މިއަދު ފާހަގަކުރަމުންދާ ބަރަކާތްތެރި އަޟްހާ އީދުގެ އުފަލުގައި ބިދޭސީން ބައިވެރިކުރުމަށާއި، އަނިޔާ ލިބެމުންދާ މުސްލިމުންނަށް ހެޔޮ ދުއާކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
އީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވުމަށް ހަނދާންކޮށްދެމުން ހުތުބާގައި ބުނީ، އީދަކީ ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅުމަށް އޮތް ދުވަސްތަކެއް ނަމަވެސް، އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުން ފަދަ ކަންކަން ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން ދެޖިންސު މަސްހުނިވެގެން ކުޅޭ ކުޅިވަރުތަކުން ދުރުހެލިވުމަށް ވެސް ވަނީ ގޮވާލާފައެވެ.
މުޅި އިސްލާމީ އުންމަތް ބައިވެރިވާ މި އުފާވެރި ދުވަހު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުންނަށް ތަހުނިޔާ ކިޔައި އެމީހުން ބައިވެރިކުރުމަށް ހުތުބާގައި ބާރުއަޅާފައިވެއެވެ.
ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލު ނައްތާލުމުގެ ބިރުވެރިކަމާއި، ހައިހޫނުކަމާއި، ހިޔާވަހިކަމެއް ނެތި ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާންކޮށް، އެ ފަރާތްތަކަށް ނަސްރާއި ކާމިޔާބު ދެއްވުން އެދި ދުއާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަޟްހާ އީދާ ގުޅިފައިވާ އުޟުހިޔާ ކަތިލުމުގެ މަތިވެރި ސުންނަތާއި، އިބްރާހީމްގެފާނާއި އިސްމާއީލްގެފާނުގެ ގުރުބާނީގެ މައްޗަށް ވެސް ހުތުބާގައި އަލިއަޅުވާލާފައިވެއެވެ. އަދި ގިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާންކޮށްދެމުން، މީސްތަކުންގެ މެދުގައިވާ ބޮޑާކަމާއި ހަސަދަވެރިކަން ދޫކޮށްލައި، އެކަކު އަނެކަކަށް މައާފުކޮށް ހިތްތައް ސާފުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
