އިންޑިއާގެ އާގަރާގައި ހުންނަ ތާޖް މަހާލްއަކީ ދުނިޔޭގެ ހަތް އަޖާބުގެ ތެރެއިން ހިމެނޭ އެއް ބިނާއަށް ވާ އިރު މިއީ އިސްލާމީ ތާރީހުގައި ވެސް ހިމެނޭ އެންމެ މަޝްހޫރު އެއް ގަނޑުވަރެވެ. ކޮންމެ އަހަރަކު އެތަށް މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާ ތާޖް މަހާލަކީ 1628 އިން 1658 އަށް އިންޑިއާގައި ރަސްކަން ކުރި މުގަލް ރަސްގެފާނު ޝާހް ޖަހާން އަނބިކަނބަލުން މުމްތާޒް މަހާލްގެ ނަމުގައި އަޅާދިން ބިނާއެކެވެ.

މުމްތާޒް މަހާލްއަކީ ކާކު؟

ބުނެވޭ ގޮތުގައި މުމްތާޒްއަކީ ރަސްގެފާނު ޝާހް ޖަހާންގެ ތިން ވަނަ އަދި އެރަސްގެފާނު އެންމެ ލޯބިވީ އަނބިކަނބަލުންނެވެ. އަރަބި ނަސްލުގެ އާއިލާއަކަށް އުފަންވި މުމްތާޒްގެ އަސްލު ނަމަކީ އަރުޖުމާންދް ބަނޫ ބޭގަމްއެވެ. ރަސްގެފާނު ޝާހް ޖަހާންއާއި އޭނާ ކައިވެނި ކުރީ 1612 ވަނަ އަހަރު އުމުރުން 19 އަހަރުގައެވެ. އޭރު ރަސްގެފާނަކީ މުގަލް ރަސްކަމުގެ ވަލީއަހުދެވެ.

މުމްތާޒް މަހާލްއަކީ ރަސްކަމުގެ ނިންމުންތަކުގައި ރަސްގެފާނު ޝާހް ޖަހާންއަށް ބައިވެރިވިވަޑައިގެން ރާނީއެއް/ފޮޓޯ: ތާޖްމަހާލް ޑޮޓްކޮމް

މުމްތާޒް މަހާލްގެ ނަން އޭނާއަށް ދެއްވީ ރަސްގެފާނު ޝާހް ޖަހާނެއެވެ. މިދެމަފިރިންގެ ކައިވެނީގެ 19 އަހަރުގެ ތެރޭގައި މުމްތާޒް ވަނީ ރަސްގެފާނު ޝާހް ޖަހާންއާއެކު މުގަލް ރަސްކަން ފެތުރިފައިވާ އޮތް ހުރިހާ ސަރަހައްދަކަށް ދަތުރުކުރައްވާފައެވެ. އަދި އަސްކަރީ ކެމްޕާންތަކުގައި ވެސް މުމްތާޒް ރަސްގެފާނުގެ އަރިހުގައި ހުންނެވި އިރު މުމްތާޒްއަކީ އަމިއްލައަށް އެއްވެސް ސިޔާސީ ބާރެއް ބޭނުންވެގެން އުޅުނު ރާނީއެއް ނޫނެވެ. މި ދެމަފިރިންނަށް 14 ކުދިން ލިބުނެވެ. މުމްތާޒް މަހާލް ނިޔާވީ 1631 ވަނަ އަހަރު މި ދެމަފިރިންގެ 14 ވަނަ ކުއްޖާ ވިހެއުމުގެ ތެރޭގައެވެ. އޭރުވެސް މުމްތާޒް ހުންނެވީ ރަސްގެފާނާއި އެކު އަސްކަރީ ކެމްޕޭނެއެއްގައެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ލޯބީގެ ބިނާ ގޮތުގައި ސިފަވެފައިވާ ތާޖްމަހާލް އަކީ ރަސްގެފާނު ޝާހް ޖަހާން މުމްތާޒްގެ މަހާނައިގެ ގޮތުގައި އެޅި ތާރީހީ ބިނާއެވެ.

ތާޖް މަހާލް ހަދަން 16 އަހަރު ހޭދަވީ، މަސައްކަތްތެރިންގެ އަތްބުރި ކުރި ވާހަކައަކީ ދޮގެއް!

