މެލޭޝިއާގެ ނޭޝަނަލް މިސްކިތަކީ 1963 އާއި 1965 އާ ދެމެދު ބިނާކޮށްފައިވާ ގައުމީ ތަރިކައެކެވެ. މެލޭޝިޔާގެ މިނިވަންކަމުގެ ހަނދާނުގައި ނޭޝަނަލް މިސްކިތެއް އެޅުމުގެ ހިޔާލަކީ އެ ގައުމުގެ މިނިވަންކަމުގެ ރަސްމިއްޔާތުގެ މަހެއްހާ ދުވަސް ކުރިން ފެޑެރަލް އެގްޒެކެޓިވް ކައުންސިލުން ހުށަހެޅި ހިޔާލެކެވެ.

މި މިސްކިތް ބިނާކުރުމަށްފަހު 'މަސްޖިދު ނެގަރާ' ގެ ނަމުން ވަނީ ނަން ދީފައެވެ. މަސްޖިދު ނެގަރާ ނުވަތަ ނޭޝަނަލް މަސްކިތަކީ ކުއަލަލަމްޕޫރުގެ އެންމެ ބޮޑު މިސްކިތެވެ. އަދި މެލޭޝިޔާގެ ގައުމީ މިސްކިތަކީ އެ ގައުމުގައިވާ އިސްލާމްދީނުގެ ރަސްމީ މައި މަރުކަޒެވެ. މި މިސްކިތް ހުންނަނީ ކުއަލަލަމްޕޫރުގެ ކުރިން އިނގިރޭސިން ހަދާފައިވާ ރޭލު ސްޓޭޝަނެއް ކައިރީގައެވެ. އަދި އެ ސަރަހައްދަކީ އިސްލާމިކް އާޓްސްގެ މިއުޒިއަމް ފަދަ މުހިންމު އެހެން އިމާރާތްތައް ހުރި ސަރަހައްދެކެވެ. މި މިސްކިތުން ރަމްޒުކޮށްދެނީ ގައުމުގެ އެއްބައިވަންތަކަމާ ގިނަ ސަގާފަތްތަކެއްގެ ހަމަޖެހުމުގެ އިތުރުން ގައުމުގެ ސުލްހަވެރި މިނިވަންކަމަށްޓަކައި الله އަށް ޝުކުރުވެރިވުމާ، އެންމެ ލޭތިއްކެއްވެސް އޮހޮރިގެން ނުގޮސް މިނިވަންކަން ހާސިލްކުރެވިފައިވުމެވެ.

މެލޭޝިއާގެ ނޭޝަނަލް މިސްކިތް

މި ތާރީހީ މިސްކިތުގެ ޑިޒައިން ކުރުމަށް ގާތްގަނޑަކަށް ތިން އަހަރު ހޭދަވިއިރު، އިންޑިއާ، ޕާކިސްތާން، އީރާން، ތުރުކީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ސްޕެއިންގެ މިސްކިތްތަކުން ވަނީ ނަމޫނާ ނަގައިގެންނެވެ. މިއީ އިރުމަތީ ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް މިސްކިތްކަމުގައިވާއިރު މިއީ 15،000 މީހުންނަށް ޖާގައިގެ މިސްކިތެވެ.

މެލޭޝިއާގެ ނޭޝަނަލް މިސްކިތް

މި މިސްކިތުގައި ޑިޒައިންގެ ފާހަގަކޮށްލެވޭ ހަތަރު ސިފައެއް އެކުލެވިގެންވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 16 ޕޮއިންޓެޑް ސްޓާ ޑިޒައިންގެ ފުރާޅެވެ. 16 ޕޮއިންޓްގެ ކޮންކްރީޓް ފުރާޅުގެ ތަފާތު ޑިޒައިންގެ ސަބަބުން ބޮޑު ހުޅުވިފައިވާ ކުޑައެއްގެ ދަށުގައި ހުރި ކަމުގެ އިހުސާސް ކުރެވެއެވެ. ފުރާޅުގެ މެދުގައި އިސްތަންބޫލްގެ ބްލޫ މިސްކިތް ނަމޫނާއަކަށް ބަލައިގެން އެލްމިނިއަމް މަތީގައި ގުރުއާނުގެ އާޔަތްތައް ކޮށާފައި ހުރެއެވެ.

މެލޭޝިއާގެ ނޭޝަނަލް މިސްކިތް

މީގެ އިތުރުން މި މިސްކިތުގެ ހާއްސަ ކަންތައްތަކުގެ ތެރޭގައި 73 މީޓަރު އުސްމިނުގެ މުންނާރާ ނަމާދުކުރާ މައި ހޯލުގެ ކުރިމަތީގައި ހުންނަ ގެލެރީތަކުގެ، ތަނބުތަކުގެ އިތުރުން މިސްކިތުގެ ގޯތިތެރޭގައި ހުރި ފައުންޓަންތަކާއި ޕޫލްތަކާ، ރެއިންފޯލްތައް ފާހަގަކޮށްލެވެ.

މެލޭޝިއާގެ ނޭޝަނަލް މިސްކިތް

މި މިސްކިތުގެ ބޮޑެތި މަރާމާތުތައް 1987 ވަނަ އަހަރު ކޮށްފައިވާއިރު، ކޮންކްރީޓް ޑޯމްގެ ފިޔާތޮށި ކުލަ ބަދަލުކޮށް، އިތުރަށް ފާހަގަކޮށްލެވޭ ގޮތަށް ފެހި އަދި ނޫ ކުލައަކަށް ބަދަލުކޮށްފައިވެއެވެ. މި މިސްކިތުގައި ނަމާދަށް ގޮވުމަށް 75 ފޫޓުގެ އެންމެ މުންނާރެއް ބަހައްޓާފައިވާއިރު މި މިސްކިތުގައި ފަރުމާކޮށްފައިވާ 18 ޕޮއިންޓް ސްޓާ ޑޯމް ތަމްސީލުކޮށްދެނީ މެލޭޝިޔާގެ 13 ސްޓޭޓާ އަދި އިސްލާމްދީނުގެ ފަސް ތަނބެވެ. މިސްކިތް ކައިރީގައި ހުންނަނީ މެލޭޝިޔާގެ މުސްލިމް ބައެއް ލީޑަރުން ވަޅުލާފައިވާ މަގާމް ޕަހްލާވާން (ބަތަލުންގެ މަހާނަ)އެވެ. ބަތަލުންގެ މަހާނަތައް ހުރި ތަނަކީ 7 ޕޮއިންޓް ސްޓާ ކޮންކްރީޓް ފުރާޅު އަޅާފައިވާ ތަނެކެވެ.