ދިވެހި ފިލްމު އިންޑަސްޓްރީގައި ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާރު އޮލިމްޕަސް ތިއޭޓާގައި އަޅުވާފައި އޮތް ފިލްމު "ފުރޭތަ" ގެ ވަދާއީ ޝޯތައް ދައްކަން ތައްޔާރުވެއްޖެއެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މި ފިލްމުގެ ވަދާއީ ދެ ޝޯ ދައްކަން ހަމަޖެހިފައިވާ ކަމަށާއި އެ ޝޯތައް އޮންނާނީ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ކަމަށެވެ. އެއީ މި މަހުގެ 28 އަދު 29 މާޗު ވަނަ ދުވަހުގެ ރޭގައެވެ. ފިލްމު ރޭގަނޑު 22:00 ގައި ދައްކަން ހަމަޖެހިފައިވާއިރު މި ދެ ޝޯގެ ޓިކެޓްވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް އެކްޝަން ތުރިލާ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އަހުމަދު ތޮލާލެވެ. ބަދަލު ހިފުމާއި އިންސާފުގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑު ތަރިއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ތަރި ޝަރަފް އަބްދުﷲއެވެ. މޮގާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ. "ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.