އޮލިމްޕަހުގައި މިވަގުތު އަޅުވާފައި އޮތް ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފީޗާ ފިލްމު "ފުރޭތަ" ރޯދަ މަހު އަޅުވާނީ ރޭގަނޑު 22:00 ގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޑާކްރެއިނުން ބުނީ މި ފިލްމު ކޮންމެ ރެއަކު 22:00 ގައި އޮލިމްޕަހުގައި އަޅުވަން ނިންމާފައިވާ ކަމަށެވެ. ރޯދަ މަހުގެ ޝޯތަކުގެ ޓިކެޓް އޮލިމްޕަހުގެ ކައުންޓަރުން ވިއްކާނީ މެންދުރު ފަހު 2:00 އިން 5:00 އަށް އަދި ރޭގަނޑު 9:30-11:00 އަށް ކަމަށެވެ. "ފުރޭތަ" މި ފިިލްމަކީ ޝެޑިއުލްކޮށް އޮލިމްޕަހުގައި ރޯދަ މަހު، ދިވެހި ފިލްމެއްގެ ޝޯތައް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުވެސްމެއެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް އެކްޝަން ތުރިލާ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އަހުމަދު ތޮލާލެވެ. މި މަހު ހަތަރު ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާކުރި މި ފިލްމުގައި ތަޅާފޮޅުންތަކާއި ލޭ އޮހޮރުވުން ހިމެނޭ މަންޒަރުތައް އެކުލެވެއެވެ. "ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

ބަދަލު ހިފުމާއި އިންސާފުގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑު ތަރިއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ތަރި ޝަރަފް އަބްދުﷲއެވެ. މޮގާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ.