މާލޭގެ ލޯކަލް މާރުކޭޓަށް ކުރުނބާ އާއި ފަޅޯ ގެނެސްފިއެވެ.

މި ރޯދަ މަސް ފެށިގެން އައި އިރު ބާޒާރުގެ އެކި ގޮޅިތަކުގައި ކަރާ، މެލަން ފަދަ ދިވެހިން އުފައްދާ މޭވާތައް އޮތީ ވަރަށް ތިއާގިކޮށެވެ. ނަމަވެސް ކުރުނބާ އާއި ފަޅޯ ފަދަ ބާވަތްތައް ދަތިވެ އަދުތައް ހުރީ އަތް ނުފޯރާ ވަރަށް އަރައިގެން ގޮސްފައެވެ.

މިއަދު މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދަށް ލ. އަތޮޅުންނާއި އއ. ތޮއްޑޫން ގެނެސްފައިވާ ތަކެއްޗަށް ބަލާއިރު، ގިނަ އަދަދެއްގެ ކުރުނބާ އާއި ފަޅޯ އަދި ދޮންކެޔޮ ހިމެނެއެވެ.

'ދަ ޕްރެސް' އިން މާލޭގެ ބާޒާރަށް މިތަކެތި ގެނެސްފައިވާ ތަން ފެނުމުން އަގުތައް ހުރި ގޮތް ވަނީ އޮޅުންފިލުވާފައެވެ. އެ ގޮތުން ވަކި ކުރުނބާގެ އަގު އުޅެނީ 30 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގައެވެ. ކުރުނބާ ފުޅިއެއްގެ އަގު އުޅެނީ 150 ރުފިޔާ އާއި 200 ރުފިޔާ އާ ދެމެދުގައެވެ. މިއީ ބޮޑު އަގެކެވެ.

ފަޅޮލާއި ކުރުނބާ ބާޒާރަށް ބާލާފައި / ފޮޓޯ: ދަ ޕްރެސް

ހަމައެއާއެކު ބާޒާރުގައި ފަޅޯގެ އަގު އުޅެނީ ކިލޯއެއް 60 ރުފިޔާ އާއި 70 ރުފިޔާއަށެވެ. އަނބު ކިލޯއެއް އުޅެނީ 150 ރުފިޔާ އާއި 160 ރުފިޔާއާ ދެމެދުގެ އަގަށެވެ. މިއީ ވެސް ބޮޑު އަގެކެވެ.

މީގެ އިތުރުން މިރުސް ކިލޯއެއްގެ އަގު އުޅެނީ 45 ރުފިޔާއަށެވެ.

ފަތްކެޔޮ ބާޒާރަށް ބާލާފައި / ފޮޓޯ: ދަ ޕްރެސް

ފިޔާ އަލުވި ބިހުގެ އަގަށް ބަލާއިރު، ރޯދަ މަސް ފެށިގެން ހަފްތާއެއް ވޭތިވެ ދިޔަ އިރު އެ ތަކެތީގެ އަގަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެން ބާވަތްތައް ކަމަށް ވާ އޮރެންޖް، އާފަލު، ފޭރު، އަލަނާސި، ލޭޑީސް ފިންގާ، ކޮޕީފަތް ފަދަ ބާވަތްތައް ހުރީ އަތްފޯރާ އަގުގައެވެ.