ރާއްޖޭގެ ސިއްހީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި، ތައިލެންޑް ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން ސޮއި ކުރި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ.
އަދި، ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ އޮފް ހެލްތު ޑޭޝް-އިސް ކައުތޯން އެވެ. މީގެ އިތުރުންވެސް އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓާ ސައިމާ ވާޒިދް ބައިވެރިވެވަޑައިގެންނެވިއެވެ.
ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ކަންތައްތަކަކީ:
- ރާއްޖޭގައި ދެމުންގެންދާ ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތްތައް ހަރުދަނާކުރުން
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާ ކުރުން
- ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުން
- ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސާޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާ ކުރަން އެހީތެރިކަން ދިނުން
- ސިއްހީ ދާއިރާ ކުރިއެރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިން އަށް އެހީތެރިކަން ދިނުން
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު، ނާޒިމް ވަނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނާޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
އަދި ރާއްޖެއާ ތައިލޭންޑުގެ ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.