މާލޭ މަގުމަތިން ރެއާއި އިއްޔެ 38 ޓަނުގެ ކުނި ނަގައި އުކާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނީ 350 ކިލޯގެ 14 ޕިކަޕުގެ ކުނި އާއި 1.5 ޓަނުގެ 1 ޕިކަޕުގެ ކުނި އަދި 2 ޓަނުގެ 14 ޕިކަޕުގެ ކުނި އުކާލާފައިވާ ކަމަށެވެ. އަދި ހަމައެހެންމެ 4 ޓަނުގެ 1 ޕިކަޕުގެ ކުންޏާއެކު ޖުމްލަ 38 ޓަނުގެ ކުނި އުކާލާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އިއްޔެ ކުނި ނަގާފައި ވަނީ ހިރުދު މަގާއި އަސްރަފީ މަގާއި ޗާންދަނީ މަގާއި ރަށްދެބައި މަގުންނެވެ. އަދި ލިލީ މަގާއި އަމީނީ މަގާއި ސޯސަންމަގުގެ އިތުރުން ބުރުޒުމަގުންވެސް ކުނި ވަނީ ނަގާފައެވެ. މީގެ އިތުރުންވެސް ޖަލާލުއްދީން ބުރު ކައިރިންނާއި ފަރީދީ މަގާއި އޯކިޑްމަގާއި ނިކަގަސްމަގު އަދި ގުމްރީގޯޅިންވެސް ކުނި ނަގާފައިވެއެވެ. އަދި ހަމައެހެންމެ ދަނބުރުއްމަގު، ކުރިކީލަމަގު، އިއްޒުއްދީން މަގާއި ޖަނަވަރީ މަގުންވެސް ކުނި ވަނީ ނަގާފައެވެ.

މިއީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކެވެ. މިފދަ ކުނި ފުނި ފުނިން މުޅި މާލެ ފުރާލާފައިވާއިރު އެކަމުގެ ސަބަބުން ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިތައް ވަނީ ކުރިމަތިވެފައެވެ.

އާންމު ތަންތަނުގައި ކުނި ބެހެއްޓުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ 100 މީހަކަށް ފިޔަވަޅުވެސް އަޅާފައެވެ. މަގުމަތީގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓާ ނަމަ ޖޫރިމަނާ ކުރަނީ 500 ރުފިޔާއިންނެވެ.

ކުނީގެ މައްސަލަ ބޮޑުވެ، މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މާލެ ސާފުކުރަން ފަށައިފައިވާއިރު، މާލެ ސަރަހައްދުގެ އުފެދޭ ބޮޑު ކުނި މިއަދުގެ ނިޔަލަށް ހިލޭ އުކާ ދިނުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ.