ޑާކްްރެއިން އެންޓަޓެއިންމަންޓުގެ "ފުރޭތަ" ވެގެން ދިޔައީ މިއަހަރު އެ ކުންފުނިން އޮލިމްޕަހަށް ގެނެސްދިން ފުރަތަމަ ފިލްމަށެވެ. ފިލްމުގެ ނަމަށް ބަލާފައި އެއީ ބިރުވެރި ފިލްމެކޭ ގިނަ ބަޔަކު ހިތަށް އަރާފާނެއެވެ. ފިލްމުގެ ނަމަކީ "ފުރޭތަ" އެވެ. އެއްވެސް ހާލެއްގައި އެއީ ދިވެހިން މިކިޔާ ފުރޭތަ، ނުވަތަ ޖިންނި ޝައިތާނުން އުޅޭ ފިލްމެއް ނޫނެވެ. މި ފިލްމުގައި "ފުރޭތަ" އެ ނަން ނިސްބަތް ކޮށްފައިވަނީ އިންސާނުންގެ ތެރޭގައި އުޅޭ އަނިޔާވެރި ނުބައި މީހުންނަށެވެ. މިދިޔަ އަހަރު އެންމެ ފުރަތަމަ ފިލްމު ނެރެން ތާވަލްކުރި ނަމަވެސް ބައެއް ސަބަބުތަކާ ގުޅިގެން މި ފިލްމު މިއަހަރު ގެނެސްދޭ ގޮތަށް ނިންމީއެވެ. ކޮންމެއަކަސް "ފުރޭތަ" ބެލުމަށްޓަކައި އޮލިމްޕަހުގެ ކުރީ ސީޓެއްގައި ގޮއްސަ އިށީނީމެވެ.

  • ތަރިން

ޝަރަފް އަބްދުﷲ (ހުސައިން)، ރަވީ ފާރޫގް (ޒުލާލު)، އަހްމަދު ސައީދު (ސޯލިހު)، މުހައްމަދު މަނިކު (ޖުނައިދު)، އަހްމަދު ނީލް (ނީލް)، މުހައްމަދު ރިފްޝާން (އިއްސޭ)، އަހުމަދު ނާޝިތު (ދަޅޭ)، އަލީ ނަދީހު (އާންޓޭ)، ހުސައިން ސާމީ (ސާމީ)، ހަމްދާން ފާރޫގު (ހަމްދާން)، އާދަމް ރިޒްވީ (ޒަރީރު)، އާމިނަތު އަސީލާ (ޝިފާ)، މުހައްމަދު ނާއިލް (ނާއިލް)، ސޫޒަން އިބްރާހިމްފުޅު (ރަވީގެ މަންމަ)، މުހައްމަދު ވިޝާލް (ނަދީމް) އަދި އަހުމަދު ޝާކިރު (އިންސްޕެކްޓާ) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ހުސައިން އާއި އޭނާގެ ތުއްތު ދަރިފުޅު ނީލް އަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އަންނަ ދެބަފައިންނެވެ. ކެފޭ އެއް ހިންގަމުން ދަރިފުޅު ނީލްގެ ހުރިހާ ކަމެއްހެން ބަލަހައްޓަނީ ހުސައިނެވެ. ނީލްގެ މަންމަ ޝިފާ އާއި ވަކިވީފަހުން ދަރިފުޅު ގެންގުޅެމުން އައީ ހުސައިނެވެ. ލާމަސީލު ބައްޕައެކެވެ. ދަރިފުޅަށްޓަކައި ކޮންމެފަދަ ކަމެއް ކުރަންވެސް ތައްޔާރަށް ހުރި ހިތްހެޔޮ ބައްޕައެކެވެ. އާދައިގެ މަތިން އެދުވަހުވެސް ހުސައިން ކެފޭ އަށް ދިޔައި ނީލް ސްކޫލު ދޮށަށް ލުމަށްފަހުއެވެ. ނަމަވެސް އެ ދުވަހު ކެފޭ ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭތީ ކެފޭ ތެރެއަށް ވަދެވޭ ގޮތް އޭނާ އަކަށް ނުވިއެވެ. ޖުނައިދުގެ އެދުމަކަށް ކެފޭގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖް ހޯދަން ހުސައިން ކެފޭ ތެރެއަށް ވަނެވެ. ޕެންޑްރައިވަކަށް ފުޓޭޖް އަޅަން ޖެއްސުމަށްފަހު އޭނާ ދިޔައީ ދަރިފުޅު ސްކޫލު ދޮށަށް ބަލައެވެ. ސްކޫލުން ދަރިފުޅު ނަގައިގެން އޭނާގެ މަންމަ ޝިފާގެ ގެއަށް ލުމަށްފަހު އަނބުރާ ކެފޭ އާ ދިމާއަށް ހުސައިން މިސްރާބު ޖަހައެވެ. ނަމަވެސް އޭނާ އަށް މަގުމަތިން ގޭންގެއްގެ ބަޔަކު ދިމާކޮށްލައެވެ. ފުޓޭޖު ނުދިނުމަށް އަމުރުކުރެއެވެ.

