މާލޭ މަގުމަތިން އިއްޔެވެސް 42.15 ޓަނުގެ ކުނި މާލެ ސިޓީ ކައުންސިލުން އުކާލާފައިވާކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިއީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކުން މާލޭގެ މަގުމަތި ގޮނޑުކޮށްލާފައިވާއިރު ސިޓީ ކައުންސިލުން ވަނީ މާލެ ސާފުކުރުމުގެ މަސައްކަތް ފަށާފަައެވެ. މި ގޮތުން ފާއިތުވި 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގާފައިވާކަމަށް އާދަމް އާޒިމް ވަނީ ވިދާޅުވެގައެވެ.

މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ މިއީ 25 ފޫޓުގެ 12.22 ކޮންޓޭނަރުގެ ކުނިކަމަށެވެ. "އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް." އާދަމް އާޒިމް ވިދާޅުވިއެވެ.

މާލޭގެ މަގުމަތިން ނެގުނު ކުނީގެ އަދަދު:-

- 1.5 ޓަނުގެ 13 ޕިކަޕު

- 350 ކިލޯގެ 19 ޕިކަޕު

- 2 ޓަނުގެ 8 ޕިކަޕު

އިއްޔެ ކުނި ނަގާފައި ވަނީ ހ.ޖަނަވަރީ މަގު ފަވަލަ ހާޑުވެއާ ކުރިމަތި، އަމީނީ މަގު ފިނޭންސް ކުރިމަތި ގޯޅި، ބަނަފްސާމަގު ގައި ހުރި ކުނިތައް ނަގާ ސާފުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ހަވީރީ ހިނގުމާއި ގުރާބު ތުނޑި ކަންމަތީގައި ބަހައްޓާފައި ހުރި ކުނިތައް ނަގާ ސާފުކުރުމާ، ދަގަނޑުކެނޑި ގޯޅި ސާފުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން ޖަވާހިރުމަގު ނަސީމީ ހިނގުން ކަންމަތި ސާފުކޮށް ނިމިފައިވާއިރު ދިލްބަހާރުމަގު ވަނީ ސާފުކޮށްފައެވެ. އަދި ގުލްފާމު މަގުގައި ހުރި ކުނިތައް ނަގާ ސަާފުކޮށްފައިވާއިރު ޖަންބުމަގު ސާފުކޮށް ސޯސަންމަގު، ޕްރިންޓު ސައިން ކުރިމަަތީ ހުރި ކުނިތައް ނަގާ ވަނީ ސާފުކޮށްފައެވެ.

އާންމު ތަންތަނުގައި ކުނި ބެހެއްޓުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ 100 އަށްވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅާފައިވާއިރު މަގުމަތީގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓާ ނަމަ 500 ރުފިޔާ އިން ޖޫރިމަނާކުރާނެއެވެ.