ތުރުކީގެ އިސްތަންބޫލުގައި ހުންނަ ހާގިއާ ސޯފިއާ އަކީ މުހިންމު ބައިޒަންޓައިން ސްޓްރަކްޗައެއްގެ އިތުރުން ދުނިޔޭގެ ބޮޑު އެއް އާސާރީ ބިނާއެވެ.

މީގެ 1500 އަހަރު ކުރިން އިސްތަންބޫލުގައި ވެރިކަން ކުރި ބީޒަންޓައިން އެމްޕެރާގައި ދުވަސްވަރު ނަސޯރާއިންގެ ފަޅިއެއްގެ ގޮތުގައި ބިނާކުރި އެތަން އުސްމާނީ ހިލާފަތުގައި އެ ސަހަރު ފަތަހަ ކުރުމަށް ފަހު 1453 ވަނަ އަހަރު މިސްކިތަކަށް ބަދަލުކުރި އެވެ. އަދި އެއަށްފަހު 1935 ވަނަ އަހަރު ވަނީ އެތަން ދާރުލްއާސާރަކަށް ބަދަލުކޮށްފައެވެ. މި ނިންމުން ބަދަލުކޮށް ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލުކޮށް ދިނުމަށް ތުރުކީގެ މުސްލިމުން އެދުނު ނަމަވެސް އެގައުމުގެ ސެކިއުލާ ވިސްނުމުގެ މީހުން މިކަމާ ދެކޮޅުހަދައިފައިވެއެވެ.

އިސްތަންބޫލުގައި ހުންނަ ހާގިއާ ސޯފިއާ

ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ފިއްތުންތައް ކުރިމަތިކުރުވަމުން ދިޔައިރު އެންމެފަހުން ތުރުކީގެ ކޯޓަކުން ވަނީ ދާރުލްއާސާރެއްގެ ގޮތުގައި ބޭނުންކުރަމުން އައި ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލުކުރުމަށް އެގައުމުގެ ސަރުކާރަށް އަންގައިފައެވެ. އަދި 86 އަހަރަށްފަހު ހާގިއާ ސޯފިއާ ގައި 2020 ވަނަ އަހަރު ވަނީ ހުކުރު ނަމާދުކޮށްފައެވެ. ފުރަތަމަ ފައްޅިއެއް, ދެން މިސްކިތެއް އަދި ދާރުލްއާސާރެއްގައި ގޮތުގައި ބޭނުންކުރި ހާގިއާ ސޯފިއާއަކީ އުސްމާނީ ހިލާފަތުގެ 5 ރަސްކަލެއްގެ މަގްބަރު އޮންނަތަންވެސްމެއެވެ.

އިސްތަންބޫލުގައި ހުންނަ ހާގިއާ ސޯފިއާ

ހާގިއާ ސޯފިއާގެ އެތެރެ ޕެނަލްކޮށްފައި ހުރީ އަގުބޮޑު ކުލަކުލައިގެ މާބަލްތަކާ، ޒީނަތްތެރި ހިލަ އިންލޭތަކުންނެވެ. މިތަނުގައި ގަދީމީ އިމާރާތްތަކުން ޒީނަތްތެރި މާބަލް ތަނބުތައް ނަގައި، އެތެރޭގެ އާކޭޑްތަކަށް ސަޕޯޓް ދިނުމަށް އަލުން ބޭނުންކޮށްފައިވެއެވެ.

ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއް ގޮތުގައި ކަނޑައަޅާފައިވާ އެ މިސްކިތަށް ވަނުމަށް ފަތުރުވެރިންގެ އަތުން ފީ ނަގަން މިއަހަރު ޖަނުއަރީ މަހު ވަނީ ފަށާފައެވެ. މިގޮތުން ހާގިއާ ސޯފިއާ މިސްކިތަށް ވަނުމަށް ޓޫރިސްޓުންގެ އަތުން ގާތްގަނޑަކަށް 28 ޑޮލަރު މިހާރު ނަގައެވެ.