ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މައި އޮފީސް ބިނާކުރުމަށްޓަކައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 13,574 އަކަފޫޓުގެ ބިމެއް ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
މާލީ ވުޒާރާ އާއި އެންޑީއެމްއޭއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން، 2018 ވަނަ އަހަރުން ފެށިގެން ދާއިމީ އިމާރާތެއް ނެތި ހިންގަމުން އައި އެންޑީއެމްއޭގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާއިރު އެންޑީއެމްއޭ އިން ބުނީ މިއަދު ހަވާލުކުރެވުނު މި ބިމާއެކު އެ އޮތޯރިޓީ ގެ މަސައްކަތްތަކަށް އިތުރަށް ފުޅާކޮށް ތަރައްގީވެގެން ދާނެކަމަށެވެ.
މީގެ އިތުރުން އެ އޮތޯިޓީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިލުންތެރި ސިޔާސަތުގެ ދަށުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލް ކުރުމަށް ހަމަޖައްސައިދެއްވި މި ބިމުގައި، އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ތަރައްގީކުރުމަށް ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން އެ އޮތޯރިޓީން ބުނީ ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. މި އާ ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ގައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެންޑީއެމްއޭގައި މިހާރަށްވުރެ އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.
2004 ވަނަ އަހަރުގެ ސުނާމީއަށްފަހު އުފެދުނު އެއޮތޯރިޓީ މިއަދާ ހަމައަށްވެސް ހިންގަމުންދަނީ އަމީނީ މަގުގައި ހުންނަ ރިހިޖެހި ކޮށީގައި ހުންނަ އިމާރާތެއްގައެވެ.
