މަޖިލިސް އިންތިހާބުގައި އަލުން ވާދަކުރަން ނިންމާ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެ ފުރުސަތު ހޯދުމަށް އެދި މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވަން ނިންމެވުމަށް ފަހު، ފަހުން މެންބަރު ރަޝީދު ވަނީ ފަހުން ވާދަނުކުރައްވަން ނިންމަވާފައެވެ. އެއީ ރޯދަ މަހު އިންތިހާބު އޮންނާތީ ކަމަށާއި ނަމަވެސް މިހާރު ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވާތީ، އަލުން ވާދަކުރައްވަން ބޭނުންވާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ތާވަލު ކުރުމާ އެކު ރަޝީދު އޭނާގެ ފޯމް އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ނަމަވެސް އެ ކޮމިޝަނުން ފޯމު ބަލައިގަނެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ އެ ނިންމުމާ ދެކޮޅަށް އިންތިހާބީ ޝަކުވާއެއް އަހުމަދު ރަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުން އަދި ގޮތެއް ނިންމާފައި ނުވާއިރު، އިންތިހާބު ބާއްވާ ތާރީހު ފަސްކުރި ނަމަވެސް، އިންތިހާބަށް އަލުން ވާދަކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފައެއް ނުވެއެވެ.

މަޖިލީސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް އެއީ ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި އެ ބިލް ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ.

އެ ބިލު ތަސްދީގު ކުރެއްވުމާއެކު މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.