އެބިނާއަކާ ބެހޭ ގޮތުން އެތަށް ފޮތެއް ލިޔެވިފައިވާ ތާޖް މަހާލާ ބެހޭ މަައުލޫމާތު އެކި ގޮތްތައް އައިސްފައިވެއެވެ. މީގެ ތެރެއިން އަދިވެސް ދެކެވޭ އެއް ވާހަކައަކީ ތާޖްމަހާ ހަދަން މަސައްކަތް ކުރި 40،000 މަސައްކަތްތެރިން އެފަދަ އެހެން ބިނާއެއް ހަދަން މަސައްކަތްކޮށްފާނެތީ ކަމަށް ބުނެ ރަސްގެފާނު ޝާހް ޖަހާން އެމީހުންގެ އަތް ބުރި ކުރަން އަމުރު ދިން ވާހަކައެވެ.

މިއީ އަދިވެސް އިިންޑިއާގެ ބައެއް ސިޔާސީ ވެރިން ބޭނުން ކުރާ ފްލޯކް ވާހަކެވެ. އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު 2021 ވަނަ އަހަރު އެގައުމުގެ ފަޅިއެއްގެ މަސައްކަތްތެރިންގެ އަގުވަޒަންކޮށް އެމީހުންގެ ބޮލަށް މާ އުއްކަވާ ހެއްދެވި އިރު ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ 'މޯދީ މަސައްކަތްތެރިންގެ ބޮލަށް މާ އުއްކެވި އިރު، ރަސްގެފާނު ޝާހް ޖަހާން މަސައްކަތްތެރިންގެ އަތް ބުރި ކުރެވީ ކަމަށެވެ.

ތާޖް މަހާލްގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ މާބަލް/ފޮޓޯ: ގޫގަލް ޕިކްސް

އެހެން ނަމަވެސް، އިންޑިއާގެ ތާރީހީ އިލްމުވެރިން ވެސް ވަނީ މިކަން ދޮގުކޮށްފައެވެ. އެމީހުން ބުނާ ގޮތުން ތާޖް މަހާލް ހެދި މަސައްކަތްތެރިންގެ އަތްތައް ބުރި ކުރަން ރަސްގެފާނު ޝާހް ޖަހާން އަމުރު ކުރީ ނޫން ކަމަށާއި ރަސްގެފާނުގެ ޝަރުތުކުރީ މި ބިނާ އެޅި މީހުން މިފަދަ އެހެން އިމާރާތެއްގައި މަސައްކަތް ނުކުރަން ކަމަށެވެ. މިއީ އަދުގެ ބައެއް މަސައްކަތް ކުރާ ފަރާތްތަކަށް ވިޔަފާރިތަކާއި ކުންފުނިތަކުން ދޭ އެއްބަސްވުންތަކުގައި ވެސް ހިމަނާ ފަދަ ޝަރުތެކެވެ. އެއީ މަސައްކަތުގެ ފިކުރީ ރައްކާތެރިކަން ކަށަވަރުކޮށް ނަކަލުކޮށް އުފެއްދުމުގެ ފުރުސަތު ކުޑަކުރާށެވެ.

ރަސްގެފާނު ޝާހް ޖަހާންއަކީ ޒީނަތްތެރި އަދި ޒަމަނީ އާކޓެކްޗާއަށް ލޯބި ކުރާ ރަސްކަނލަކަށް ވީ އިރު މުމްތާޒް މަހާލްގެ މަހާނައިގެ ގޮތުގައި އެޅި ތާޖް މަހާލްގެ މަސައްކަތަށް 16 އަހަރު ނެގިއެވެ. ބުނެވޭ ގޮތުގައި މިމަސައްކަތުގައި 40،000 މަސައްކަތްތެރިންގެ އިތުރުން 10،000 ހާސް އެއް ވެސް ބޭނުން ކުރިއެވެ.

