ރޯދައިގެ ސަބަބުން، މާތް ﷲ އިންސާނާއަށް ދެއްވި ނިއުމަތްތަކުގެ އަގު ވަޒަންކުރެވި، އެނިއުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވެގެންދާ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މި ރަމަޟާންމަހުގެ ފުރަތަމަ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ "ރޯދައިގެ ހިކުމަތް" މި މައުޟޫއަށެވެ.

މިއަދުގެ ހުތުބާގައި ވަނީ ގިނަ ފަހަރަށްނިއުމަތެއްގެ އަގު ވަޒަން ކުރެވޭނީ އެ ނިއުމަތެއް ބީވެގެން ދިއުމަށްފަހު ކަމަށާއި ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭކަަމަށެވެެ.

ރޯދައަށް މީހާ ހުންނައިރު، ކެއިންބުއިމާ، އެންމެހައި ޝަހުވާނީ އެދުންތަކުން އޭނާގެ ނަފުސު ހިފަހައްޓާފައިވާއިރު މާތް ﷲ އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިއުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިއުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރިންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަގީރުންގެ ހާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަންނަކަމަށް ހުތުބާގައިވަނީ ބުނެފައެވެ،

ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް އިލްމުވެރިން ބަޔާންކުރައްވާފައިރު، މިހުރިހާ ކަންކަމަކީ ވެސް ތަގްވާވެރިކަން ހާސިލްކޮށްދޭ ކަންތައްތައް ކަމުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރޯދައަކީ މާތް ﷲގެ އަމުރުފުޅުތައް ގާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާ، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެބޮޑަށް އެހީވެދޭ އެއް އަޅުކަން ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިތާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުންކަމަށާ އޭގެ ނަތީޖާއެއްގެ ގޮތުން، ޝައިތާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭކަމަށެވެ. ރޯދަ ފަރުޟު ކުރެއްވުނު ހިކުމަތާ، އޭގެ ފައިދާ ހާސިލުކުރެވޭނީ، މާތްﷲ އެންގެވިގޮތަށް، ރޯދަ ހިފައިގެން ކަމަށާއި ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވާން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ރޯދައިގެ ހިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، ތަގްވާވެރިވުންކަން ފާހަގަކޮށް ހުތުބާގައި ބުނީ ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއްކަމަށެވެ.