މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތާރީހު ފަސްވުމާއި ގުޅިގެން، އަނެއްކާވެސް ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ، އިންތިހާބާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު އީސީ އިން މަޖިލީސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

އީސީ އިން ބުނީ މިއަދު މެންދުރު 14:00 އިން ފެށިގެން އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީއަށް ހުޅުވާލާފައިވާ ކަމަށެވެ. މި ގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތާރީހު ބަދަލުވުމާ ގުޅިގެން، ވޯޓުލާ ދުވަހު ހުންނަ ތަނަކަށް ވޯޓު ލާން އިތުރު ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ. އަދި މިހާރު ރީ ރަޖިސްޓްރީކޮށްފައިވާ މީހެއް ވިޔަސް އޭނާ އެހެން ތަނަކަށް ވޯޓުލާން ބޭނުން ނަމަ، ރީ-ރަޖިސްޓްރީ ވެވޭނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާ ގުޅިގެން ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން ވެސް ވަނީ އިތުރުކޮށްފައެވެ. މި ގޮތުން އިތުރު 30 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު ސިނާއީ ސަރަހައްދުގައި އިތުރު އެއް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގައި އިތުރު 4 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.