އެއީ ރަށުގެ އެންމެންނާ ވެސް ގުޅޭ، ޒުވާނެކެވެ. ކުޑަކުދިންނާއި، މެދު އުމުރުގެ މީހުންގެ އިތުރުން އުމުރުން ދުވަސްވީ ކޮންމެ މީހަކީވެސް އޭނާގެ ރަހްމަތްތެރިއެކެވެ. އޭނާގެ ސަކަ މިޒާޖާ ހިތްހެޔޮކަމުގެ އިތުރުން ރަނގަޅު އަހްލާގާ މަސައްކަތްތެރި ކަމަކީ އެންމެންގެ ލޯތްބާއި ތައުރީފު އޮހޭ އެއް ސަބަބެވެ. އައްޑޫ ސިޓީ މީދޫ އަށް އުފަން އުމުރުން 31 އަހަރުގެ އަހްމަދު ޔޫނުސު އަކީ ފަހުރުވެރި މީދޫ ދަރިއެކެވެ.
ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރުވެސް އެއީ ދޫފަރިތަ ކެރޭ ދަރިވަރެކެވެ. ސްކޫލު ޕްރިފެކްޓް ޔުނިފޯމުގައި މޮޅު ދަރިވަރެއްގެ ގޮތުގައި ސ. އަތޮޅު މަދަރަސާއިން ތައުލީމީ ހަޔާތް ނިންމާލި އިރުވެސް އޭނާގެ ސިކުނޑި ވަނީ ވަރަށް ދުރަށް ދަތުރު ކޮށްފައެވެ. މެރިން އިންޖިނިއަރިންގެ ދާއިރާއިން ކިޔަވައިގެން ދިރިއުޅުމުގެ ގަދަ ކަނޑަށް އުމުރުން އެންމެ 18 އަހަރުގައި އޭނާ ނުކުތީ ފިސާރި ސާބިތުކަމާ އެކުގައެވެ. އެންމެ ފުރަތަމަވެސް ޔޫނުސް ވަޒީފާ އަދާކުރަން ފެށީ އިންޓަނޭޝަނަލް ޝިޕިން ލައިނެއްގައެވެ. އެހެންނަމަވެސް އަބަދުވެސް އުފަން ރަށުގައި ދިރިއުޅެން ބޭނުންވި ޔޫނުސް 2 އަހަރު ދުވަހު ރަށުން ބޭރުގައި ވަޒީފާ އަދަާކުރުމަށް ފަހު އުފަން ރަށަށް ބަދަލުވީ 2016 ވަނަ އަހަރުގައެވެ. ރަށަށް ބަދަލުވި ނަމަވެސް ޔޫނުސްގެ މަސައްކަތް ހުއްޓައެއް ނުލައެވެ.
އައްޑޫ ސިޓީ ހުުުޅުމީދޫގައި އެމްޕީއެލް އިން ދަތުރުފަތުރުގެ ހިދުމަތް ފެށުމާއެކު ދެން ގުޅުނީ އެތަނުގެ ވަޒީފާއާއެވެ. އެންމެ ފުރަތަމަ އެ ތަނުގެ ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ޔޫނުސް އަކީ މިހާރު އެމްޓީސީސީގެ މެކޭނިކެކެވެ. މިހާ ހިސާބުން އަދި ޔޫނުސްގެ މަސައްކަތްތެރިކަމުގެ ވާހަކަ ނިމުނީއެއް ނޫނެވެ. އޭނާއަކީ މީދޫގައި ދަނޑުވެރިކަން ކުރާ އެންމެ އުމުރުން ހަނގު ޒުވާނާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ މަޝްހޫރު ޒުވާން ދަނޑުވެރިޔާއަށް ބޮޑުބޭބެ ކިޔާ ޔޫނުސްގެ ޝައުގުވެރިކަން އެ މަސައްކަތަށް ހުއްޓުނީ 2020 ވަނަ އަހަރު ކޮވިޑް19 ގެ ދުވަސްވަރު މަސައްކަތްތައް ހުއްޓި އެކަހެރިކޮށް އުޅެން ޖެހުނު ހިސާބުންނެވެ. އޭރު ފޫހިފިލުވާލުމަށް އޭނާ ދަނީ ޒުވާން ދަނޑުވެރިޔާ، ރަމްޒީ ހުސައިންގެ ދަނޑަށެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ އެ ދަނޑުން އޭނާއަށް ގިނަ ކަންތައްތަކެއް ދަސްވެ ތަޖުރިބާ ކުރެވިގެން ދިޔައެވެ. ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭތާ 4 އަހަރުވެފައި ވާއިރު ޔޫނުސްއަށް އެންމެ ބޮޑަށް ދަސްވެގެން ދިޔަ އެއްކަމަކީ ރާއްޖޭގައި މިކަން ކުރުމަށް ހުރި ގޮންޖެހުންތަކާއި ދަތި އުނދަގޫތަކެވެ. އަދި ގަހަށް ޖެހޭ ބަލިތަކާއި، ދޭން ޖެހޭ ފަރުވާ އެނގިގެން ދިޔައިރު ދަނޑުވެރިކަމުގައި ހޭދަވި ކޮންމެ ދުވަހަކީ އޭނާއަށް އާ ކަންތައްތަކެއް ދަސްވެގެން ދިޔަ ދުވަހެކެވެ.
ޔޫނުސް ދަނޑުވެރިކަމުގެ މަސައްކަތުގެ ބިންގާ އެޅުނު 'ފްރެޝް ޔާޑް ފާމް' އަކީ ރާއްޖޭގައި އާންމުކޮށް ހައްދާ ނޫޅޭ، ގިނަ ވައްތަރުތަކުގެ މޭވާ އާއި ތަރުކާރީ ހެއްދުމަށް މަސައްކަތްކުރާ ދަނޑުވެރިންގެ ޓީމެކެވެ. އެ ޓީމްގެ އެންމެ ބޮޑު ޓާގެޓަކީ ހަރަދުތަކެއް ކޮށްގެން ވެސް ސްމާޓް ދަނޑުވެރިކަމެއް ކުރުމެވެ. މިގޮތުން ޒުވާން ދަނޑުވެރިޔާގެ އިރުޝާދުގެ ދަށުން މިހާރުވެސް ވަރަށް ގިނަ ބާވަތްތަކުގެ ގަސްތައް ހައްދަމުން އަންނައިރު، އަދި ފްރެޝްޔާޑް ފާމްގެ އެންމެ ބޮޑު އަމާޒަކީ އެތަކެތި ހެއްދޭނެ އެންމެ ރަނގަޅު ގޮތްތައް ބަލާ، އެކަންކަން ތަޖުރިބާ ކުރުމެވެ. ޔޫނުސް ގަބޫލުކުރާ ގޮތުގައި ދަނޑުވެރިކަމަކީ ވަޒީފާ އަދާކުރަމުންވެސް ކުރެވިދާނެ މަސައްކަތެކެވެ. އަދި އާމްދަނީ ހޯދުމުގެ ގޮތުން މި މަސައްކަތަށް އެކަނި ހުސްވެ ކުރިއަސް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފި ނަމަ ރަނގަޅު އާމްދަނީ އެއް ލިބޭނެ މަސައްކަތެކެވެ.
ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މި މަސައްކަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ކައިރި ހިސާބުތަކުން ލިބެން ނެތުންކަން ޔޫނުސް ފާހަގަ ކުރެއެވެ. އަދި މި މަސައްކަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ އިންވެސްޓްތައް ހޯދަން އުނދަގޫކަން ފާހަގަކޮށް ޔޫނުސް ބުނީ އެންމެ ރަނގަޅު ގޮތުގައި މި މަސައްކަތް ކުރިއަށް ގެންގޮސް ނަފާލިބޭ ދަނޑުވެރިކަމެއް ކުރެވޭނީ އެކަމަށް އިންވެސްޓްކޮށް، ސްމާޓް ދަނޑުވެރިކަމެއް ކޮށްގެންކަން ގަބޫލުކުރާ ކަމަށެވެ. ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމުގެ ވަރުގަދަ އަޒުމާއެކު މަސައްކަތްކުރާ ފްރެޝްޔާޑް ޓީމުގެ ޕްލޭންތައް ވަރަށް ގިނައެވެ. މިހާރުވެސް ކޮންމެ ތިނެއް ނުވަތަ ހަތަރު ދުވަހަކުން ލިބޭ ގޮތަށް ޝެޑިއުލް ކޮށްގެން ކިއުކަމްބާ ހައްދަމުން އަންނައިރު މިހާރުވެސް އެ ދަނޑުން މަހެއްގެ މައްޗަށް 3 ޓަނު ކިއުކަމްބާ ކެނޑެއެވެ. އެހެންނަމަވެސް މި އަދަދު އިތުރުކޮށް 10 ނުވަތަ 12 ޓަނަށް ބަދަލުކުރުމުގެ އަޒުމާއެކު މަސައްކަތް ކުރަމުން އަންނައިރު އަދި އިތުރު ބާވަތްތައްވެސް މި ގޮތަށް ޝެޑިއުލް ކޮށްގެން އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. "ފްރެޝް ޔާޑަކީ ރާއްޖޭގައި ނަން ހިނގާ ކާމިޔާބު، އަދި ނަތީޖާ ނެރެވޭ އެކުވެރި ޓީމެއް ކަމާ މެދު ޝައްކެތް ނެތް. ޒުވާން ދަނޑުވެރިޔާގެ ލީޑާޝިޕްގެ ދަށުން ގިނަ ކާމިޔާބީތައް ހާސިލްކޮށް، ތަފާތުވަނީ ދެއްކިފައި، މި މަސައްކަތާ މެދު ކުރާ އުއްމީދުތައް ވަރަށް ގިނަ" ޔޫނުސް ބުންޏެވެ.
ޔޫނުސްގެ ރޭސް ސައިކަލު
ޔޫނުސްގެ ދިރިއުޅުމުގެ ގިނަ ވަގުތު މަސައްކަތަށް ހުސްކޮށްލި ނަމަވެސް އޭނާއަކީ އަބަދުވެސް ރަށުގެ އިޖްތިމާއީ ކަންކަމުގައި ބައިވެރިވާ ޒުވާނެކެވެ. އަދި ކުޅިވަރުގެ ދަނޑުތަކުގައި ފެނިގެން ދާ ޒުވާނެކެވެ. ފުޓްބޯޅައިގެ އިތުރުން މޮޓޯސްޕޯޓްސް އަކީ އޭނާ އެންމެ ކުޑައިރުން ފެށިގެން ވެސް ޝައުގުވެރިކަން އުފެދުނު އެއް ކަމެކެވެ. ކޮންމެވެސް ދުވަހަކުން އަމިއްލަ ރޭސިން ސައިކަލެއް ގެންގުޅުމަކީ އޭނާގެ ހުވަފެނެވެ. އެ ހުވަފެންވެސް އެންމެ ފަހުން ޔޫނުސް ވަނީ ހަގީގަތަކަށް ހަދާފައެވެ. އޭނާގެ ސައިކަލުގައި ރޭސްޖެހުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަަށް ވެގެން ދިޔައީ އައްޑޫ ސިޓީގައި ބޭއްވި މުބާރާތެއްގެ ތެރެއިން އައްޑޫ މޮޓޯ ސްޕޯޓްސް އެސޯސިއޭޝަން ތަމްސީލުކުރަން ލިބުނު ހިސާބުންނެވެ. މި ފުރުސަތު ޔޫނުސްއަށް ހޯދައި ދިން ޓީމަށް ޝުކުރު އަދާކުރަމުން ޔޫނުސް ވަނީ މިކަމަށް ޝައުގުވެރިވާ މީދޫގެ ޒުވާނުންނަށް މި ފުރުސަތު ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތައްވެސް ހިއްސާކޮށްފައެވެ.
މި ގޮތުން 2023 ވަނަ އަހަރު އައްޑޫ މޮޓޯ ސްޕޯޓްސް އެސޯސިއޭޝަނުން މީދޫގައި އޮފް ރޯޑް ޕްރެކްޓިސް ސެޝަނެއް ބާއްވާފައެވެ. އަދި އައްޑޫގެ އެއްވެސް އަވަށެއްގައި އިވެންޓެއް އޮތް ނަމަ މިކަމަށް ޝައުގުވެރިވާ މީދޫ ޒުވާނުންނަށް އެސޯސިއޭޝަނުން އެ ފުރުސަތު އަންނަނީ ފަހިކޮށްދެމުންނެވެ. މި ގޮތުން ސޭފްޓީ އަށް ބޭނުންވާ ސާމާނާ މިކަމުގައި ޒުވާނުންނަށް ކުރިއަށް ދިއުމަށް ބޭނުންވާ އެހީތެރިކަން އެސޯސިއޭޝަނުން ފޯރުކޮށްދޭކަން ޔޫނުސް ވަނީ ފާހަގަ ކޮށްފައެވެ.
ޔޫނުސްގެ އެންމެ ބޮޑު އަމާޒަކީ މި ދާއިރާއަށް ގިނަ ޒުވާނުން ނެރެ ރާއްޖޭގައި ބާއްވާ ބޮޑެތި ރޭސްތަކުގައި އައްޑޫ ޒުވާނުންގެ ނަން ވިދައިގެން ދިއުމެވެ. އައްޑޫގައި ޕްރެކްޓިސް ކުރުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ޔޫނުސް ބުނީ ޕްރެކްޓިސް ކުރަން އެންމެ އެކަށީގެންވާ ތަނެއް ނުތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މަގުތަކަކީ އިވެންޓްތައް ބާއްވާ ޕްރެކްޓިސް ކުރުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަން ފާހަގަކޮށް ޔޫނުސް ބުނީ އުއްމީދަކީ ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަވަސް މުސްތަގުބަލެއްގައި އައްޑޫގައި ރޭސިން ޓްރެކެއް ތަރައްގީވެގެން ދިއުމެވެ.
އެމްޓީސީސީ ގައި ދާއިމީ ވަޒީފާއެއް އަދާކުރަމުން، ދަނޑުވެރިކަން ކުރަމުން، އަދި މޮޓޯރޭސިން ޕްރެކްޓިސްގައި ވެސް ބައިވެރިވަމުން އަންނަ ޔޫނުސް ބުނީ މިހުރިހާ ކަމަކަށް ވަގުތު ހުސްކޮށްލަން ޖެހުމަކީ ވަރަށް ބޮޑު 'ޗެލެންޖެއް' ކަމުގައެވެ. މިވަގުތު އާއިލާއަށް އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ ޔޫނުސް ބުނީ ދެން އިސްކަމެއް ދެނީ ވަޒީފާއަށް ކަމަށެވެ. ދަނޑުގެ މަސައްކަތަކީ ޝެޑިއުލް ވެގެން ވަކި ޓާގެޓަކަށް ކުރަމުން އަންނަ މަސައްކަތަކަށް ވާއިރު އެކުވެރި އެއްބައިވަންތަ ޓީމެއް އޮތުމަކީ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ޔޫނުސް ފާހަގަކުރިއެވެ. ޔޫނުސް ގަބޫލުކުރާ ގޮތުގައި އޭނާގެ މިހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ އޭނާގެ އަނބިމީހާއެވެ. ޔޫނުސް ކުރާ ހުރިހާ މަސައްކަތެއްގައި ވެސް އަނބިމީހާގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް އޭނާ ވަނީ މިހުރިހާ ކާމިޔާބީއެއްގެ ހަގީގީ ހައްގުވެރިއަކީ އަނބިމީހާ ކަމުގައި ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ޔޫނުސްގެ މަސައްކަތަށް އާއިލާއިން ބޮޑު އެއްބާރުލުމެެއް ލިބޭކަން އޭނާ ފާހަގަކުރީ އުފަލާއެކުގައެވެ.
ޔޫނުސް ހޯދި ވަނާ ގެ ވާހަކަ ނެތް ރޭސް ޖަަހާފައި.
މިހާރު ދަނޑުވެރިކަން ކުރެވެން އޮތީވެސް ތަނަވަސް މުއްސަދިން ނަށް.. ނިކަމެތި މީހާ ނިކަމެތި ހާލުގަ. ނިކަމެތި ދަނޑު ވެރިން ހައްދާ ތަކެތި ވިއްކަާނެ ގޮތެއްވެސް ނެތް..