ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާ ކުރާ ހަނޑޫ އަދި ފުށް ދޫކުރަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ރޯދަމަހަށް ހާއްސަ ކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާ ކަމަށެވެ. އެގޮތުން ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު ހަނޑުލާއި ފުށް ބަސްތާ ބެހުމަށް ނިންމާފައިވާ އިރު، ރޭގަނދު 8:30 އިން 11:00 އާ ދެމެދު ވެސް އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
މި ކަމަކީ އެސްޓީއޯ އިން ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާ ގުޅިގެން ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ ކަމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން މާލޭ ސަރަހައްދުގައި މުދާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށާއި މާލެ ސަރަހައްދުގައި މުދާ ދޫކުރާނީ މިއަދުން ފެށިގެން މާޗް 16 ގެ ނިޔަލަށް ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މާލޭ ސަރަހައްދުގައި މުދާ ދޫކުރުން ކުރިއަށް ދާނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް ކަމުގައި ވިޔަސް ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް އަދި ރޭގަނޑު 21:00 އިން 23:30 އަށެވެ. މާލެ ސަރަހައްދުގައި މުދާ ދޫކުރުމަށްޓަކައި އެސްޓީއޯއިން ވަނީ ޖުމްލަ ހަތް ތަނެއް ގާއިމް ކޮށްފައެެވެ. އެއީ މާލެއިން ގަލޮޅު ދަނޑާއި، ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭބައި، ސޯޝަލް ސެންޓަރެވެ. ވިލިމާލެ އިން ބިއްރި މިސްކިތް ހޯލް އާއި ހުޅުމާލެ ފޭސް-1 އިން އުމަރު ޒާހިރު ބިލްޑިން އާއި ހުޅުމާލެ ފޭސް-2 ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތް ސެންޓަރެވެ.
އެސްޓީއޯއިން ބުނީ ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެ މުދާ ގޭބީސީ ތަކަށް ދޫކުރާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.
މީގެއިތުރުން ހަދިޔާ ދޫކުރަން ހަމަޖެހިފައި ވަނީ ދިވެހިންނަށް އެކަނިކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހަނޑޫ އަދި ފުށް ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ހަނޑޫ އަދި ފުށް ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ،ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންނަންވާނެ ކަމަށް ސީތީ ކައުންސިލުން ބުނެއެވެ.