ހުޅުމާލެ ފޭސް 2 ގައި މުނި ހޯމް އިން ހެދި މިސްކިތް މިއަދު ހުކުރު ނަމާދަށް ހުޅުވައިފިއެވެ.

1500 މީހުންގެ ޖާގައިގެ މި މިސްކިތް މިއަދު ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ކިސްކިތާއެކު ފޭސް 2 ގައި މިހާރު 3 މިސްކިތް އެބަހުއްޓެވެ. އެއީ މި ރޯދަމަހަށް ތައްޔާރު ކުރި ވަގުތީ މިސްކިތަކާއި ފޭސް 2 ގައި ފުރަތަމަ ހުޅުވި މަސްޖިދު އަމީލް ޖަލީލް އެވެ.

މަސްޖިދު ހަސަން އާދަމް ގެ ނަމުން ނަން ދީފައި ވާ މުނި ހޯމް ގެ މިސްކިތް ހުންނަނީ ނިރޮޅުމަގު ފޭސް 2 ގެ ޓަވަރުތަކާ ދާދި ގާތުގައެވެ.

ހުޅުމާލެ ފޭސް 2 ގައި މުނިހޯމް އިން ހެދި މިސްކިތް ހުޅުވުން

ދެ ބުރިއަށް ހަދާފައި ވާ އެ މިސްކިތާ އެކު ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ޖާގަ ތަނަވަސްކޮށް ނަމާދު ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައި ވާ އިރު މިއަދު ހުކުރު ނަމާދަށް އެ މިސްކިތް އޮތީ އެއްކޮށް ފުރިފައެވެ.

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުގައި ކޮންމެ ފަންގެފިލާއެއްގައި 20 އެޕާޓްމަންޓް ހުރެއެވެ. ޖުމްލަ 6720 އެޕާޓްމަންޓް ހުރި އިރު އެ ހުރިހާ ތަނެއްގައި ވެސް މިހާރު މީހުން ދިރިއުޅެއެވެ.

ހުކުރު ދުވަސް ކަހަލަ ދުވަހެއް ނަމަ ގިނަ ބަޔަކު އެއްފަހަރާ ޖަމާވުމުން ބާރު ބޮޑުވަމުން ދާ އިރު، އެ އާބީއަށް އެކާށޭނަ މިންވަރަކަށް މިސްކިތްތައް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.