ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެ ނަމަ އެމްޑީޕީ ސަރުކާރުން ދޭން ނިންމާފައިވާ، ގޯއްޗާއި ފްލެޓު ވަކި މުއްދަތެއްގެ ތެރޭގައި ހަވާލު ކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީ ކެންޑިޑޭޓް އިފްހާމް ހުސައިންގެ ކެމްޕެއިން ޖަލްސާގައި ރޭ ސޯލިހް ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި، މާލޭން ގޯތި ލިބޭނެ ފަރާތްތަކާއި ފްލެޓު ލިބޭނެ ފަރާތްތައް ކަނޑައެޅީ ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރި ކަމާއެކު ކަމަށެވެ. އަދި ގުޅީފަޅާއި ގިރާވަރު ފަޅުންނާ ހުޅުމާލޭ ފޭސް ތިނަކުން ގޯތި ދިނުމުގައި ނިންމުމަކީ ވަރަށް އުދަގޫ ނިންމުމެއް ކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ އެ މަނިކުފާނު ކުރެއްވި މި ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ހުއްޓިފައިވާކަމަށެވެ.

މީގެ އިތުރުން ސޯލިހް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓު މި ސަރުކާރުން ހިފަހައްޓާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ގޯއްޗާއި އެ ފްލެޓުތައް ހަވާލު ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެކަމަށާ ގޯތި ދޫކުރުން ހުއްޓުވާ، އެ ލިސްޓު ބަދަލުކުރުމުގެ ޖާގަ ނުދޭނެކަމަށް ސޯލިހް ވިދާޅުވިއެވެ.

އިތުރަށް ސޯލިހް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތަށް ގޯއްޗާއި ފްލެޓު ދިނުމަށްޓަކައި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިއްމުކަމަށެވެ. މި ގައުމު ހަމަ މަގަށް އެޅޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ނަގައިގެންކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީ އިން، އަލުން ވެރިކަމަށްވެސް އަންނަންޖެހޭ ކަމަށެވެ.