ފުރޭތަ ޕްރިމިއާ ނައިޓް: ރަވީ އާއި ފިލްމުގެ ޑައިރެކްޓަރު ޗިއްޕެ އަދި ޕްރޮޑިއުސަރު މޮގާ---

އެ ތިން މީހުންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ހުސައިން އެ ފުޓޭޖު ޖުނައިދަށް ހަވާލުކުރެއެވެ. އޭގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އެއްވެސް އުނދަގުލެއް ނުފޯރާނެ ކަމަށް ޖުނައިދު ބުނެއެވެ. ނަމަވެސް ހުސައިން ހިތްބިރު ގަނެފައި ހުރި ވަރުން ހުސައިން ދިރިއުޅޭ ގޭ ކައިރީ ފޯރިމަރަށް ފުލުހުން ބައިތިއްބާނެ ކަމަށް ޖުނައިދު ބުނެއެވެ. ގޮތް ހުސްވެފައި ހުރި އާންޓޭ، ދަޅޭ އަދި އިއްސޭ، ހުސައިން އެ ފުޓޭޖު ފުލުހުންނަށް ހަވާލުކުރި ވާހަކަ އެމީހުންގެ ބޮސް ޒުލާލަށް އަންގަނީ ވަރަށް ޖެހިލުންވެ ހުރެއެވެ. އެ ހަބަރު ލިބުމާއެކު ޒުލާލުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. މަސްތުވާތަކެތި ބޭނުންކުރުމަށްފަހު ޒުލާލު އާއި އޭނާގެ ގޭންގު މިސްރާބު ޖެހީ ހުސައިން ދިރިއުޅެމުން އަންނަ ގެއަށެވެ. ކަންދިމާކުރި ގޮތުން އެ ވަގުތު ވެގެން ދިޔައީ ފޯރިމަރަށް ތިބި ފުލުހުންވެސް އެހިސާބުގައި ނެތް ވަގުތަކަށެވެ. އެރޭ ވެގެންދިޔައީ ހުސައިންގެ ދިރިއުޅުމަށް ހުއްޓުން އެރި ރެއަކަށެވެ. އޭނާގެ މުޅި ހަޔާތް ބަރުބާރުވެގެންދިޔައެވެ. ދުނިޔެ އެފުށްމިފުށަށް ޖެހުނެވެ. ދަރިފުޅު ނީލް އަށްޓަކައި ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލި ވެގެންދިޔައެވެ. ޒުލާލު މެންގެ އަނިޔާވެރިކަމާއި، ހުސައިންގެ ދިރިއުޅުމަށް އިންސާފު ހޯދުމަށް އޭނާ މަސައްކަތްކުރިއެވެ. ފުލުހަށް ގޮސް އާދޭސްކުރިއެވެ. ނަމަވެސް ހުސައިނަށް އިންސާފެއް ނުލިބުނެވެ. ފިލްމުން ދެން ފެނިގެންދިޔައީ އިންސާފު ހޯދުމަށްޓަކައި ހުސައިން ކުރާ ދަތުރެވެ. އަނިޔާވެރި ކަމާއި ލޭއޮހޮރުވުންތަކެވެ. ވޭނާ ހިތްދަތިކަމެވެ. ރާއްޖޭގައި އިންސާފު ލިބުމުގެ ކަންތައް އޮންނަ ގޮތުގެ ވާހަކަ މި ފިލްމުގެ ޒަރިއްޔާ އިން ފެނިގެންދިޔައެވެ.

  • ޝަރަފްގެ އެކްޓިން އަށް ސަތޭކަ!