ތާޖް މަހާލް ހަދާފައިވަނީ އޭރު ލިބެން ހުރި އެންމެ އަގުބޮޑު އަދި ހޯދަން އުނދަގޫ މައުދަނުތަކުުން

ތާރީހީ ގިނަ ބިނާތަކެއް ހުންނަ އިންޑިއާގައި ވެސް އެންމެ ފާހަގަކޮށްލެވޭ ތާޖް މަހާލް ޑިޒައިންކުރީ ކަނޑައެޅިގެން ކޮން އާކިޓެކްޓެއް ކަމެއް ތާރީހުގެ ފަތްފޮއްތަކުން ނޭގެއެވެ. އެހެން ނަމަވެސް މިކަމުގައި ގިނަ އާކިޓެކްޓުންގެ ބައިވެރިވުން ހިމެނޭ އިރު މީގެ ތެރޭގައި އިސްމާއިލް ހާން، އަމާނަތް ހާން، މުކްރިމަތް ހާން އަދި މިރް އަބްދުލް ކަރީމް ހިމެނެއެވެ. ގަނޑުވަރު ޒީނަތްތެރިކުރުމުގައި ދުނިޔޭގެ މަޝްހޫރު ޑިޒަނަރުން މަސައްކަތްކޮށްފައިވެއެވެ. އަދި އެމީހުން ބޭނުންކޮށްފައިވަނީ އޭރު ލިބެން ހުރި އެންމެ މޮޅު އަދި އެންމެ އަގު ބޮޑު ތަކެއްޗެވެ.

ތާޖް މަހާލްގެ އެތެރޭގައި އެތަށް އާޓިސްޓުންގެ ފަރުމާތައް ވަނީ ބޭނުންކޮށްފައި/ފޮޓޯ: ގޫގަސް ޕިކްސް

ތާޖް މަހާލް ހެދުމަށް އެތަށް ހަރަދެއްކޮށްފައިވާ އިރު މުގަލް ރަސްކަމަށް ލިބިފައިވާ ސިޔާސީ ހުރިހާ ބާރެއްވެސް މިކަމުގައި ބޭނުން ކުރިއެވެ. ބުނެވޭ ގޮތުގައި ތާޖް މަހާލްގައި ބޭނުންކޮށްފައިވާ ރިއްސާއި ރަނާއި ގެނެސްފައިވަނީ އެމެރިކާއިންނެވެ. އަދި އެއީ އެމެރިކާގެ އަސްލު ނަސްލުގެ މީހުން އަޅުވެތިކޮށްގެން ހިންގި ޖަރީމާތަކުން ހޯދާފައިވާ ރަނާއި ރިހި ކަމަށްވެސް ބުނެވެއެވެ.

ތާޖް މަހާލްއަކީ ޝާހް ޖަހާންގެ ލޯބީގެ ރަމްޒު ނަމަވެސް އެއީ ރަސްކަމުގެ ނިމުން ވެސްމެ

މުމްތާޒް މަހާލް އަވަހާރަވީ ފަހުން 20 އަހަރު ތާޖް މަހާލް ހަދަން ރަސްގެފާނު ޝާހް ޖަހާން ހޭދަކުރެއްވި އިރު މިމުއްދަތުގައި ރަސްކަމުގެ ތިޖޫރީ ހުސްވާ އަތަށް އަޅާ ރަސްކަމުގެ އެހެން ކަންކަން ވެސް ބޮއްސުން ލައިގެން ދިޔައެވެ.

މޮގުލް ރަސްގެފާނު ޝާހް ޖަހާން ވަނީ އަވަހާރަވީ ދިއްލީ ކިއްލާގައި ބަންދުކޮށްފައި ހުންނަވިކޮށް/ފޮޓޯ: ތާޖްމަހާލް ޑޮޓްކޮމް

ނަތީޖާއަކަށްވީ 1666 ވަނަ އަހަރު އޭނާގެ ފިރިހެން ދަރިކަލުން އައުރެންގްޒެބް ބައްޕަގެ އަތުން ރަސްކަން ފޭރިގަތުމެވެ. އެކަމުގައި އޭނާގެ ދެ ބޭބެވެސް އަވަހާރަކޮށްލި އިރު 1666 ވަނަ އަހަރު ބައްޕަ އަވަހާރަވުމާ ހަމައަށް އޭނާ ވަނީ ޝާހްޖަހާން އާގްރާ ކިއްލާގައި ބަންދުކޮށްފައެވެ.