މާލެ ސިޓީގެ ކުނި މެނޭޖްކުރުން އިންތިހާއަށް ބޮއްސުންލާ، އެކަމުގެ ސަބަބުން އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާ ވަމުންދާ ކަމަށްބުނެ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކަންކަންމަތީގައި ކުނިވާ ޒާތުގެ ޑަސްބިންކޮތަޅުން ފެށިގެން ފަރުނީޗަރުގެ ބައިބަޔާއި، ގައުކުނޑީގެ ފުނިވަރުތަކުން މާލެ މިވަނީ މުޅިން ގޮނޑުވެފައި ކަމަށެވެ. އަދި މާލޭގެ މަގުތަކާއި އާންމު ހުސްޖާގަތަކުގެ ނުތާހިރުކަން އިންތިހާއަށް ބޮޑުވެ، އާންމު ސިއްހަތަށާއި، ދުޅަހެޔޮކަމާއި، މިސިޓީގެ އަހުލުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.
އަދި މިދަރަޖައަށް މާލެ މުޑުދާރުވެފައިވި ނަމަވެސް ރޯދަމަހާއި ދިމާކޮށް ސިޓީތެރެ ސާފުކުރުމުގެ ކުރުމުގެ އެއްވެސް މަސައްކަތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހިންގާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ. އަދި ގޯތިގެދޮރު ފޮޅާ ސާފުކޮށް، ރޯދައަށްވާ ތައްޔާރީގައި ގޭބީސީތަކުން އުފެދޭ ކުނި އުކާ، މަގުތަކާއި އާންމު ހުސްޖާގަތައް ސާފުކުރަން އެހެން އަހަރުތަކުގައި ހިންގި ބާވަތުގެ އެއްވެސް ހަރަކާތެއް މާލެ ސިޓީ ކައުންސިލުން މިއަހަރު ހިންގާފައި ނުވާ ކަމަށް ބުނެ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"މާލެއަކީ މަގުތަކާއި ޕާކުތަކާއި އާންމު ހުސްޖާގަތަކަށް ނުކުމެ ނޫޅެވޭވަރު ތަނަކަށް މުޅިން ބަދަލުވަމުން އަންނައިރު، ތަނަވަސްކަމާއި ފެހިކަމާއި ތާހިރުކަމުގެ ޝިއާރުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާ އިންތިހާބުވެ ވަޑައިގެންނެވި މޭޔަރު މާލެ ތާހިރުކުރަން ޕްލޭންކުރައްވާ ގޮތެއް، އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅެއް، ހިންގަވާ މަސައްކަތެއްގެ ހިލަމެއްވެސް ނެތެވެ." ބަޔާނުގައި ވެއެވެ.
އަދި ހަމައެހެންމެ މާލެ ކުނިގޮނޑަކަށް ބަދަލުވަމުންދާއިރު، އަތްއުރާލައިގެން ނުތިބެ، އާންމު ސިއްހަތާއި ސަލާމަތަށް އެކަށޭނަ ގޮތެއްގައި މިސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ޑިމޮކްރަޓްސްއިން ވަނީ މާލެ ސިޓީ ކައުންސިލަށާއި މޭޔަރަށް ގޮވާލާފައެވެ. އަދި ދެމެހެއްޓެނިވި އިންތިޒާމެއްގެ ދަށުން މާލޭގެ ސާފުތާހިރުކަން ކަށަވަރުކޮށް މޭޔަރުގެ ބައި އިލެކްޝަނަށް އެ ޕާޓީން އާންމުކުރި މެނިފެސްޓޯގައިވާ ހަމައިން މާލެއަކީ ލިވަބަލް (ދިރިއުޅޭން ތައްކަތު) ސިޓީއަކަށް ބަދަލުކުރުމަށް ޑިމޮކްރަޓްސްއިން ވަނީ ގޮވާލާފައެވެ.
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނެރެމުންދާކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން، އޭޖެންސީންވެސް ވަނީ އިލްތިމާސްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ބައެއް އާންމުން ވެސް ދަނީ ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ދަނޑިޕާޓީން ހޮވި ހީވާގި މޭޔަރެއް ހުންނާނެ އޭނަ ގާތުގަ ބުނެބަ މަގުތައް ސާފުކޮށްލާށޭ.