ކެޓަގަރީ 1 ގައި ހިމެނޭ މަސްތުވާއެއްޗެއް ކަމަށް ވާ މެފެޑްރޯންގެ 3 ކިލޯ ބޭންކޮކަށް އެތެރެ ކުރަން އުޅުމުގެ ތުހުމަތުގައި ދިވެއްސަކު އެ ގައުމުން ހައްޔަރު ކޮށްފިއެވެ. ނަމަވެސް އެއީ ކާކުކަން މި ނޫހަށް އަދި ދެނެގަނެވިަފއެއް ނުވެއެވެ.

ޔޫކޭ މަގުން އެގައުމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ޕްރޮޓީން ސަޕްލިމެންޓް ތަކެއްގެ ގޮތުގައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

'ތައިގާ' ނޫހުން ބުނީ، ބޭންކޮކް ފުލުހުން ދިވެހި މީހާ ހައްޔަރު ކުރީ، ޔޫކޭއިން ބޭންކޮކަށް ފޮނުވި ޕެކޭޖްތައް ބަލައި ޕޯސްޓް އޮފީހަށް ގޮސް ހުއްޓާ ކަމަށެވެ.

ބޭންކޮކްގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް ޕަނޫރަތް ލެކްބޫމް ވިދާޅުވީ، މިފަދަ އެހެން ހާދިސާއެއް މިދިޔަ ޖޫން މަހުވެސް ހިނގި ކަމަށާއި އެހަފަރު 840 ގްރާމް މެފެޑްރޯން އާއެކު ހައްޔަރު ކުރީ ރަޝިއާގެ ރައްޔިތެއް ކަމަށެވެ. އޭނާ އެތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ ކޮފީ ކެޕްސޫލްތަކެއްގެ ގޮތުގައެވެ.

ތައިލޭންޑްގެ އޮފިޝަލުން އަތުލައިގަތް މަސްތުވާތަކެތި

އިތުރަށް އޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތައް ކަމަށް ވާ އެކްސްޓަސީ، ކޮކެއިން، ކެޓަމައިން ފަދަ އެހެން ބައެއް ބާވަތްތައްވެސް އެ އިދާރާއިން ހިންގި އޮޕަރޭޝަންގައި އަތުލައިގަނެވިފައި ވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ތަކެތީގެ ތެރެއިން ވެސް މެޕަޑްރޯން އަކީ ނުރައްކާ އެއްޗެއް ކަމަށާއި އެ ޑްރަގް އެހެން ބައެއް ބާވަތްތަކާ އެއްކޮށް މައްސުނި ކުރުމުގެ ސަބަބުން ނުރައްކާތަކާ ކުރިމަތިވާ ކަމަށާއި އަދި އެ ބާވަތް ބާތް ސޯލްޓު ކިޔާ މާއްދާއަކާ އެއްކުރުމުގެ ވިހަ އަކަށް ވެސް ބަދަލުވާ ކަމަށެވެ.

އެއިދާރާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައި ވަނީ، ފެންޓަނީލް އާއި 2ސީބީ ފަދަ މަސްތުވާތަކެތި އެމެރިކާ އާއި ޔޫރަޕުން ސްމަގްލް ކޮށްގެންވެސް ގެންނަ ކަމަށެވެ. އަދި ބޭންކޮކުގައި އުފައްދާ 'ޕާޓީ ކެންޑީ' އާއި 'ހެޕީ ވޯޓާ' ފަދަ މަސްތުވާތަކެތި ބެންކޮކާއި ޗޮން ބުރީ ފަދަ ސަރަހައްދުތަކުގައި ދައުރުވަމުން ދާ ކަމަށާއި އެކަން ބަލައި މޮނިޓާ ކުރަމުން ގެންދާތާ 3 އަހަރު ވެފައި ވާ ކަމަށެވެ.

އިދާރާތަކުން ބުނީ ތައިލޭންޑްގައި މެފަޑްރޯން ބޭނުން ކުރާ އާބާދީއަކީ ކުޑަ އާބާދީއެއް ކަމަށެވެ. އެމީހުންގެ ހަރަކާތްތައް ވަރަށް ގާތުން ބަލައި ފާރަވެރިވަމުން ދާކަމަށް ވެސް ބުނެފައި ވެއެވެ.