މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައިވަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށްފަހު އިއްވެވި ހަނދާ ބެހޭ ގަރާރުގައެވެ.
އެ މިނިސްޓްރީން ބުނީ، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށެވެ. އަދި އެ މިނިސްޓްރީން ވަނީ ރޯދަަމަހު އަޅު ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ ރައްޔިތުންނަށް ނަސޭހަތްތެރިވެސް ވެފައެވެ.
ރާއްޖޭން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، މިރޭ ސައުދި އަރަބިއްޔާއިންވެސް ވަނީ އެ ގައުމަށް ހަނދު ފެނުމާ ގުޅިގެން މާދަމާއަކީ ރޯދަ ކަމުގައި އިއުލާނުކޮށްފައެވެ.
ރޯދަ މަހަކީ ރާއްޖޭގައި އިހުއްސުރެ ހަނދު ބަލައިގެން ފާހަކަ ކުރަމުން އަންނަ މަހެކެވެ. ހަނދު ބެލުމުގައި އާންމުކޮށް އަމަލު ކުރަމުން އައި ގޮތަކީ، ޝައުބާން މަހުގެ ފަހު ދުވަހު އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ، ރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ރޯދަ ހިފަން ފަށާ ގޮތަށެވެ.