކީ ހުއްދަ ކަމެއް

ޗުއްޓީ ހޭދަކޮށްލަން - ފުކެޓް:

ބެންގްކޮކާއި ތަންކޮޅެއް ދުރުގައި އޮންނަފުކެޓަކީ ގުދުރަތީ ހިތްގައިމު ކަމުން ފުރިގެންވާ ތަނެކެވެ. ދުއްވާ އުޅަނދެއްގައި ނަމަ ބެންގްކޮކް އިން ފުކެޓްއަށް 11 ގަޑިއިރުގެ ދަތުރެއް ކުރަންޖެހޭއިރު ބޭނުންނަމަ ރާއްޖެއިން ޑައިރެކްޓް ފްލައިޓްގައިވެސް މި އަވަށަށް ދަތުރު ކުރެވެއެވެ. އެގޮތުން މި އަވަށުގައި ހުންނަ 45 މީޓަރު އުސް ބިގް ބުއްދާއަކީ ފަތުރުވެރިންގެ މެދުގައި އާންމު މަންޒިލެކެވެ. އަދި ހަމައެހެންމެ ފަރުބަދަތަކުން ޖަރީވެފައިވާ ފަންގް އެންގާ ބޭ އަކީ އެމެރަލްޑް-ފެހި ފެންގަނޑުން ނުކުންނަ ލައިމްސްޓޯން ކްލިފްތައް ހުންނަ ޖާދުވީ ތަނެކެވެ. ކޮހް ޕަންޔޭ އާއި ޖޭމްސް ބޮންޑް އައިލެންޑަކީ މިތަނުގައި އެންމެ ގިނަ އިން ފޮޓޯ ނަގާ ތަންތަނެވެ.

ގުދުރަތަށް ލޯބިކުރާ ފަރާތްތަކަށާއި އެޑްވެންޗާއަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ފުރިހަމަ ތަނެއް ކަމަށްވާ ކަތޫ ވޯޓާފޯލް އަކީ ހިލަތަކުގެ ތިރިއަށް ފެން ވަދެ ގެންގުޅޭ ޑްރޮޕް ޕޫލްތަކުގެ ސިލްސިލާއެކެވެ. މީގެ އިތުރުންވެސް އެތަކެއް ހިތްގައިމު ތަންތަނުން ޖަރީވެފައިވާ ތައިލެންޑުގައި އެތައް ގިނަ ތަންތަނެއް ވެއެވެ.

ފުކެޓް، މިއީ ގުދުރަތީ ގޮތުން ހިތަގައިމު މަންޒިލެއް

ޗުއްޓީ ހޭދަކޮށްލަން - ޗިއަންގް މައި:

ޗިއާންގް މައި އަކީ ތައިލެންޑުގެ ފަރުބަދަމަތީ ގެ ސިޓީއެކެވެ. 1296 ވަނަ އަހަރު އުފެދުނު މި ތަނަކީ 1558 ވަނަ އަހަރާ ހަމަޔަށް މިނިވަން ލާނާ ކިންގްޑަމްގެ ވެރިރަށެވެ. އެގައުމުގެ ސަގާފީ އެތައް އާދަކާދައެއް ދައްކުވާދޭ މި ސަރަހައްދަކީވެސް ހިތްގައިމު ކަމުން ފުރިގެންވާ މަންޒިލެކެވެ. އާއިލާ އާ އެއްކޮށް ދަތުރު ކޮށްލާ ފަރާތްތަކަށް މިއީ ރަނގަޅި މަންޒިލަކަށްވާނެއިރު މިފަދަ ތަންތަނުގެ ހިތްގައިމުކަން އަސްލަށް އެތައް ގުނައެއް ރީތިވެއެވެ. މި ސިޓީ އަކީ ތައިލޭންޑްގެ އަތްތެރި މަސައްކަތް ދައްކުވާދޭ މަޝްހޫރު ސިޓީއެކެވެ.

ޗިއަންގް މައި، މިއީ އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ރަނގަޅު މަންޒިލެއް

ފަތުރުވެރި އެތައް ކަމަކުން ޖަރީވެފައިވާ ތައިލެންޑުގައި އާންމު ގޮތެއްގައި އެއްތަނުން ދަތުރުފަތުރުކޮށް އުޅެނީ ޓުކް ޓުކްގައި ނަމަވެސް އެކަނި ތަނަކަށް ގޮސްލަން ބޭނުންނަމަ ސައިކަލް ޓެކްސީ އަކީ އެކަމަށް އެންމެ ރަނގަޅު އޮޕްޝަނެވެ. ހަރަދު ކުޑަކޮށް ތަންތަނަށް ދެވޭ ސައިކަލު ޓެލްސީ އަލީ ވަރަށް އާންމު ހިދުމަތެކެވެ.