މި ފިލްމަކީ އެކްޓަރު ޝަރަފް އަށް ލީޑު ރޯލު ކުޅެން ލިބުނު ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. އޭނާ ކުޅުނު ފުރަތަމަ ލީޑް ރޯލު ވެސްމެއެވެ. އެކްޓަރު ޝަރަފް އަކީ މިއަދު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ގަދަޔަށް ފިޔަޖަހަމުން އަންނަ ތަރިއެކެވެ. މިއަހަރު އެންމެ ފުރަތަމަ އެޅުވި ފިލްމުގެ ބަތަލުގެ ރޯލު ވެސް ކުޅުނީ ހަމަ ޝަރަފްއެވެ. މި ފިލްމަކީ ޝަރަފް ކުޅުނު އެހެން ފިލްމުތަކާ ތަފާތު ފިލްމެކެވެ. އާންމުގޮތެއްގައި ލޯބީގެ ބައިތަކުން ފެނިގެންދާ ޝަރަފް މި ފިލްމުގައި ކުޅުނީ ތަފާތު ރޯލެކެވެ. އޭނާގެ ފައިޓިން ސީންތައް ވަރަށް ފުރިހަމައެެވެ. ޑައިލޮގްތައް ވެސް ޗާލެވެ. އެކްޓިން އަށް ހަމަ ސަތޭކައެވެ.

  • ރަވީގެ ކޮލިޓީ ސަޅި!

ފިލްމުގެ ފައިޓް ކޮރިއޮގްރަފަރަކީ ރަވީއެވެ. އެކްޓަރަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ތަރިއެކެވެ. މިކަހަލަ ފައިޓިން ފިލްމުތައް ރަވީ އާ ވަރަށް ގުޅެއެވެ. ތަޅާފޮޅުންތަކާއި ޖައްސާ ސްޓަންޓުތައް ވަރަށް ފުރިހަމައެވެ. ރަވީގެ އެކްޓިންއަށް ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ހަމަ އެއްވަނައެވެ.

ފުރޭތަގެ މަންޒަރެއް---

މި ފިލްމުން އިންސާފު ނުލިބިފައިވާ އެތަކެއް ބައެއްގެ ވާހަކަ ކިޔައިދެއެވެ. އެއްވެސް ކުށެއް ނެތް ސާދާ ސީދާ ދިރިއުޅުމެއް އުޅެމުން އައި ބަފަޔަކު އިންސާފަށްޓަކައި ނުކުމެ ކުރާ ހަނގުރާމަ ފިލްމުން ފެނިގެންދެއެވެ. ދަރިފުޅަށްޓަކައި ވާ ގުރުބާނީ ފިލްމުން ފެނިގެންދެއެވެ. އިންސާފު ހޯދައިދޭން ތިބޭ އިސްމީހުންނަށް ރައްޔިތު މީހާއަށް އިންސާފު ނުހޯދައިދެވުމުގެ ސަބަބުން ދެން ކަންތައް ވެގެންދާ ގޮތް ފިލްމުން ފެނިގެންދިޔައެވެ. މި ފިލްމަކީ ދިވެހި މުޖުތަމައުގައި މިހާރު ހުރި އިޖުތިމާއީ އަދި އާއިލީ ވަރަށް ގިނަ މައްސަލަތަކަށް އަލިއަޅުވާލައިގެން ގެނެސްދީފައި އޮތް ފިލްމެކެވެ. ޖުމްލަކޮށް ފިލްމުގެ ހުރިހާ ކަމެއްވެސް ވަަރަށް ފުރިހަމައެވެ. ފިލްމުގައި ފެނުނު ކުޑަކުޑަ ނީލްގެ އެކްޓިން ވެސް ފުރިހަމައެވެ. ބެލުންތެރިންގެ ފަރާތުން ލިބުނީ ވަރަށް ޕޮޒިޓިވް ކޮމެންޓްސްއެވެ. އަދި އެއް ވާހަކަ ހިއްސާކޮށްލާނަމެވެ. ފިލްމުގައި ހުސައިން ދިރިއުޅެމުން އައި ގޭ ގޮވި މަންޒަރު ވަރަށް ފުރިހަމައެވެ. ވަރަށް ޗާލެވެ. ހަގީގަތުގައި ވެސް އެއީ ވަރަށް ރީތިވި މަންޒަރެކެވެ. "ފުރޭތަ" އާއެކު ޑާކްރެއިން އެންޓަޓެއިންމެންޓުން މިވަނީ ބެންޗްމާކެއް ގެނެސްފައެވެ. ބެލުންތެރިން ބަލައިގަންނަ ވަރުގެ އެކްޝަން ތްރިލާއެއް ގެނެސްދީފައެވެ. ފިލްމު ނިމިގެންދިޔައީ ތަރުހީބާއެކުގައެވެ. ދިވެހިންނަށް "ފުރޭތަ" ކަމުގޮސްފިއެވެ.