ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

އެ ރަސްމިއްޔާތުގައި ޝަރީފް ވަނީ އެއީ އެފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާއިއެކު އެމްއޭސީއެލްއިން ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި އެމްއޭސީއެލްގައި މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ހާއްސަ އިންޓާނަލް ޓީމެއް އޮތް ނަމަވެސް ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރަން ޖެހޭނީ އެ ޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހުކަމަށް ވާތީ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެހެންކަމުން އާރުޑީސީ ފަދަ އެފަދަ މަސައްކަތްތަކަށް ހާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާއި ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްއޭސީއެލްގެ ހީވާގި ވެރިންގެ މަސައްކަތް ފާހަގަކުރައްވާ ޒުހައިރު ވަނީ އާރުޑީސީގެ ގާބިލްކަން އިތުރުކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އާރުޑީސީގެ ކުރިމަގު ބިނާކުރަމުންދާނީ ސީނިއާ ލެވެލްގެ ސަރުކާރު ކުންފުނިތަކާއިއެކު މަސައްކަތްކޮށް އިތުރަށް ފުޅާކޮށްގެން ކަމުގައި ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ މިފަދަ މަސައްކަތްތައް ދިވެހި ކުންފުނިތަކާއި ހަވާލުކުރުމުން ބޭރު ކުންފުނިތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި އާރްޑީސީއަކީ އަދި އެމްއޭސީއެލްއަކީ އެ ފަދަ ވަރުގަދަ ކުންފުންޏަކަށް ހެދޭނެ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ ތަރައްގީއަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީތެރިކަން އާރްޑީސީއިން ދެމުންގެންދާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

އެ އެމްއޯޔޫގެ ދަށުން އެއާޕޯޓްގެ ލޭންޑް ސައިޑުގެ މަގު ހެދުމާއި މަރާމާތުކުރުމާއި ރީސާފޭސް ކުރުމުގެ މަސައްކަތް އާރްޑީސީއިން ކުރާއިރު މަގުތައް ގަވާއިދުން ބެލެހެއްޓުމާއިއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން މަގުތަކުގައި ލައިން މާކިން ދެމުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނީ އާރްޑީސީއިންނެވެ.

މަގުތަކުގެ ފެން ހިއްކުމުގެ ނިޒާމުތަކާއި އަދި އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމްއޭސީއެލްގެ ބޭނުންތަކާއި އެއްގޮތައް އެއާޕޯޓުގެ އާންމު ތަންތަނާއި ހިނގާރިތަކާއި އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާއިއެކު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ހަަމަ ޖެހިފައިވަނީ އާރްޑީސީއިންނެވެ.