ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރަން ގާނޫނީ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މ.މުލަކު، ނަޝީދާ ހަސަން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދުފުޅަކީ ވާނުވާގައި ތިބޭ ދޫކޮށްލުންކަން ފާހަގަކޮށް ނަޝީދާ ބުނީ ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލައޭ ބުނުމުން ހުރީ ވަރަށް ބޮޑު އިންތިޒާރެއްގައި ކަމަށެވެ. އަދި ނަޝީދާގެ ފިރިމީހާ ތުހުމަތެއްގައި ޖަލަށްލާފައިވާތާ މި ވަނީ ދެ އަހަރު ކަމަށާއި އޭނާ އުޅެމުންދަނީ ނުކުޅެދުންތެރިކަން ހުރި ކުއްޖަކާއެކު 4 ކުދިން ގޮވައިގެން ކަމަށް ވެސް ނަޝީދާ ވަނީ ބުނެފައެވެ.

ނަޝީދާ އިތުރަށް ބުނީ ނަގާފައި ހުރި ހެކިބަސްތަކާ އެއްޗެހީގެ އަލީގައި ވެއްޖެނަމަ އޭނާގެ ފިރިމީހާގެ ކުށެއް ނެތް ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ވަރަށް މުހިއްމު ސުވާލެއް ކަމަށާއި ވާނުވާ މައްސަލަ ހައްލު ކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ހިމެނޭ މުހިއްމު ކަމެއް ކަމަށެވެ. އަދި މިހާރު އެ ކަމާ ގުޅޭ ގޮތުން ގާނޫނަށް އިސްލާހުތަކެއް ގެނައުމާއި އެ ފަދަ ގާނޫނީ މަސައްކަތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ތަހުގީގު މަރުހަލާގެ ކަންތައްތައްވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ވާނުވާ ގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ވާނުވާ ބަނދު އުވާލައްވާނެ ކަމަށާއި ބަންދުގައި ބެހެއްޓޭ މުއްދަތު 48 ގަޑިއިރަށް ހައްދަވާނެ ކެމްޕެއިންގެ ތެރޭގައި ރައީސް ވަނީ ވިދާޅުވެފައެވެ.