މާލެ ސަރަހައްދުގެ މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުޅި މާލެ ސަރަހައްދަކީ "ރެޖިސްޓާޑް ކޮންޓްރޯލް ޒޯނެއް" ގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ތަސްދީގުކޮށް، އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ގުޅޭގޮތުންނާއި، މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަން ހާމަކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ގިނަވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ކަސްޓަމްސްގެ ހިސާބުތަކުން ފެންނަ ގޮތުގައި ރާއްޖެއަށް އެތެރެކުރާ ދެ ފުރޮޅުލީ އަދި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތަކަކީ މާލެ ސަރަހައްދުގައި ދުއްވަން އެތެރެކުރާ އެއްޗެހި ކަމަށާއި، ބިމުގެ ޖާގަ ނެތްއިރުވެސް އުޅަނދު އެތެރެކުރުން ނުހުއްޓި، ޕާކުކުރާނެ ޖާގަ ދުވަހެއް ދުވަހަކަށް ކުޑަވަމުންދާ ކަމަށެވެ.
މި މައްސަލައަކީ ހަމައެކަނި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅަކީ ކަމާގުޅޭ ހުރިހާ މުއައްސަސާތަކާއި ވިޔަފާރިތަކާ މަޝްވަރާކޮށްގެން ހައްލު ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ޗައިނާ ސަރުކާރުގެ އެހީގައި މިއަހަރު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މުޅި މާލެ ސަރަހައްދު ރެޖިސްޓާޑް ކޮންޓްރޯލް ޒޯނަކަށް ބަދަލުކުރުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އޭގެ މާނައަކީ އުޅަނދު ރަޖިސްޓްރީ ނުކުރެވުން ނޫން ކަމަށެވެ. ނަމަވެސް، އެކަން ކުރެވޭނީ ވަކި އުސޫލުތަކަކާއި މިންގަނޑުތަކެއްގެ ތެރެއިން ކަމަށެވެ. މީގެއިތުރުން، އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ ފަދަ އެހެން ސިޓީތަކުގައި ވެސް ތޮއްޖެހުން ބޮޑުވާނަމަ، ކައުންސިލްތަކުގެ ހުށަހެޅުމަށް އެ ސިޓީތައް ވެސް ކޮންޓްރޯލް ޒޯނަކަށް ހެދުމުގެ ފުރުސަތު ގާނޫނުން ލިބިދޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އުޅަނދުތަކާ ގުޅޭ ހިދުމަތްތައް ހޯދުމުގައި އާންމުން އެކި އިދާރާތަކަށް ދާންޖެހޭ ދަތިކަން ހައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ "ގްރޭޓާ މާލެ މޮބިލިޓީ އެންޑް ޓްރާންސްޕޯޓް" ގެ ނަމުގައި ހާއްސަ އޮފީހެއް ގާއިމުކުރައްވާފައެވެ. އަދި ޓްރެފިކާއި ބިމާ ގުޅުންހުރި ކަންކަން އެއް ފުރާޅެއްގެ ދަށުން ހަމަޖެއްސުމަށް ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުވުމުން މާލޭގައި ހިނގާބިނގާވެ އުޅުމާއި، ޕާކިން މައްސަލަތައް ހިމެނޭހެން 11 މައްސަލައަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން، މާލޭގެ ސްކޫލްތަކުން ހުޅުމާލެ ފޭސް 1 އަދި 2 އަށް ދަތުރުކުރާނެ ސްކޫލް ބަސްތައް ހަމަޖެއްސުމާއި، ޓްރެފިކް ފުލުހުންގެ އަދަދު އިތުރުކުރުމާއި، މުޅި މާލޭގެ ޓްރެފިކް އެއްތަނަކުން މޮނިޓާކުރެވޭނެ ޒަމާނީ ސެންޓަރެއް ގާއިމުކޮށް، ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވެސް މި ސިޔާސަތުގެ ދަށުން ކުރިއަށްދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
