މާލޭގައި، މީހުން ހިނގާބިނގާވެ އުޅުމަށް ހަދާފައިވާ ޕޭވްމަންޓް މަތީގައި މުދާ ބަހައްޓައިގެން ވިއްކަމުން ދިޔަ ހަތަރު ފަރާތެއް ޖޫރިމަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުގެ ޝިފްޓު-އޭ އިން މަގުމަތީ ޕޭވްމަންޓު ގައި މުދާ ބަހައްޓައިގެން ވިއްކާތީ 4 ފަރާތެއް ހުއްޓުވާ ޖޫރިމަނާ ކޮށްފައިވާކަމަށެވެ.
މާލޭގެ މަގުމަތީގައި ޕޭވްމަންޓަ މަތީގައި މުދާ ބަހަށްޓައިގެން ވިއްކުން އާންމުވެފައިވާއިރު، މިކަމާއި ގުޅިގެން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ގިނަ އުދަގޫތަކާ ކުރިމަތިވާކަމުގެ ޝަކުވާ ބޮޑެވެ. މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށް ވާއިރު، ޕޭވްމަންޓުތަކުގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔާފާރި ކުރަމުން ދާ މައްސަލަތައްވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. އަދި ކަމާއި ގުޅޭ އިދާރާތަކުން މިކަމާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް މީގެ ކުރިންވެސް އަޅާފައިވާއިރު، މިއަހަރު ރަމަޟާން މަހު މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމަށް ކަމާއި ބެހޭ އިދާރާތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން މާލެ ސަރަހައްދުގެ މަގުތައް ސާފުކުރުމުގެ މަސައްކަތުގެ އިތުރުން މިސްކިތްތަކުގެ ބޭރުގައި ނަމާދުކުރަން، ހާއްސަކޮށް ހުކުރުކުރަން ހަދާ ސަފުތައް ހެދުމަށް ފަސޭހަވާނެހެން، މަގުގައި ގިބްލަ ޑިރެކްޝަން އެނގޭގޮތަށް ހުދު ލައިންވަނީ ކުރަހާފައެވެ. މީގެ އިތުރުން ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ގެ ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.