ޗައިނާގެ ހިލޭ އެހީގެ ދަށުން ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.
މިއެއްބަސްވުމަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވި އެއްބަސްވުންތަކެކެވެ. ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކުރި "ލެޓާ އޮފް އެކްސްޗޭންޗް" އަދި "އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓްސް އޮފް ޗައިނާ އެންޑް މޯލްޑިވްސް" އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ނިންމި ކަންކަން:
- އިނިޝިއަލް ރިޕެއާ ކުރުމުގެ މަސައްކަތް
- ޕްރިވެންޓިން މެއިންޓެނަންސް މަސައްކަތް
- ބްރިޖް މެއިންޓެނަންސް މަސައްކަތް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ހެދުން
- ބްރިޖް މެއިންޓެނަންސް މަސައްކަތް
- ރިކޯޑް ބަލަހައްޓާނެ ނިޒާމެއް ގާއިމް ކުރުން
- ބްރިޖުގެ އެކިއެކި ކޮމްޕޮނެންޓްސް ތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ، މެއިންޓެނަންސް މަސައްކަތް ކުރުން
މި މަސައްކަތް ހަވާލު ކުރީ މީގެ ކުރިންވެސް އެ މަސައްކަތް ކުރަމުންދިޔަ ޗައިނާގެ ސީސީސީސީ ކުންފުންޏާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މި އެއްބަސްވުމުގެ ދަށުން މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ދިވެހި ޓެކްނިޝަނުންގެ ގާބިލްކަން އުފެއްދުންވެސް ހިމެނެއެވެ. މިގޮތުން މިއެއްބަސްވުމުގެ މުއްދަތު ނިމުމުން ބްރިޖް މެއިންޓެނަންސް މަސައްކަތްތަކާ ހަވާލު ވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް އެ ޓީމުގެ ބެލުމުގެ ދަށުން މެއިންޓެނަންސް މަސައްކަތްތައް ހިންގާނެ ކަމަށް އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ބުނެއެވެ.
މެއިންޓެނަންސް މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ:
- ބްރިޖް އިންޖިނިއަރިންގް އަދި ރޯޑްއިންޖިނިއަރިންގް
- އިލެކްޓްރޯ މެކޭނިކަލް ޓްރެފިކް ސޭފްޓ،
- ފެސިލިޓީ ލޭންޑްސްކޭޕިންގް
- ބްރިޖްންސް މެއިންޓެނަންސްގެ ދާއިރާތަކުންނެވެ.
ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާއިރު މި މަޝްރޫއު ނިންމާ ބްރިޖް ބޭނުންކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ. ބްރިޖް 2018 ވަނަ އަހަރު ނިމުނުއިރު މެއިންޓައިނެންސް މަސައްކަތް ކުރުމަށް ޗައިނާގެ ސީސީސީސީ ކުންފުންޏާ ކޮންޓްރެކްޓުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ.
އެއަށްފަހު ބްރިޖްގެ މާބޮޑެތި މެއިންޓެއިނަންސް މަސައްކަތްތަކެއް ކޮށްފައި ނުވާއިރު ހުސްވި އަހަރު ފަހުކޮޅު ވަނީ ސްޓެލްކޯއާ ހަވާލުކޮށް ބްރިޖްގެ ބައެއް މަސައްކަތްތައް ކޮށްފައެވެ. އެގޮތުން މާލެއިން ބްރިޖަށް އަރާއިރު ހުންނަ ގިޑިގެ ދަބަރު ޖަހާ ބާވެފައި ވުމުގެ ސަބަބުން އެތަން މަރާމާތުކޮށްފައި ވެއެވެ.