ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު އޮލިމްޕަސް ސިނަމާގައި އެޅުވި ފުރަތަމަ ފީޗާ ފިލްމު "ފުރޭތަ" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.
މި މަހު ހަތަރު ވަނަ ދުވަހު ރެޑް ކާޕެޓް ހަފްލާއަކާއެކު ފިލްމުގެ ޕްރިމިއާ ނައިޓް ބޭއްވިއިރުން ފެށިގެންވެސް މި ފިލްމުގެ މޮޅު ވާހަކަ ގިނަ ބަޔަކު ދައްކާކަން ފާހަގަކޮށްލެވެއެވެ. ފިލްމު ބެލުމަށްފަހު ނުކުތް ގިނަ މީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލާފައިވާއިރު ބެލުންތެރިން ބުނީ މިއީ ވަރަށް ސަޅި އެކްޝަން ތުރިލާއެއް ކަމަށެވެ. ރާއްޖޭގައި މި ފެންވަރުގެ އެކްޝަން ތުރިލާ ދިވެހި ފިލްމެއް އަދި ނުފެންނަ ކަމަށް ބައެއް މީހުން ބުނެއެވެ. ފިލްމު ބަލަމުންދާ ވަގުތު ފިލްމުގެ ކެރެކްޓަރުން ބުނެލާ މޮޅެތި ޖުމްލަތަކުން އޯޑިއަންސް އަތްޖަހަމުންދާއިރު އެންމެންވެސް އިއްތިފާގުވަނީ އެޕާޓްމަންޓުގައި ރޯކޮށްލާ މަންޒަރުގެ ފުރިހަމަ ކަމުގެ ވާހަކައަށެވެ. އެ ސީންގެ ވިޝުއަލް އިފެކްޓްސް ވަރުގަދަ ވާހަކައެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް އެކްޝަން ތުރިލާ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އަހުމަދު ތޮލާލެވެ. ކުރިއަށް ތިން ރޭގެ ޝޯތަކުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިކެމުންދާއިރު ފިލްމުގެ ޝޯތައް އޮލިމްޕަހުގައި އަޅުވާނީ ރޭގަނޑު 22:00 ގައެވެ. "ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
ބަދަލު ހިފުމާއި އިންސާފުގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑު ތަރިއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ތަރި ޝަރަފް އަބްދުﷲއެވެ. މޮގާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ.