އެމްޑީޕީ އިން އުޅެނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ވައްޓާލާކަށް ނޫންކަމަށާ ނަމަވެސް ވައްޓާލަން ޖެހިއްޖެއްޔާ ވައްޓާލަން ޖެހޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތ.ތިމަރަފުށީ ދާއިރާގެ ކެންޑިޑޭޓް ފަތުހުﷲ ޖަމީލުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިގޮތުން ފައްޔާޒު ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ މަސައްކަތްކުރުމަކީ އެމްޑީޕީ އަށް ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އަދި ގާނޫނީ ގޮތުންނާ އެހެނިހެން ގޮތްގޮތުން އޮތް ޒިންމާއެއްކަމަށެވެ. މި ސަރުކާރުން ވެރިކަމަށް އައީ ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ދައްކާ ވާހަކަ ތަކުރާރުކުރައްވަމުން ފައްޔާޒު ވިދާޅުވީ މިގައުމު އަނެއްކާވެސް އަނިޔާވެރިކަމަށް ފޮނުވަލުމަށް ޖާގަ ނުދޭނެކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާކަމެއް އެމްޑީޕީން ކުރާނެ ކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ މިސްރާބު ހަމަ މަގަށް އެޅުވުމަށްޓަކައި، ދަރިންގެ މުސްތަގުބަލު ޔަގީންކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ބޭނުންހާ ގޮތެއް ގައުމަށް ހެދުނަ ނުދިނުމަށްޓަކައި މިސްރާބު ހަމަ މަގަށް އަޅުވަންޖެހޭ ކަމަށެވެ. އެމްޑީޕީ އަށް ސަރުކާރުގެ މެޖޯރިޓީ ލިބިގެން ނޫނީ މި 'ވާނުވާ' ސަރުކާރު އޮބި ނޭޅޭނެކަމަށެވެ. " މި ސަރުކާރު އޮބި ނޭޅޭކަމުގައިވަނީ ނަމަ މިދިޔަ 4 މަސް ދުވަހު ފެނުނު ކުލަވަރުން އެބައެގޭ ސަލާމަތް ނުވާ ހިސާބަށް މި ގައުމުގެ ކަންތައްތައް ދާނެކަން." ފައްޔާޒު ވިދާޅުވިއެވެ.

އިތުރަށް ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް މީގެކުރިން ހީވެފައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ އެންމެ އަނިޔާވެރި ވެރިކަން ކަމަށާ އެހެންނަމަވެސް މި ސަރުކާރުން މާ ބޮޑަށްވެސް އަނިޔާވެރިކަން ފެންނަމުން ދާ ކަމަށެވެ.