ސިނަމާލެ ބްރިޖު މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ތަމްރީނުތަކެއް ހޯދުމަށް ދިވެހި އިންޖިނިއަރުންގެ ޓީމެއް ޗައިނާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުގެ އިންޖިނިއަރުންނާ ބައްދަލުކުރައްވައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވަނީ އެ ބޭފުޅުންނަށް ހިތްވަރު ދެއްވައި، ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ސަފީރު ވިދާޅުވީ، ދިވެހި ޒުވާން އިންޖިނިއަރުންނާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ދަތުރަކީ ޗައިނާގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަތުމަށާއި، އެ ގައުމުގެ ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް އަމިއްލައަށް ތަޖުރިބާކޮށްލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިއީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންތެރި އާ ވިސްނުންތަކާއި ހުނަރުތައް ހޯދުމަށް މަގުފަހިވާނެ ދަތުރެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ ގޮތުގައި، މި ތަމްރީނު ފުރިހަމަކުރުމަށްފަހު ދިވެހި އިންޖިނިއަރުން އެނބުރި އަންނާނީ ހަމައެކަނި ފަންނީ އިލްމާއި ހުނަރުތަކާއެކުގައެއް ނޫނެވެ. އޭގެ އިތުރުން ޗައިނާއާ މެދު އޮތް ވިސްނުން އިތުރަށް ފުޅާވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ޒަމާންވީ ގުޅުން މި ދަތުރުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ދެ ގައުމުގެ އެކުވެރިކަން ރަމްޒުކޮށްދޭ ސިނަމާލެ ބްރިޖު ދިވެހިން އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މި މަސައްކަތަކީ، ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.