މާލެތެރެއަށް ކުނި އަޅާ މީހުންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރުތަނަކަށް ހެދުމަށް، މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި މި މަސައްކަތުގައި ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތުރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި އެޅުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފައެވެ.

އަދި ހަމައެހެންމެ މާލެ ތެރެއަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވިއްޖެނަަމަ އެފަދަ މީހުން ލައްވާ ކުނިތައް ނަގުވާ މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އިއްޔެ އެކަނިވެސް 42.15 ޓަނުގެ ކުނި މާޅެ ތެރެއިން ވަނީ އުކާލާފައެވެ. އަދި ފާއިތުވި 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގާފައިވާކަމަށް ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކުން މާލޭގެ މަގުތައް ވަނީ ގޮނޑު ކޮށްލާފައެވެ. ސިޓީ ކައުންސިލުން މަގުތައް ސާފުކޮށް ފުލުހުން އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަމުންދިޔަ ނަމަވެސް މާލޭގެ މަގުތައް މަތިން ކުނި މަދުވާ ގޮތެއް ނުވެއެވެ.

ފާއިތުވި ތިން ދުވަހު ވެމްކޯއިން ހިލޭ ކުނި އުކާލާ ދީފައިވީ ނަމަވެސް ކުނި އެޅުން ހުއްޓިފައި ނުވެއެވެ. ބައެއް މަދު މީހުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި މަގުމަތީގައި ދުއްވާ މީހުންނަށް ދަނީ އެތައް އުނދަގުލެއް ކުރިމަތިވަމުންނެވެ. އަދި މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެކި އެކި ބަލިތައް ފެތުރުމުގެ މަގު ފަހިވާނެއެވެ.