މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ސަޅި ހުޅުލެ" ގެ ނަމުގައި މުޅި ހުޅުލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ފަށައިފިއެވެ.

މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިންގް ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުއެވެ.

މިއަދު ހެދުނު 8:00 ގައި މި ކެމްޕެއިން ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގް ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އުއްމީދު ކުރައްވަނީ މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ބޭއްވުންކަމަށް އޭނާ ވިދާޅުވިއެވެ.

މިހަރަކާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މޯލްޑިވް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ވެސް ވަނީ ބައިވެރިވެފައެވެ.

އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ ހުޅުލެ ސާފު ކުރުމުގެ ހަރަކާތް / ފޮޓޯ: އެމްއޭސީއެލް

މިއަދު ހެދުނު 8:00 އިން މެންދުރު 12:00 އަށް ކުރިއަށްގެންދާ މި ހަރަކާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖޯޝާއެކީ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. ހުޅުލޭގެ މައިގަނޑު 9 ދިމާލަކަށް ޓީމްތައް ބަހާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގެ މަގްސަދަކީ މުޅި ހުޅުލެ އެއްކޮށް ސާފުކުރުމެވެ.

ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސާފުކޮށް ބޭއްވުމަށް އެމްއޭސީއެލް އިން މިފަދަ ހަރަކާތްތައް މީގެ ކުރިންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.