ޔުނައިޓެޑް ނޭޟަންސް ވަލްޑް ޓޫރިޒަމް އޯގަނައިޒޭޝަން އިން ކުރިއަށް ގެންދާ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" އަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އދ.ގެ ފަތުރުވެރިކަމާ ބެހޭ އިދާރާ ޔޫއެންޑަބްލިއުޓީއޯ އިން ކުރިއަށް ގެންދާ "ބެސްޓް ޓޫރިޒަމް ވިލެޖަސް" އަކީ ރަށްފުށުގެ ކުރިއެރުމާއި، ތަރައްގީ އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ މައި ވަސީލަތުގައި ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ރަށްފުށު ފަތުރުވެރިކަމަށް އަމާޒުކޮށްގެން 2021 ވަނައަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" ޕްރޮގްރާމްގައި ވާދަކުރަން ޝައުގުވެރިވާ ރަށްރަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28ވާ ބުރާސްފަތި ދުވަހުގެ 10:00އަށް ހުޅުވާލާފައިވާކަމަށެވެ. އަދި އެ މިނިސްޓްރީން ވަނީ ރަށްރަށުގެ ކައުންސިލް އިދާރާތައް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް އެދިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އެރަށެއްގައި ދިރިއުޅޭ އާބާދީގެ އަދަދު 15،000 އަށް ވުރެ މަތިނުވުން ހިމެނެއެވެ. މި ގޮތަށް ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން 8 ރަށެއް ރާއްޖޭގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" އަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ގައުމަކުން 70 އަށް ވުރެ ގިނަ އަވަށާ، ރަށްރަށް، ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިން ޒިޔާރަތްކުރުމަށް ޝައުގުވެރިކުރުވަނިވި ހާއްސަ އާ ތަންތަންކަމުގައި ކަނޑައަޅާފައިވެއެވެ.