ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް އެ ގައުމަށް އެތެރެވުމުގެ ކުރިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
މި އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާއިރު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައި އޮންލައިންކޮށް ފޯމު ފުރަންޖެހޭނެ ކަމަށެވެ. އަދި މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރަށް ފޮރިން މިނިސްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ “އެންޓްރީ ވިސާ” ގައި ތައިލެންޑަށް ދަތުރު ކުރެވޭނެކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ ތައިލެންޑަށް ދަތުރުކުރާވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު އެގައުމުގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް މިނިސްޓްރީންވަނީ އެދިފައެވެ.